ހޯރަފުށީ އެއާޕޯޓު ރަންވޭ ހިމެނޭ ގޮނޑުދޮށް ހިމާޔަތްކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ހޯރަފުށި އެއާޕޯޓުގެ ރަންވޭގެ ހުޅަނގު ފަރާތު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުން -- ފޮޓޯ/ އެމްޓީސީސީ

ހއ. ހޯރަފުށީ އެއާޕޯޓް ރަންވޭގެ ހުޅަނގު ފަރާތުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އިއްޔެ އެ މަޝްރޫއު ހަވާލުކުރުމަށް ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޓީސީސީއިން ބުނީ ހޯރަފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން، އެރަށު އެއާޕޯޓު ރަންވޭގެ ދެފަރާތުގައި 861،2 މީޓަރުގެ އެއްގަމުތޮށި ލުމާއި ކޯޒްވޭގެ ދެފަރާތުން އޮއިދެމޭ ނިޒާމެއް ޤާއިމް ކުރުމުގެ މަސައްކަތް ހިމެނެއެވެ. އެ މަޝްރޫއަކީ 5.90 މިލިއަން ރުފިޔާ އަށް، 360 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

މިދިޔަ މަހު ރާއްޖެއަށް ކުރި ވިއްސާރައިގައި ހއ. ހޯރަފުއްޓަށް ރާޅު އަރައި، އެ ރަށުގެ އެއާޕޯޓު ސަރަހައްދުގައި ފެންބޮޑުވެފައި -- ފޮޓޯ/ އެމްއެންޑީއެފް

ހޯރަފުށީ އެއާޕޯޓު ރަންވޭގެ ހުޅަނގު ފަރާތް ގޮނޑުދޮށް ހިމާޔަތްކުރުމަށް ސަރުކާރުން ހަވާލުކޮށްފައި މިވަނީ މިދިޔަ މަހު ރާއްޖެއަށް ކުރި ވިއްސާރާގައި ހޯރަފުށީ އެއާޕޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެންނެވެ.

ގަދަ ވަޔާއި ވިއްސާރައިގައި އެއާޕޯޓަށް އުދަ އަރައި، ޓާމިނަލް އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެރަށަށް ވަރަށް ބޮޑަށް އުދަ އެރި އިރު، އުދައިގެ އަސަރު އެއާޕޯޓު ހައިވޭއަށާއި ރަންވޭއަށްވެސް ވަރަށް ބޮޑަށް ކުރި އެވެ.

https://sun.mv/152262

އުދަ އެރުމުގެ ސަބަބުން އެއާޕޯޓުގެ ހައިވޭ އަދި ރަންވޭއަށް ވެއްޔާއި ގާ އަރައި، ލިބުނު ގެއްލުން އެސެސްކޮށް، މަރާމާތުގެ މަސައްކަތްތައް ނިމެންދެން އެއާޕޯޓު އޮތީ ބަންދުކޮށްފަ އެވެ.

ނަމަވެސް މިހާރު އެއާޕޯޓު މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީ އިން ވަނީ ނިންމާލާފައެވެ.

comment ކޮމެންޓް