21 އަހަރަށްފަހު މެސީ ބާސެލޯނާގެ ކޮންޓްރެކްޓުން ބޭރަށް

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ --- ފޮޓޯ/ ޖޯ ރައިޓް

ބާސެލޯނާގެ ކެޕްޓަންގެ މަގާމުގައި ހުރި އެ ކުލަބުގެ ލެޖެންޑް ލިއޮނެލް މެސީ 2000 ވަނަ އަހަރު ކޮންޓްރެކްޓް ހެދުމަށްފަހު ފުރަތަމަ ފަހަރަށް ކޮންޓްރެކްޓެއް ނެތި ފްރީ އެޖެންޓަކަށް ވެއްޖެ އެވެ.

އެކި ސަބަބުތަކާ ހުރި މީގެ އަހަރެއްހާ ދުވަސް ކުރިން ބާސެލޯނާ ދޫކޮށްލަން ބޭނުންވާ ކަމަށް ބުނެ އެކުލަބުގެ ރައީސްއާއި މެނޭޖްމެންޓަށް ފެކްސްގެ ޒަރިއްޔާ އިން އެކަން ހާމަކުރި ނަމަވެސް އެކުލަބުން މެސީ ދޫކޮށްނުލައި ހުއްޓާ ރޭގެ ނިޔަލަށް މެސީގެ ކޮންޓްރެކްޓް ވަނީ ހަމަވެފަ އެވެ. އެއާއެކު ފްރީ އޭޖެންޓެއްގެ ގޮތުގައި މެސީ ބޭނުން ކުލަބަކަށް ދިއުމުގެ ފުރިހަމަ އިހުތިޔާރު އޭނާއަށް ވަނީ ލިބިފަ އެވެ.

އެހެން ނަމަވެސް މެސީ ބާސެލޯނާގައި މަޑުކުރާނެ ކަމުގެ ޔަގީންކަން އެކުލަބުގެ ރައީސް ޖޯން ލަޕޯޓާ ވަނީ ދީފަ އެވެ. އަދި ސްޕެނިޝް ނޫސްތަކުން ބުނެފައިވާ ގޮތުގައި އިތުރު ދެ އަހަރުގެ އެއްބަސްވުމަކަށް މެސީ މިހާރު އަނގަބަހުން އެއްބަސްވެފައިވާ ކަމަށާއި، އެއީ 200 މިލިއަން ޑޮލަރަށް ވުރެން ބޮޑު ކޮންޓްރެކްޓެއް ކަމަށެވެ.

ބެލެވޭ ގޮތުގައި މެސީ އޭނާގެ ކޮންޓްރެކްޓު އައު ކުރާނީ މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާ ނިމުމުންނެވެ. މެސީގެ ކެޕްޓަންކަމުގެ ދަށުގައި ކުޅޭ އާޖެންޓީނާ މިވަގުތު އޮތީ އެ މުބާރާތުގެ ކުއާޓާ ފައިނަލުގަ އެވެ.

މެސީއަކީ 2001 ވަނަ އަހަރުން ފެށިގެން ބާސާގެ ޔޫތު ޓީމުތަކުން ފެށިގެން އެކްލަބަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. ބާސާގެ ސީނިއާ ޓީމުން މެސީ ފުރަތަމަ ފެނިގެންދިޔައީ 2004 ވަނަ އަހަރުއެވެ. މެސީ ވަނީ އެ ކްލަބަށް މިހާތަނަށް 672 ލަނޑު ކާމިޔާބުކޮށްދީފައެވެ.

އާޖެންޓީނާ ތަރި މެސީއަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. މެސީ ވަނީ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާއިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހަ ފަހަރަށް ހޯދައިފައެވެ. މެސީއާ އެންމެ ގާތުން އެ އެވޯޑު ހޯދާފައިވަނީ އޭނާގެ ޒަމާންވީ ވާދަވެރިޔާ، ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯ ވަނީ އެ އެވޯޑު ފަސް ފަހަރު ހޯދައިފައެވެ.

comment ކޮމެންޓް