އައްޑޫ ދޯންޏެއް ބިނދިއްޖެ، ފުރަތަމަ ފެނުނު ބޯޓުން އެހީ ނުވި!

"މޯހިރި" ދޯނި ބިނދިފައި -- ފޮޓޯ/ އެމްއެންޑީއެފް

25 ފަޅުވެރިންނާ އެކު ގއ. ދެއްވަދޫ ގެ އުތުރުން 8.95 ނޯޓިކަލް މޭލް ބޭރުން މަސްވެރިކަން ކުރަމުން ދިޔަ "މޯހިރި" ދޯނި މެދުން ބިންދައިގެން ދިޔައީ މިއަދު ފަތިހުގެ ވަގުތެއްގައެވެ.

އައްޑޫ ސިޓީ ހިތަދޫ "މޯހިރި" ދޯނި ބިންދައިގެން ގޮސްފައިވާކަން އެމްއެންޑީއެފުން ވެސް ބުނެއެވެ.

"ސަން" އަށް މައުލޫމާތު ދެމުން ދޯނީގެ ކެޔޮޅު ބުނީ، މި ހާދިސާ ހިނގީ ފަތިސް ގަޑީގައި ވިއްސާރަވެ ވައިބާރު ވުމުން ކަމަށެވެ.

"ފަރެއް ކައިރީ ތިބެލާފަ ފަރު ކައިރީ ވެސް ނުތިބެވޭ ވަރަށް ރާޅުތައް ބޮޑުވީމަ، ފަރުން ނަގައިގެން ދިޔައީ ނިވަލުގައި އޮތް ރަށަކަށް ދާންވެެގެން. ގިރިހުއްޓާ ކިޔާ ރަށަކަށް. ހަމަ މަޑުމަޑުން ރާޅަކަށް ދޯނި ވައްޓާލާފައި ބިންދައިގެން ދިޔައީ," ކެޔޮޅު ކިޔައިދިނެވވެ.

ކެޔޮޅު ބުނީ ހާދިސާ ހިނގާފައި ވާނީ، ހީވާ ގޮތުގައި ހައެއް ނުވަަތަ ހަގަޑި ބައި ހާއިރު ކަމަށެވެ. އަދި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އޭނާގެ ހިތްހަމަނުޖެހުން ބަންޑުންކޮށްލީ "މޯހިރި" ދޯނި ބިނދިގެން ފަޅުވެރިން ހާލުގައި ތިއްބާ އެތަނަށް ފުރަތަމަ އައި ދޯނިން ބަހަނާތަކެއް ދައްކައިގެން އެމީހުންނަށް އެހީ ނުވުމުންނެވެ.

"އެންމެ ފުރަތަމަ މިތަނުގެ ކައިރިން އައި އެހެން ދޯންޏެއް. އައިސް އެމީހުން ހިނގައްޖެ. އަޅުގަނޑުމެން ބުނިން އެމީހުން ކައިރީގައި އަޅުގަނޑުމެން [ނަގައިގެން] ކޮންމެވެސް ތަނަކަށް [ގެންގޮސްދޭށޭ]. ބުނީމަ ބުނީ ކޮންމެވެސް ފޯމުތަކެއް ފުރާ ވާހަކަ. އެކަމެއްގެ އޮންނަ މަގެއްގެ މަތިން ތާ ދެވޭނީ ދޯ."

އެހީވާން ދެކޮޅު ހެދި ބޯޓު އެހިސާބުން ނުދަނީސް އެތަނަށް "ޑޭޒީވިއު" ކިޔާ ބޯޓަކަށް އާދެވުނު ކަމަށާއި, ބިނދުނު "މޯހިރި" ދޯނީގެގެ ފަޅުވެރިންނަށް އެހީވީ ޑޭޒީވިއުއިން ކަމަށް ކެޔޮޅު ބުންޞެވެ. އަދި މިވަގުތު ވެސް "ޑޭޒީވިއު" ދޯންޏާއި އެމްއެންޑީއެފް ކޯސްޓްގާޑް ކައިރީގައި އެބަ އޮތް ކަމަށް ކެޔޮޅު ބުނެއެވެ.

"ތަންކޮޅެއް ލަހުން [އެކަމަކު] އެމްއެންޑީއެފްއިން އައީ، މިހާ ބޮޑު ހާދިސާއެއް ހިނގި އިރު ކިރިޔާ ފަރުމައްޗަށް އަރާ ނާރާ. އެމީހުންނަށް އާދެވުނު އިރު އޮތީ 9 ޖަހާފަ ގާތްގަނޑަކަށް."

ކެޔޮޅު ބުނީ ހާދިސާ ހިނގުމުން ފިޝަރީޒް މިނިސްޓަރު ވެސް ގުޅި ކަމަށާއި، ދޯނީގެ ކަންކަން ބަލައި ހާލު ވެސް ބެލި ކަމަށެވެ. އަދި މިވަގުތު ކައިރީގައި އޮތް "ޑޭޒީ ވިއު" ދޯންޏާއި އެމްއެންޑީއެފް ގެ އެހީތެރިކަން ވެސް ލިބެމުން ދާ ކަމަށެވެ. އަދި އެންމެންގެ އެހީތެރިކަން ވެސް ރަނގަޅު ކަމަށް ކެޔޮޅު ބުނެއެވެ.

މި ހާދިސާ އާ ގުޅިގެން އެމްއެންޑީއެފް އިން ބުނެފައި ވަނީ، މޫސުން ގޯސްވެ، "މޯހިރި" ދޯނީގެ މެދުން ބިންދައިގެން ދިޔަ ހާދިސާގެ ރިޕޯޓް 07:11 ހާއިރު އެމްއެންޑީއެފް އަށް ލިބިފައި ވާ ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޑްގާޑް ސްކޮޑްރަން އިން ހަރަކާތްތެރި ވާން ފަށާފައި ވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

comment ކޮމެންޓް