ކާފަގެ ހުވަފެންތައް ހަގީގަތަކަށް ހަދައި، އަނާރާ ޕީއެޗްޑީ ހާސިލްކުރައްވައިފި

29 އޮގަސްޓު 2018 ގައި ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޖަލްސާގައި ޑރ. އަނާރާ ނައީމް ވާހަކަ ދައްކަނީ --- ސަން ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ދީނީ އިލްމުވެރިޔާ، އަނާރާ ނައީމް, ޕީއެޗްޑީ ހާސިލުކުރައްވައިފި އެވެ.

އަނާރާ ޕީއެޗްޑީ ހާސިލު ކުރެއްވީ އިސްލާމިކް ޖުޑިޝަލް ސައިންސަސް އެންޑް ލެޖިސްލޭޓިވް ޕޮލިސީގެ ދާއިރާ އިންނެވެ. ޕީއެޗްޑީއަށް އޭނާ ކިޔަވާ ވިދާޅުވީ ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީންނެވެ.

ޕީއެޗްޑީ ގައި އަނާރާގެ މައުޟޫއަކީ ޝަރުއީސިޔާސަތުގެ އަލީގައި ރާއްޖޭގެ ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމް އަޅާކިޔުމުގެ ދިރާސާއެވެ.

މިކަމާ ގުޅިގެން އަނާރާ "ސަން" އަށް ވިދާޅުވީ، ކާފަގެ ދަރިއަކު އަރަބި ކިޔެވުމަކީ ކާފަގެ ވަރަށް ބޮޑު އުންމީދެއް ކަމަށާއި، މިހާ ހިސާބަށް ދެވުނީ އެގޮތުގެ މަތީގައި މަސައްކަތް ކުރުމުން ކަމަށެވެ.

"ދެން އެއީ އަސްލު ވަރަށް ބުރަ މަސައްކަތް. ރަށުގަ އުޅުނީ ކުޑައިރު. ކެލާ މަދަރުސަތުއް ޝެއިޚް އިބްރާހީމްގައި ގްރޭޑް 3 އާ ހަމައަށް އުޅުނީ އުޅެފަ މިކޮޅަށް އައިސް މަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ އިން ގްރޭޑް 4 އަށް ވަދެގެން އަރަބި ތައުލީމު ފެށުނީ،" ކުރީގެ ހަނދާންތައް އާކުރައްވަމުން އަނާރާ ވިދާޅުވި އެވެ.

އަނާރާ ވަނީ ގަތަރުން ގާނޫނާއި ޝަރީއާގެ ރޮނގުން ބެޗްލަސް ޑިގްރީ ވެސް ހާސިލް ކުރައްވާފަ އެވެ.

"އޭގެ ފަހުން ރާއްޖެ އައިސް، ބޮންޑް ހަމަކުރަން ޖަސްޓިސްގަޔާ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގަ އުޅުނީ. ގާނޫނީ ދާއިރާގަ އޭރު އަޅުގަނޑު އުޅުނީ،" އަނާރާ ވިދާޅުވި އެވެ.

އަނާރާ ވިދާޅުވިގޮތުގައި، ސީނިއާ ލީގަލް އޮފިސަރަކަށް އުޅުއްވުމަށްފަހު ދަރިން ލިބުނު ހިސާބުން ނޯޕޭގައި ހުރި ކަމަށެވެ. އަދި ނޯޕޭގައި ހުރި ދުވަސްވަރު ގައުމީ ޔުނިވާސިޓީއިން އިސްލާމީ ޝަރީއާގެ ރޮނގުން މާސްޓާސް ޑިގްރީ ހާސިލް ކުރެެއްވިއެވެ.

"ދީނީ ދަރުސްތައް ދިނުމާ، ދީނީގޮތުން ލިޔެހެދުމާ މި ކަންކަމަށް ނުކުމެވުނީ އަސްލު މާސްޓާސް ހެދި ފަހުން. ދެން އޭގެފަހުން އަޅުގަނޑު މަޖިލީހަށް ހޮވިގެން މަޖިލީހުގައި އުޅެނިކޮށް އެންމެ ފުރަތަަމަ އިއުލާނުކުރީ އައިޔޫއެމް އިން ޕީއެޗްޑީ ހަދަން. ވަރަށް މަދު ކުދިންކޮޅެއް ހޮވީވެސް. އެންމެ ނަތީޖާ ރަނގަޅު ފަސް ކުދިންނަށް ފުރުސަތު ދިނީ. ދެން އަޅުގަނޑުވެސް އޭގެ ތެރޭގައި ހިމެނުނު،" ޕީއެޗްޑީ ފެށުނު ގޮތާ ގުޅޭގޮތުން އަނާރާ ވިދާޅުވި އެވެ.

އަނާރާ ވިދާޅުވީ ފަސް އަހަރުގެ ތެރޭގައި ވަރަށް ބުރަ މަސައްކަތް ކުރެވިފައި ވާ ކަމަށާއި، ކޮވިޑް-19 ގެ ސަބަބުން ވައިވާއާ ހަމައަށް ދިނުމަށް ތަންކޮޅެއް ލަސް ވި ކަމަށެވެ.

އެންމެ ކުރިން ފެށިގެން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ހިންގަމުން އައި ގޮތުގެ މައްޗަށް ޕީއެޗްޑީގައި އަލިއަޅުވާލައްވާފައި ވާނެ ކަމަށް އަނާރާ ވިދާޅުވި އެވެ.

" އަޅުގަނޑު ވަރަށް ގިނަ ފޮތްތައް ދިރާސާ ކުރިން، ވަރަށް ގިނަ ލައިބްރަރީ ތަކަށް ގޮސް. މި ދެންނެވީ ދިވެހި ބަހުގެ އެކަޑަމީގެ ލައިބްރަރީ. އެބޭފުުން ވެސް ވަރަށް ރަނގަޅު. އަޅުގަނޑަށް އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ބޭފުޅުންނަށް ވެސް ޝުކުރު އަދާކުރަން. ލައިބްރަރީ ބޭނުން ކުރުމުގެ ހުއްދަވެސް ދެއްވާ،"

އަނާރާ ވިދާޅުވީ، ޕީއެޗްޑީ ހެއްދެވި އިރު ސުޕަވައިޒަރަކަށް ހުންނެވީ އިސްލާމިކް ޔުނިވާސިޓީގެ ފަރާތުން މެލޭޝިއާގެ ބޭފުޅެއް ކަމަށެވެ. ރާއްޖެއިން ބޭރަށް ގޮސް، ސުޕަވައިޒަރާ އެކު ފޮތުގެ ކަންކަން ހިއްސާ ކުރުމަށް ދަތުރުތައް ވެސް ކުރެވިފައި ހުންނާނެ ކަމަށް ވިދާޅުވި އެވެ. އަދި މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގެ ލައިބްރަރީ ވެސް ވަރަށް ގިނައިން ބޭނުންކުރެވިފައި ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރަށް ގިނަ ދިރާސާތައް ކުރިން މައިގަނޑު ތިން ކަމެއްގަ. އެއީ ޑިމޮކްރަސީއާ އިސްލާމީ ނިޒާމްއާ ދެން ހަމަ ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމާ. މި ތިން ބަޔަށް ބޮޑަށް އަޅާކިޔާފައި އޮންނާނީވެސް. ދެން އަޅުގަނޑަށް ފާހަގަ ކުރެވުނީ، މިހާރު ރާއްޖެއަށް ވަރަށް މުހިންމު މައުޟޫއެއް ކަމަށް ފާހަގަ ކުރެވޭތީ އަސްލު އެ ޚިޔާރު ކުރީ ވެސް،" އަނާރާ ވިދާޅުވިއެވެ.

މުޖުތަމައަށް އެ މައުލޫމާތުތައް ފޯރުކޮށްދިނުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކިޔަވާ ކުދިންނަށާއި ބޮޑެތި ވަމުން އަންނަ ޖީލުތަކަށް ވެސް އެ މައުލޫމާތު ތަކުގެ މުހިންމުކަން އަނާރާ ފާހަގަ ކުރެއްވިއެވެ.

" އަޅުގަނޑުގެ އުންމީދަކީ މި ފޮތް ދިވެހި ބަހުން ތަރުޖަމާ ކުރުން. ތީސީސް ޗާޕުކޮށް ނިމުނީމަ ދިވެހި ބަހުން ވެސް ޗާޕްކޮށް ނިންމުން،" އަނާރާ ވިދާޅުވި އެވެ.

ޕީއެޗްޑީ ހާސިލު ކުރުމުގައި އެކި ގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކަށް އަނާރާ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

comment ކޮމެންޓް