ވީ20 ފައިނޭންސް ސަމިޓުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ

ޖުލައި 13، 2020: ރައީސް ނަޝީދު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އިގްތިސާދަށް އެންމެ ބޮޑަށް އަސަރުކުރާނެ ގައުމުތަކުގެ ފިނޭންސް މިނިސްޓަރުންގެ މެދުގައި ބާއްވާ ފުރަތަމަ ބައްދަލުވުން "ފަސްޓް ވީ20 ކްލައިމެޓް ވަލްނަރަބަލްސް ފައިނޭންސް ސަމިޓު"ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މިއީ މި އަހަރުގެ މޭ މަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް މާލޭގައި ދިން ހަމަލާއަށްފަހު އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ މިފަދަ ބައިނަލްއަގުވާމީ ފުރަތަމަ އިވެންޓެވެ.

އަންނަ މަހުގެ އަށްވަަނަ ދުވަހު އޮންލައިންކޮށް ބޭއްވުމަށް ތާވަލުކޮށްފައިވާ އެ ސަމިޓު އިންތިޒާމުކުރަނީ ބަންގްލަދޭޝް ސަރުކާރުންނެވެ. އެގައުމުގެ ބޮޑުވަޒީރު އަދި ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ޗެއަރ ޝެއިހް ހަސީނާ އިފްތިތާހުކޮށްދެއްވާ މި ސަމިޓަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނިޒާމީގޮތެއްގައި އެންމެ ލޮޅުން އެރުން ބޮޑު އިގްތިސާދުތަކުގެ މެދުގައި ބޭއްވޭ މިފަދަ ފުރަތަމަ ސަމިޓެވެ.

މިސަމިޓުގެ ވެރިންގެ ބައްދަލުވުމުގެ ކޯޗެއާއެއްގެ ހައިސިއްޔަތުން ވާހަކަފުޅުދެއްކެވުމަށް ހަމަޖެހިފައިވާ ރައީސް ނަޝީދަކީ ސީވީއެފްގެ ފައުންޑިންގް ޗެއާ އަދި ތީމެޓިކް އެމްބެސެޑާ ފޯރ އެމްބިޝަނެވެ.

މިސަމިޓުގެ އެންމެ މަތީ ފެންވަރުގެ ވަށްމޭޒު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނީ ވަލްނަރަަބަލް 20 ގްރޫޕް (ވީ20) ގެ 48 މެމްބަރު ގައުމުގެ އެންމެ އިސްވެރިންގެ އިތުރުން އެގައުމުތަކުގެ ފައިނޭންސް މިނިސްޓަރުންނެވެ. އަދި ޖީ7 އާއި ޖީ20 ގައުމުތަކުގެ މަންދޫބުންނެވެ. އަދި ބައިނަލްއަގްވާމީ މާލީ އަދި ތަރައްގީގެ ޖަމިއްޔާ ޖަމާއަތްތައްވެސް މި ސަމިޓުގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ސްކޮޓްލަންޑުގެ ގްލަސްގޯވްގައި ބޭއްވުމަށް ހަމަޖެހިފައިވާ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ދުނިޔޭގެ ފެންވަރުގެ ބައްދަލުވުން – ކޮޕް26ގެ ކުރިން މޫސުމަށް އަންނަ ބަދަލުތަކުން އެންމެ ބޮޑު އިގްތިސާދީ ލޮޅުން އަރާނެ ގައުމުތައް، ކޮޕް26ގައި އެންމެ ބާރު އަޅާންވީ ހަމަތަކާއި، ސިޔާސަތުތަކާއި، ހިޔާލުތަކުގެ މައްޗަށް މަޝްވަރާ ބަދަލުކޮށް، އެއްގަލަކަށް އަރައި، އެއްބަސްވެވޭނެ ގޮތްތަކެއްގެ މައްޗަށް އަލިކުރުމީ “ފަސްޓް ވީ20 ކްލައިމެޓް ވަލްނަރަބަލްސް ފައިނޭންސް ސަމިޓު”ގެ މަގްސަދެވެ.

comment ކޮމެންޓް