ޓެކްސް މައްސަލާގައި ޓްރަމްޕް އޯގަނައިޒޭޝަނާ ދެކޮޅަށް ދައުވާކޮށްފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ ކުންފުނީގެ ސީއެފްއޯ އެލެން ވައިސެލްބާގް -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (ޖުލައި 1): ޓެކުހަށް މަކަރުހެދުމުގެ ތުހުމަތުގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކުންފުންޏާއި އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު އެލެން ވައިސެލްބާގާ ދެކޮޅަށް ދައުވާކޮށްފި ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

އެމެރިކާގެ ނިއު ޔޯކް ޓައިމްސްއިން ރިޕޯޓު ކުރި ގޮތުގައި ޓްރަމްޕް އޯގަނައިޒޭޝަން ތަމްސީލު ކުރާ އޮފިޝަލުންނާއި ވައިސެލްބާގް މިއަދު މަންހަޓަންގެ ކްރިމިނަލް ކޯޓަށް ހާޒިރުވާނެ އެވެ. ނަމަވެސް އެކުންފުންޏާއި ސީއެފްއޯއާ ދެކޮޅަށް ކުރީ ކޮން ދައުވާއެއް ކަމެއް އަދި ޔަގީން ނުވެ އެވެ.

އާއިލީ ވިޔަފާރިއެއް ކަމަށްވާ ޓްރަމްޕް އޯގަނައިޒޭޝަނުން ހިންގާ ތަންތަނުގެ ތެރޭގައި ހޮޓެލްތަކާއި ގޮލްފް ކްލަބްތައް ހިމެނެ އެވެ.

ޓްރަމްޕާއި އޭނާއަށް ތާއިދު ކުރާ މީހުން ވަނީ އޭނާގެ ކުންފުންޏާ ބެހޭ ގޮތުން ކުރިއަށްގެންދަނީ ސިޔާސީ ތަހުގީގުތަކެއް ކަމަށް ބުނެފަ އެވެ. އަދި ވައިސެލްބާގް މިދިޔަ ހަފްތާގައި ނެރުނު ބަޔާނެއްގައި ވަނީ އެ ތަހުގީގުގައި ބަލަނީ އެމެރިކާގެ ވިޔަފާރީގެ މާހައުލުގައި އާއްމުކޮށް ކުރާ ކަންތައްތަކެއް ކަމަށާއި އެއީ އެއްގޮތަކަށްވެސް ކުށެއްގެ ގޮތުގައި ބެލެވޭނެ ކަންތައްތަކެއް ނޫން ކަމަށް ބުނެފަ އެވެ.

ޓްރަމްޕް އޯގަނައިޒޭޝަނުން ޓެކުހަށް މަކަރު ހެދިކަން ސާބިތުވެއްޖެ ނަމަ އެ ކުންފުނިން ޖޫރިމަނާ ދައްކަން ޖެހި، ބައެއް ވިޔަފާރި ޕާޓްނަރުން އެ ކުންފުންޏާ ގުޅުން ކަނޑާލުން އެކަށީގެންވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. ނަމަވެސް އެމައްސަލާގައި ސީދާ ޓްރަމްޕަށް ދައުވާ ކުރުމަކީ އެކަށީގެން ނުވާ ކަމެއް ކަމަށް ބީބީސީން ރިޕޯޓު ކުރި އެވެ.

މީގެ ކުރިން، މިދިޔަ ޖެނުއަރީ މަހުގެ ހަޔެއްގައި ޓްރަމްޕަށް ތާއިދު ކުރާ ބަޔަކު އެމެރިކާގެ ކޮންގްރެސް އިމާރާތަށް ވަދެ ހަމަނުޖެހުން ހިންގުމާ ގުޅިގެން، ނިއު ޔޯކް ސިޓީން ވަނީ ޓްރަމްޕް އޯގަނައިޒޭޝަނާ އެކު ހަދާފައިވާ ކޮންޓްރެކްޓުތައް އުވާލާފަ އެވެ.

އެމެރިކާގައި 2017އިން ފެށިގެން މިއަހަރުގެ ޖެނުއަރީ މަހާ ޖެހެންދެން ވެރިކަން ކުރެއްވި ޓްރަމްޕް ވަނީ 2024 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމުގެ އިޝާރާތްތައް ކުރައްވާފަ އެވެ.

comment ކޮމެންޓް