ހަނިމާދޫއަށް ޖައްސަން ދިޔަ ފްލައިޓަށް އިންޑިއާ ސިފައިން ޖާގަ ނުދިން ވާހަކަ ދޮގުކޮށްފި

ހަނިމާދޫ އެއާޕޯޓު

ހދ. ހަނިމާދޫއަށް ޖައްސަން ދިޔަ ގައުމީ އެއާލައިނުގެ ފްލައިޓަކަށް އިންޑިއާ ސިފައިން ޖާގަ ނުދީގެން ފްލައިޓު ނުޖެއްސި ލަސްވިކަމަށް ބުނެ މީޑިއާގައި ފަތުރަނީ ދޮގު ހަބަރެއް ކަަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު "ޗެނަލް 13" އިން ގެނެސްދިން ހަބަރެއްގައި ބުނެފައިވަނީ އެ މަހުގެ 29 ވަނަ ދުވަހު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި މޯލްޑިވިއަންގެ ފްލައިޓެއް އިންޑިއާ ސިފައިން ހުއްދަ ނުދީގެން ރަންވޭއަށް ނުޖެއްސި 30 މިނެޓު ވަރު ހަނިމާދޫ މަތީގައި "އެނބުރެން ޖެހުނު" ކަމަށެވެ.

މިކަމާ ގުޅިގެން މޯލްޑިވިއަން އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެއީ ދޮގު ހަބަރެެއް ކަމަށާއި އެ ދުވަހު މޯލްޑިވިއަންގެ ބޯޓުތައް ޝެޑިއުލްއާ އެއްގޮތަށް އޮޕަރޭޓްކޮށްފައިވާ ކަމަށެވެ.

ޗެނަލް13 އިން ބުނެފައިވަނީ، ހަނިމާދޫ އެއާޕޯޓަށް ފްލައިޓު ޖެއްސުން ލަސްވީ އިންޑިއާގެ ޑޯނިއާ މެރިޓައިމް ސަވަޔަލެންސް މަތިންދާ ބޯޓުގެ މަސައްކަތެއް ކުރާ ކަމަށް ބުނެ ކަމަށާއި، ފަހުން ފްލައިޓަށް ޖެއްސޭވަރުވީ މާލޭގައި ތިބި ބަޔަކު އިންޑިއާ މީހުންގެ ކައިރީ އާދޭސްކޮށްގެން ކަމަށެވެ.

އެ ހަބަރު މޯލްޑިވިއަން އިން ދޮގުކޮށްފައި ވާއިރު، އިންޑިއާއާ ގުޅިގެން ބައެއް މީޑިއާތަކުގައި ފަތުރާ ހަބަރުތަކާ ގުޅިގެން ފޮރިން މިނިސްޓްރީން ދާދި ފަހުން ވަނީ ރާއްޖެއާއި ބޭރުގެ ގައުމުތަކާ ދެމެދު އޮންނަ ޒަމާންވީ ގުޅުންތަކަށް ނޭދެވޭ އަސަރު ނުކުރާނޭހެން ރާއްޖޭގެ މީޑިއާތަކުގެ މަސައްކަތް ކުރުމަށް އަންގާފައެވެ.

comment ކޮމެންޓް