ނަޝީދަށް ފިޔަވަޅު އެޅުމަށް ގޮވާލައި މިނިސްޓަރު އިމްރާނަށް ސަލަފުގެ ސިޓީއެއް

ނޮވެމްބަރ 22، 2019: ސަލަފް ޖަމިއްޔާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނިމިދިޔަ އެމްޑީޕީގެ އަހަރީ ދުވަހުގައި އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނާޅާތީ، ކަންބޮޑުވުން ފާޅުކުރައްވައި ޖަމިއްޔަތުލް ސަލަފުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ސިޓީއެއް ފޮނުވައިފިއެވެ.

އެމްޑީޕީގެ އަހަރީ ދުވަހު އޮތް ހަފްލާއެއްގައި ވާހަަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރާއްޖޭގައި ޖާނުން ފިދާވުމުގެ ހަމަލާ ދިނުން ވަރަށް ގާތް ކަމަށާއި، އެފަދަ ހަމަލާތައް ރާވާ މީހުންނާ ދޭތެރޭގައި ވަރަށް ފުންކޮށް ވިސްނައި ގިނަ އަދަދެއްގެ ބަޔަކު ހިފާ ހައްޔަރު ކޮށްގެން ނަމަވެސް ރާއްޖެއަށް މިހާރު ދިމާވާން މިއުޅޭ ކަންކަމުން އަރައިގަންނަން ޖެހޭ ކަމަށެވެ.

މިކަމާ ކަންބޮޑުވުން ފާޅުކުރައްވައި ސަލަފް ޖަމިއްޔާއިން މިނިސްޓަރު އިމްރާނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ މުނާސަބަތުގައި ރައީސް ނަޝީދު، ގާނޫނުއަސާސީގެ އަސާސްތައް މުގުރައި ބާރުކެނޑުމުގެ މަގަށް އާއްމުކޮށް ވާހަކަދައްކަވާފައިވާ ކަމަށެވެ.

ގާނޫނުއަސާސީ ނެގެހެއްޓުމަކީ ކޮންމެ ރައްޔިތަކަށްމެ ގާނޫނީގޮތުން ލާޒިމްކުރުވާ ކަމެއްކަމަށްވެފައި، އެގާނޫނުތައް ހިމާޔަތްކޮށް ތަންފީޒުކުރާ ފަރާތްތަކާއި، ގާނޫނުތައް ހެދުމުގެ މައި މަޖިލީހުގެ އެންމެ އިސްފަރާތްތަކުން އެ މޭރުމުން ވާހަކަ ދެއްކެވުމީ ކުށަކަށް ވާނެ ކަމަށް އެ ޖަމިއްޔާގެ ބަޔާނުގައި ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނަކާ އެއްގޮތްވާ ގޮތުގެމަތީން މެނުވީ، އެއްވެސް މީހެއްގެ ގަޔަށް އަތްލައި، ހިފައި، ހައްޔަރުކޮށް، އަދި ބަންދުކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާރު، ރައީސް ނަޝީދު ދެއްކެވީ ބަޔަކު މީހުން ކުށެއްގެ ތުހުމަތުގައި ހިފައި ހައްޔަރުކޮށް، މުއްދަތެއް ނެތްގޮތަށް ބަންދުގައި ބޭތިއްބުމުގެ ވާހަކަފުޅު ކަމަށް ސިޓީގައި ބުނެފައިވެއެވެ. އަދި އެ ވާހަކަފުޅުގެ މޭރުމުން އެއީ ސަމާސާ ވާހަކަފުޅެއް ނޫންކަންވެސް އަޑުއެހި އެންމެހާފަރާތްތަކަށް ދޭހަވާނެކަމުގައި ބުނެފައިވެއެވެ.

ރައީސް ނަޝީދަކީ މީގެ ކުރީންވެސް ގާޒީއަކު ހައްޔަރުކޮށް ކޯޓުގައި ތަޅުއަޅުވައި ގާނޫނުން ބޭރުން އެތައް ޖަރީމާއެއް ހިންގައި ގާނޫނު އަސާސީގެ ބާރު ކަނޑުވާލާފައިވާ ބޭފުޅެއް ކަމަށް ސިޓީގައި ބުނެފައިވެއެވެ.

އަނެއްކާވެސް ރައީސް ނަޝީދު އެފަދަ މޭރުމުން ޖަރީމާކުރެއްވުމުގެ ވާހަކަ ފަހުރުވެރިކަމާއެކު، އާއްމުކޮށް ތަގުރީރުކުރެއްވުމާއެކުވެސް އެކަށީގެންވާ ފިޔަވަޅު ނާޅުއްވަވައި ދޫކުރައްވައިފިނަމަ، އެކަމުގެ ސަބަބުން ދެން ރައްޔިތުންގެ މެދުގައި އުފެދޭ ނުތަނަވަސްކަމާ، އޭގެ ނަތީޖާއެއްގެ ގޮތުން ގައުމުގެ ދާހިލީ އަމަންއަމާން ކަމަށް އަންނަ ލޮޅުންތަކާމެދު ހޯމް މިނިސްޓަރު ޒިންމާނަންގަވަން ޖެހޭނެ ކަަމަށް ސަލަފުގެ ފަރާތުން ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

ސަލަފުގެ ސިޓީގައި އިތުރަށް ބުނެފައިވަނީ ގާނޫނުގެ އިމުގެ ބޭރުން މީހުން ހައްޔަރުކޮށް، އެބައެއްގެ އަސާސީ ހައްގުތަކަށް އަރައިގަތުމަށް ދެއްކެވި ވާހަކަފުޅާއެކު، އެފަދައިން ޣައިރު ގާނޫނީ އަމަލު ހިންގަވައިފިނަމަ، ދެންތިބި ރައްޔިތުންނަށް އެދެއްކެވުނީ ނުބައިކަންބޮޑު ނަމޫނާއެއް ކަމަށެެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ކުލަބު ހައުސްގެ އެމްޑީޕީ ހަރުގެ އިފުތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ޓެރެރިޒަމްގެ އަމަލުތަކާއި އޭގެ ފިކުރުގައި އުޅޭ ކަމަށް ފެންނަ މީހުންގެ ތެރެއިން އެތައް ބަޔަކަށް ވަރަށް ފަސޭހައިން މައާފު ލިބި ދޫވެގެންދާ ކަމަށެވެ. އަދި އެފަދަ ނުރައްކާތެރި ރޭވުންތައް ރާވާ މީހުންނާ ދޭތެރޭގައި ވަރަށް ފުންކޮށް ވިސްނައި ގިނަ އަދަދެއްގެ ބަޔަކު ހިފާ ހައްޔަރު ކޮށްގެން ނަމަވެސް ރާއްޖެއަށް މިހާރު ދިމާވާން މިއުޅޭ ކަންކަމުން އަރައިގަންނަން އެބަ ޖެހޭ ކަމަށެވެ.

ރައީސް ނަޝީދުގެ މި ވާހަކަތަކާ ގުޅިގެން ސަލަފްގެ އިތުރުން އިދިކޮޅު ކޯލިޝަނުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

comment ކޮމެންޓް