ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު މަހަކަށް

ހެލްތު މިނިސްޓަރު އަހްމަދު ނަސީމް އަދި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު އޯގަސްޓް މަހުގެ ނިޔަލަށް އިތުުރުކޮށްފިއެވެ.

ކޮވިޑް19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ 12 މާޗު 2020 ގައެވެ.

ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ސޮއިކުރައްވައި މިއަދު ނެރެފައިވާ ގަރާރުގައި ވިދާޅުވެފައިވަނީ ރާއްޖޭގައި އަދިވެސް ފުޅާ ދާއިރާއެއްގައި ކޮވިޑް19 ފެތުރުމުގެ ނުރައްކާ އެބަ އޮތް ކަމަށާއި އެހެންކަމުން އެ ނުރައްކާ ކުޑަކުރުމަށާއި އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅާންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާދެއްވާފައިވާތީ, 12 މާޗު 2020 ގައި ރާއްޖޭގައި އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު 2021 އޯގަސްޓް 2 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

ކޮވިޑް19 އާ ގުޅިގެން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ބާރުތައް ތަންފީޒުކުރައްވަމުން ގެންދަވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އާންމު ސިއްހަތުގެ އިއުލާނުކޮށްފައިވާ ހާލަތުގައެވެ.

ކޮވިޑް19 ހުއްޓުވުމަށްޓަކައި މާލެއާއި އަތޮޅުތެރޭގައި އެކިއެކި ފިޔަވަޅުތައް އަޅަމުން ގެންދާ އިރު, މި އަހަރުގެ އޭޕްރިލް އަދި މޭ މަހު ރާއްޖޭގައި ވަރަށް ބޮޑަށް ކޮވިޑް19 ފެތުރުމުގެ ސަބަބުން ހަރުކަށި ފިޔަވަޅުތަކެއް އެޅިއެވެ. އެއަށްފަހު މާލޭގައި މީހުން އެއްތަނުން އަނެއް ތަނަށް ދިއުމާއި ބޭރަށް ނުކުމެ އުޅުން ކޮންޓްރޯލުވުމުން ކޮވިޑް19 ގެ ޕޮޒިޓިވް ނަމްބަރުތައް މާލޭގައި ވަނީ މަދުވެފައެވެ.

ރޭގެ ނިޔަލަށް އެޗްޕީއޭއިން އާންމުކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވީ 143 މީހުންނެވެ. މިވަގުތު ކޮވިޑް19 ޖެހިފައި ތިބި މީހުންގެ އަދަދަކީ 3,359 އެވެ. އަދި ހޮސްޕިޓަލުގައި ބައްޔަށް ފަރުވާ ހޯދަމުން ދަނީ 23 މީހުންނެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑްއަށް ޕޮޒިޓިވްވީ މީހުންގެ އަދަދަކީ ޖުމްލަ 74,074 އެވެ. އެ ބަލީގައި ރާއްޖެއިން 213 މީހަކު މަރުވެފައިވެސް ވެއެވެ.

comment ކޮމެންޓް