ނަޝީދަށް އިންސާފު ހޯދައިދިނުމަށް ސަރުކާރަށްވުރެ ބާރަށް އިދިކޮޅުން މަސައްކަތް ކުރޭ: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން އެމަނިކުފާނަށް އިންސާފު ހޯދައި ދިނުމަށް ސަރުކާރަށްވުރެ ބާރަށް އިދިކޮޅުން މަސައްކަތް ކުރާކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރައްވަމުން ޝިޔާމް ވިދާޅުވީ ރައީސް ނަޝީދަށް އިންސާފު ހޯދައިދިނުމަށް މީޑިއާތަކައި މަޖިލީހުގައި އިދިކޮޅަށް ލިބޭ ސްޕޭސް ބޭނުންކޮށްގެން ރައީސް ނަޝީދަށް ލިބުނު ދެރައިން އެމަނިކުފާނަށް އިންސާފު ހޯދައިދޭން އިދިކޮޅުން ބޭނުންވާ ކަމަށެވެ.

"ރައީސް ނަޝީދަށް އިންސާފު ހޯދުމަށްޓަކައި އަޅުގަނޑު ގަބޫލުކުރާ ގޮތުގަ މިއަދު ވާދަވެރި ސިޔާސީ ޕާޓީއެއްގެ ގޮތުގައި، ވެރިކަންކުރާ އެމްޑީޕީގެ ޔަގީނުންވެސް ސަރުކާރު ފެކްޝަނަށްވުރެ ބާރަށް އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން," ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރައީސް ނަޝީދަށް ދެވުނު ހަމަލާގައި ޝާމިލުވާ ފަރާތްތަކަކީ ކޮބައިކަން ދެނެގަތުމަށް މަޖިލީހުން ހިންގޭ 241 ކޮމިޓީގެ އިންކުއަރީގައި އިދިކޮޅުގެ ދެ މެންބަރުން ތިއްބަވާ އެދެބޭފުޅުން ދެއްވާ ވަގުތަށް ބައްލަވައިލެއްވިޔަސް، އިދިކޮޅުން ރައީސް ނަޝީދަށް އިންސާފު ހޯދައިދޭން ބޭނުންވާ މިންވަރާއި ހުރި ޝައުގު އެނގިގެންދާ ކަމަށެވެ.

މިހާރު ވެރިކަމުގައި އޮތް ސަރުކާރުން ނަޝީދަށް އިންސާފު ލިބިދާނެކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، އެމަނިކުފާނަށް އިންސާފު ނުލިބިއްޖެނަމަ، އިދިކޮޅުގެ ވެރިކަމެއްގައި އެކަން ކުރާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުން މި ކުރެވޭ ގިނަ މަސައްކަތްތަކާ އެކީގައިވެސް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ، އަޅުގަނޑުގެ ސިކުނޑިއަކަށް ނުވިސްނޭ މި ސަރުކާރުން ރައީސް ނަޝީދަށް އިންސާފު ހޯދައިދޭނެ ކަމަކަށް. އެހެން އޮވެ މި ސަރުކާރުގެ ބާކީ އޮތް ދެ އަހަރު ނިމިއްޖެ ނަމަ، ރިޔާސަތައް އަޅުގަނޑު ޔަގީންކަން މިދެނީ އަޅުގަނޑުމެންގެ ވެރިކަމެއްގައި ﷲގެ އިރާދަފުޅުން އިންސާފު ހޯދައިދެވޭނެ," ޝިޔާމް ވިދާޅުވިއެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް އެމަނިކުފާނު ދިރިއުޅޭ ގެކޮޅު ކައިރިން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެމަނިކުފާނަށް ވަނީ ގިނަ އަނިޔާތަކެއް ވެފައެވެ.

އެ ހަމަލާއާ ގުޅިގެން އަށް ފަރާތަކަށް ތަހުގީގު ހިންގަމުންދާ ކަމަށާއި އޭގެ ތެރެއިން ހަތަރު މީހަކަށް ދައުވާ ކުރަން ވަރަށް އަވަހަށް ފޮނުވޭނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް އެ ހަމަލާ ދިން ފަހުން ދޮޅުމަސް ފާއިތުވެގެން ދިޔަ އިރުވެސް އެކަމަށް ފަންޑުކުރި މީހުން ހޯދިފައި ނުވާތީ ރައީސް ނަޝީދާއި ބައެއް މަޖިލީހުގެ މެންބަރުންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

comment ކޮމެންޓް