ބޯޓުގައި ރޯވި ހާދިސާއަށްފަހު ލަންކާއަށް 176 ވެލާ ލައްގާފައިވޭ

ކޮލަމްބޯ (ޖުލައި 3): މިދިޔަ މެއި މަހުގެ 20ގައި ސްރީލަންކާ ކައިރީގައި އޮތް ކޮންޓެއިނަރު ބޯޓެއްގައި ރޯވި ފަހުން އެގައުމުގެ ގޮނޑުދޮށަށް މަރުވެގެން ލެއްގި ވެލާގެ އަދަދު 176 އަށް އަރައިފި ކަމަށް އެގައުމުގެ ކޯޓަކަށް އަންގައިފި އެވެ.

ސިންގަޕޫރުގައި ރެޖިސްޓާ ކޮށްފައިވާ އެކްސް-ޕްރެސް ޕާލްގައި ރޯވި ހާދިސާއަށް ފަހު ވެލާގެ އިތުރުން 20 ކޯމަހާއި ހަތަރު ބޮޑުމަސް މަރުވެގެން ލައްގާފައިވާކަން، އެ މައްސަލަ ބަލަމުންދާ ކޯޓަށް އެންގެވީ ލަންކާގެ ޑެޕިއުޓީ ސޮލިސިޓާ ޖެނެރަލް މަަދަވާ ތެންނަކޫން އެވެ.

އިންޑިއާއިން ކެމިކަލާއި ކޮސްމެޓިކްސްގެ ބާވަތްތައް އަރުވައިގެން ދަތުރު ކުރަމުން ދަނިކޮށް އެކްސް-ޕްރެސް ޕާލްގައި ރޯވީ ކޮލަމްބޯއާ 9.5 ނޯޓިކަލް މޭލު ދުރުގައި އޮއްވަ އެވެ. އެ އަލިފާންގަނޑު ނިއްވާލިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ބޯޓު އަޑިއަށް ގޮސްފައިވާކަން ލަންކާއިން ވަނީ މިދިޔަ މަހު އިއުލާންކޮށްފަ އެވެ.

އެ އަލިފާންގަނޑުގެ ސަބަބުން ބޯޓުގައި ހުރި ގިނަ މުދާ އަނދާފައިވީ ނަމަވެސް އޭގެ ކުނިބުނި ލަންކާގެ ގޮނޑުދޮށްތަކަށް ލައްގާފައިވެ އެވެ. އޭގެ ތެރޭގައި ތެލާއި ޕްލާސްޓިކް ޕެލެޓު ހިމެެނެ އެވެ.

އެ ބޯޓުގައި ހުރި ކެމިކަލްތަކުގެ ސަބަބުން ކަނޑުގެ ސަރަހައްދަށް ލިބުނު ގެއްލުންތައް އަހަރުތަކަށް ދެމިގެންދާނެ ކަމުގެ ބިރު ކަމާ ބެހޭ މާހިރުން ވަނީ ފާޅުކޮށްފަ އެވެ.

ލަންކާގެ ސަރުކާރުން ވަނީ އެ ބޯޓުން ލިބުނު ގެއްލުމުގެ ބަދަލުގައި، ބޯޓުގެ އޮޕަރޭޓިން ކުންފުނި އެކްސް-ޕްރެސް ފީޑާސްއިން 40 މިލިއަން ޑޮލަރު ހޯދައި ދިނުމަށް ކޯޓުގައި އެދިފަ އެވެ.

comment ކޮމެންޓް