އަންނަ ހަފްތާގައި މަޖިލީހުގެ ޖަލްސާތައް ތަޅުމުގައި ބާއްވަން ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ކޮވިޑް19 ފެތުރުން ދަށްވުމާއެކު ސަރުކާރުން އިއުލާން ކުރި ލުއިތަކާ ގުޅިގެން އަންނަ ހަފްތާގައި މަޖިލީހުގެ ޖަލްސާތައް ތަޅުމުގައި ބޭއްވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން އީވާ މިއަދު ވިދާޅުވީ އަންނަ ހަފްތާގައި މަޖިލީހުގެ ޖަލްސާތައް ތަޅުމުގައި ބޭއްވުމާ ގުޅޭގޮތުން ހެލްތު މިނިސްޓަރާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

"މާސްކު އަޅައިގެން ވީހާވެސް ގައިދުރުކޮށް މިތާ މަސައްކަތް ކުރާ ވަގުތު މަދުކޮށްގެން އަދި ވީހާވެސް މަދު މުވައްޒަފުން ނެރެގެން ނަމަވެސް ތަޅުމުގައި, އިރާދަ ކުރެއްވިއްޔާ އަންނަ ހަފްތާގައި ފިޒިކަލީ ޖަލްސާތައް ބޭއްވޭތޯ އަޅުގަނޑު މަސައްކަތް ކުރަމުން މިގެންދަނީ،" އިވާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް އެންމެ ފުރަތަމަ ބާއްވަން ފެށީ މިދިޔަ އަހަރުގެ ތެރޭގައި މާލޭގައި ކޮވިޑްގެ ހާލަތު ގޯސްވެ, މާލޭގެ އޮފީސްތައް ބަންދުކޮށްފައި ހުރި ނަމަވެސް އެ ހާލަތުގައި މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމަށް މަޖިލީހަށް ފެނިގެންނެވެ. އެއީ ދުނިޔޭގެ ތާރީހުގައިވެސް ގައުމެއްގެ ގާނޫނު ހަދާ މަޖިލީހެއްގެ ޖަލްސާތައް އޮންލައިންކޮށް ބާއްވަން ފެށި ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް