އައިޖީއެމްއެޗާއި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ފިޒިކަލް ކޮންސަލްޓޭޝަންސް މާދަމާ ފަށަނީ

މެއި 14، 2020: އައިޖީއެމްއެޗް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 އާއި ގުޅިގެން މާލޭގެ އައިޖީއެމްއެޗްއާއި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލު (އޭއީއެޗް)ގައި މެދުކަނޑާލާފައި އޮތް ފިޒިކަލް ކޮންސަލްޓޭޝަންސް ނުވަތަ ބަލިމީހުން ހޮސްޕިޓަލަށް ގެނެސްގެން ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް މާދަމާ އަލުން ފަށާނެކަމަށް އެ ހޮސްޕިޓަލުތަކުން ބުނެފިއެވެ.

ކޮވިޑް19 ގެ ހާލަތު ރާއްޖޭގައި ގޯސްވުމުގެ ސަބަބުން އައިޖީއެމްއެޗް އަދި އައްޑޫގެ އޭއީއެޗްއިން ދޭ ހިދުމަތްތައް ވަގުތީ ގޮތުން ޑައުންގްރޭޑްކުރިއެވެ. ނަމަވެސް ކޮވިޑް19ގެ ހާލަތު ރަނގަޅުވަމުން އަންނާތީ ދެ ހޮސްޕިޓަލުންވެސް ދިޔައީ ފޯރުކޮށްދޭ ހިދުމަތްތައް ކޮންމެވެސް ވަރަކަށް އިތުރުކުރަމުންނެވެ.

އައިޖީއެމްއެޗުން ބުނި ގޮތުގައި މާދަމާއިން ފެށިގެން އެ ހޮސްޕިޓަލުގެ ހުރިހާ ޑިޕާޓްމަންޓުތަކުންވެސް ބަލިމީހުްނ ހޮސްޕިޓަލަށް ގެނެސްގެން ހިންގޭ އައުޓްޕޭޝަންޓް ހިދުމަތްތައް (އޯޕީޑީ) ހިންގަން ފަށާނެ ކަމަށެވެ.

އޭއީއެޗްއިން ހިދުމަތްތައް ޑައުންގްރޭޑްކޮށްފައި އޮތުމަށްފަހު މިދިޔަ ޖޫން 20 ގައި ބަލިމީހުން ހޮސްޕިޓަލަށް ގެނެސްގެން ފިޒިކަލް ކޮންސަލްޓޭޝަން ފެށީ އޮންލައިން ކޮންސަލްޓޭޝަނަށްފަހު ހޮސްޕިޓަލަށް ގެންނަންޖެހެ ކަމަށް ކަނޑައެޅޭ މީހުން އެކަންޏެވެ. ނަމަވެސް މާދަމާއިން ފެށިގެން ކުރިއެކޭވެސް އެއްގޮތަށް އެޕޮއިންޓްމަންޓް އުސޫލުން ފިޒިކަލް ކޮންސަލްޓޭޝަން ފަށާނެކަމަށް އޭއީއެޗްއިން މިއަދު ބުނެފައިވެއެވެ.

އައިޖީއެމްއެޗުގެ ހިދުމަތްތައް ދޭން ފަށާ ގޮތް:

  • އޯޕީޑީގައި ޑޮކްޓަރުން ބަލިމީހުން ބައްލަވާނީ ހުކުރުދުވަސް ފިޔަވާ ހުރިހާ ދުވަހެއްގެ 08:00 އިން 16:00 އަށެވެ.
  • ފިޒިއޯ ތެރަޕީ އަދި އޮކިއުޕޭޝަނަލް ތެރަޕީ ސެޝަންތައް ހުކުރުދުވަސް ފިޔަވާ ހުރިހާ ދުވަހެއްގެ 08:00 އިން 16:00 ހޮސްޕިޓަލަށް ބަލިމީހުން ގެނަސްގެން ކުރިޔަށް ގެންދަން ފެށޭނެއެވެ.
  • ސްޕީޗް ތެރަޕީ ސެޝަންތައް ހުކުރުދުވަސް ފިޔަވާ ހުރިހާ ދުވަހެއްގެ 08:00 އިން 14:00 ހޮސްޕިޓަލަށް ބަލިމީހުން ގެނަސްގެން ކުރިޔަށް ގެންދަން ފެށޭނެއެވެ.
    • ސެންޓަރ ފޮރ މެންޓަލް ހެލްތުން ހަމައެކަނި އޮންލައިންކޮށް ދެމުން ގެންދާ ހިދުމަތްތައް ހޮސްޕިޓަލަށް ބަލިމީހުން ގެނަސްގެން ހުކުރުދުވަސް ފިޔަވާ ހުރިހާ ދުވަހެއްގެ 08:00 އިން 16:00 ހިދުމަތް ދޭންފެށޭނެވެ.
  • ރޭޑިއޯލޮޖީ ޑިޕާޓްމަންޓުގެ ހިދުމަތްތައް ހުކުރުދުވަސް ފިޔަވާ ހުރިހާ ދުވަހެއްގެ 08:00 އިން 16:00 ދެވެންފެށޭނެވެ.
  • ލެބޯޓަރީގެ ހިދުމަތްތައް ހުކުރުދުވަސް ފިޔަވާ ހުރިހާ ދުވަހެއްގެ 08:00 އިން 16:00 ދެވެންފެށޭނެވެ.
  • ކޮވިޑާއި ގުޅިގެން މެދުކަނޑާލެވިފައިވާ ޓީއެމްޓީ އެންޑްސްކޯޕީ، ކޮލޮނޮސްކޯޕީ އަދި ބްރޮންކްސްކޯޕީގެ ހިދުމަތްތައް ހުކުރުދުވަސް ފިޔަވާ ހުރިހާ ދުވަހެއްގެ 08:00 އިން 16:00 ދެވެންފެށޭނެވެ.
  • ދުރާލާ ރާވައިގެން ކުރަމުންގެންދާ އޮޕަރޭޝަންތައް ކުރަން ފެށޭނެއެވެ.
comment ކޮމެންޓް