މަޖިލިސް ރައީސާއި އުއްތަމަފަނޑިޔާރަށް ގެކޮޅު ހަމަޖައްސައިދޭ ބިލުތައް ތަސްދީގުކުރައްވައިފި

ރައީސް ސޯލިހު -- ފޮޓޯ: ރައީސް އޮފީސް

ދައުލަތުގެ ދެ ބާރުގެ ވެރިންނަށް ރަސްމީ ގެކޮޅުދޭ ހަމަޖައްސައިދޭ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފިއެވެ.

މިއަދު ރައީސް ތަސްދީގުކުރެއްވި ދެ ބިލަކީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް ގެނައި އެއްވަނަ އިސްލާހު އަދި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް ގެނައި ހަ ވަނަ އިސްލާހެވެ. މި ބިލްތައް ތަސްދީގުކުރެއްވުމާއެކު ދައުލަތުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުން ދިރިއުޅުއްވާނެ ރަސްމީ ތަނަކާއި، އެ ތަނަށް ބޭނުންވާ އެކަށީގެންވާ ޢަދަދެއްގެ މުވައްޒަފުންނާއި، އެ ތަނަށް ހިނގާނެ ހަރަދުގެ އިތުރުން އުއްތަމަފަނޑިޔާރާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުން ދިރިއުޅުއްވާ ރަސްމީ ތަނަކާއި، އެ ތަނަށް ބޭނުންވާ އެކަށީގެންވާ އަދަދެއްގެ މުވައްޒަފުންނާއި، އެ ތަނަށް ހިނގާނެ ހަރަދު ހަމަޖައްސައިދޭނެއެވެ.

މީގެ އިތުރުންވެސް މި ބިލުގައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އުއްތަމަފަނޑިޔާރު ދިރިއުޅުއްވުމަށް ހަމަޖައްސައިދޭ ރަސްމީ ތަނަކީ ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެ ގޮތަކަށް ހުރި ތަނެއްކަމަށް ވާންޖެހޭނެކަމަށާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެ ތަނުގެ ސެކިއުރިޓީ ބަލަހައްޓާންވާނެ ކަމަށް ބަޔާންކޮށްފައެވެ.

މަޖިލިސް ރައީސްގެ ގެކޮޅަށް ފޯރުކޮށްދޭ މުއައްޒަފުން ހަމަޖައްސާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންނެވެ. އަދި އުއްތަމަފަނޑިޔާރުގެ ރަސްމީ ގެކޮޅަށް މުއައްޒަފުން ހަމަޖައްސާނީ ސުޕްރީމް ކޯޓުންނެވެ.

މިގޮތަށް ދައުލަތުގެ ދެ ބާރުގެ ވެރިންނަށް ރަސްމީ ގެކޮޅު ހަމަޖައްސަން މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގެ ހަވަނަ ދުވަހު މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަށް ފަހުއެވެ. ހަމަލާއަށްފަހު ރައީސް ސޯލިހުވެސް ވަނީ ދައުލަތުގެ ތިންބާރުގެ ވެރިންގެ ސެކިއުރިޓީގެ ކަންކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް އަންގަވާފައެވެ.

މި ދެ ބިލްވެސް މަޖިލީހުން ފާސްކުރީ މިމަހުގެ 21 ވަނަ ދުވަހުއެވެ. ރައީސް މިއަދު މި ދެ ބިލް ތަސްދީގުކުރުމާއެކު މިއަދުން ފެށިގެން މި ގާނޫނަށް އަމަލުކުރާނެއެވެ.

comment ކޮމެންޓް