އޮޓަވާ (ޖޫން 30): ކެނެޑާގައި ހޫނުމިން ރެކޯޑު އަދަދުތަކަށް އަރާ، އެގައުމުން ފާއިތުވި ދުވަސްތަކުގައި ރިޕޯޓުކޮށްފައިވާ ބައެއް ކުއްލި މަރުތަކާ ހޫނުމިނާ ގުޅިފައިވާ ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.
ކެނެޑާގެ ވެންކޫވާގެ ފުލުހުން ބުނި ގޮތުގައި މިދިޔަ ހުކުރު ދުވަހުގެ ފަހުން އެ ސަރަހައްދުން 130 އަށް ވުރެ ގިނަ ކުއްލި މަރު ރިޕޯޓުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނާއި ސިއްހީ މައްސަލަތައް ހުރި މީހުންނެވެ. އަދި އޭގެ ތެރެއިން 65 މީހެއްގެ މަރާ، އެގައުމުން މިހާރު ތަޖުރިބާ ކުރަމުންދާ ހޫނުމިނާ ގުޅިފައިވާ ކަމަށް ފުލުުހުން ބުންޏެވެ.
"ވެންކޫވާއިން މިފަދަ ހޫނެއް އަދި ތަޖުރިބާ ނުކުރޭ އަދި އޭގެ ސަބަބުން މީހުން ދަނީ މަރުވަމުން. އަޅުގަނޑުމެން މިދަނީ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރަމުން،" ޕޮލިސް ސާޖެންޓް ސްޓީވް އެޑިސަން ވިދާޅުވި އެވެ.
މިހަފްތާގެ ކުރިން ކެނެޑާގައި އެއްވެސް އިރެއްގައި ހޫނުމިން 45 ޑިގްރީއަށް ވުރެ މަތިވެފައި ނުވެ އެވެ. ނަމަވެސް ފާއިތުވި ތިން ދުވަހުވެސް އެގައުމުގެ ބްރިޓިޝް ކޮލަމްބިއާގައި ހޫނުމިން 45 ޑިގްރީއަށް ވުރެ މަތިވެ، އިއްޔެ އެ އަދަދު ވަނީ 49.5 ޑިގްރީއަށް އަރާފަ އެވެ.
ކެނެޑާގެ އިތުރުން އެމެރިކާގެ ހުޅަނގުގައިވެސް ހޫނުމިން ދަނީ ރެކޯޑު މިންވަރުތަކަށް އިތުރުވަމުންނެވެ. އެގޮތުން މިދިޔަ ހޯމަ ދުވަހު ޕޯޓްލޭންޑުގައި ހޫނުމިން 46.1 ޑިގްރީއަށް އަދި ސިއެޓުލްގެ ހޫނުމިން 42.2 ޑިގްރީއަށް އެރި ކަމަށާއި އެއީ އެ ސަރަހައްދުތަކުގެ ފިނިހޫނުމިން 1940ގެ އަހަރުތަކުގައި ރެކޯޑު ކުރަން ފެށި ފަހުން، ހޫނުމިން އެހާވަރަށް އިތުރުވި ފުރަތަމަ ފަހަރު ކަމަށް އެގައުމުގެ ނެޝަނަލް ވެދާ ސާވިސްއިން ބުންޏެވެ.