ކޮވިޑް ޖެހިގެން ވިލިނގިލިން މީހަކު މަރުވެއްޖެ

ގއ. ވިލިނގިލި: ސަން ފައިލް ފޮޓޯ

ކޮވިޑް 19 ޖެހިގެން ފަރުވާދެމުންދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕިއޭ) އިން ބުނީ މަރުވެފައިވަނީ ގއ. ކޮވިޑް މެނޭޖްމަންޓު ފަސިލިޓީގައި ފަރުވާދެމުންދިޔަ 81 އަހަރުގެ ދިވެހި އަންހެނެއް ކަމަށެެވެ. އެމީހާ މަރުވެފައިވަނީ ރޭ 04:55 ހާއިރު ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ގއ.އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފް އަހުމަދު "ސަން" އަށް ވިދާޅުވީ އެމީހާ މަރުވެފައިވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭތާ 10 ވަރަކަށް ދުވަސް ފަހުން ކަމަށެވެ.

މި މަރާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި ޖުމްލަ މީހުންގެ އަދަދު ވަނީ 212 އަށް އަރާފައެވެ. މިއީ ފައިތުވި 24 ގަޑިއިރު ތެރޭގައި މަރުވި ދެވަނަ މީހާއެވެ.

ރޭގެ ވަގުތެއްގައި ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ކޮވިޑަށް ފަރުވާދެމުންދިޔަ 91 އަަހަރުގެ އަންހެނަކުވެސް ވަނީ ނިޔާވެފައެވެ.

ރާއްޖެއިން އިއްޔެވެސް 138 މީހުން ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައެެވެ. މިވަގުތު ރާއްޖޭގައި ބަލި ޖެހިފައިތިބި 3،602 މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދަނީ 28 މީހުންނަށެވެ.

comment ކޮމެންޓް