ސައިބާ ކްރައިމްތައް 63 އިންސައްތަ އިތުރުވެއްޖެ

އިންޓަނެޓުގެ ޒަރީއާއިން ހިންގާ ސައިބާ ކްރައިމްގެ މައްސަލަތައް މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 63 އިންސައްތަ އިތުރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ސައިބާ ކްރައިމްއާއި ބްލެކްމެއިލް ކުރުމާ ގުޅޭގޮތުން "ރާއްޖެ ޓީވީ"ގައި ރޭ ވާހަކަދައްކަވަމުން ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އައިމިނަތު މުހައްމަދު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި ލޮކްޑައުންއާ އެކު ގިނަ ބަޔަކު ގޭގައި ތިބެންޖެހުމުގެ ސަބަބުން އެ އެ މުއްދަތުގެ ތެރޭގައި ސައިބާ ކްރައިމްގެ މައްސަލަތައް ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަަމަށެވެ.

އެގޮތުން ލޮކްޑައުންގެ ތެރޭގައި 2019 އާ އަޅައި ބަލާއިރު 2020 ވަަނަ އަަހަރު އެފަދަ މައްސަލަތައް ރިކޯޑު ކުރެވުނު ވަރު 58 އިންސައްތަ އިތުރުވެފައިވާ ކަމަށް އައިމިނަތު މުހައްމަދު ވިދާޅުވިއެވެ. އަދި މި އަހަރުގެ މިހާތަނަށް ބަލާއިރު، ޖޫން މަހުގެ ނިޔަލަށް އެފަދަ މައްސަލަތައް 63 އިންސައްތަ އިތުރުވެފައި ވާކަން ފާހަގަކުރެއްވިއެވެ.

ސައިބާ ކްރައިމްގެ މައްސަލަތައް ބޮޑަށް ދިމާވެފައި ހުންނަނީ ފްރީ ވައިފައި ޒޯންތަކުގައިކަން ފާހަގަކުރައްވައި އައިމިނަތު މުހައްމަދު ވިދާޅުވީ ސަބަބަކީ ގިނަ ފަރާތްތަކުން އެފަދަ ޒޯންތަކުން ވައިފައި ބޭނުންކުރުމުގެ ސަބަބުން ހެކް ކުރަން ފަސޭހަވެގެންދާ ކަމަށެެވެ.

ސައިބާ ކްރައިމް އަދި ބްލެކްމެއިލްގެ މައްސަލަތައް ބޮޑަށް އަމާޒުވެފައި ހުންނަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށް ކަން ޕްރޮގުރާމުގެ ތެރެއިން ވަނީ ފާހަގަކޮށްފައެވެެ.

"މީގެ ތެރޭގައި އަންހެން ފިރިހެން ބަލައިލާއިރު، އަންހެނުންނައްވުރެ ފިރިހެނުން މައްސަލަ ހުށަހަޅާލެއް ވަރަށް މަދު. އަންހެނުންގެ ނިސްބަތުން ބަލައިލާއިރު. ގިނަ މައްސަލަތަކުގަ އަންހެން ކުދިން ވިކްޓިމް އަކަށް ވެފައި މި ހުންނަނީ، ދެން ވިކްޓިމް ފިރިހެނުން، އަނިޔާ ލިބޭ ފިރިހެނުން މައްސަލަ ހުށަހަޅާލެއް ވަރަށް މަދު" އައިމިނަތު ވިދާޅުވިއެވެ.

މިފަދަ މައްސަލަތައް މަދުކުރުމަށް ރައްކާތެރިގޮތުގައި އިންޓަނެޓު ބޭނުންކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު މީހުންގެ އަތުން މަކަރާ ހީލަތުން ފައިސާ ހޯދުންވެސް އިތުރުވެފައިވާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ. ފުލުހުން ހާމަކުރި ގޮތުގައި މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ ޖޫން 16 ގެ ނިޔަލަށް އެކި މީހުންގެ އަތުން 7.4 މިލިއަނަށްވުރެ ގިނަ ރުފިޔާ މަކަރާއި ހީލަތުން ވަނީ އަތުލާފަ އެވެ.

comment ކޮމެންޓް