ނަފްރަތުގެ ބިލާ މެދު ... އާއްމު ސިޓީއެއް 1

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

މިއީ ރައްޔިތުންގެ މަޖިލިހުގެ އިދާރާއިން 16 ޖޫން 2021 ގައި ކުރެއްވި ނަންބަރު 57-F/IU/2021/27 އިޢުލާނާ ގުޅިގެން، އެ މަޖިލިހުގެ ޖުޑީޝަރީ ކޮމިޓީއަށް އަޅުގަނޑު ލިޔާ ޢާއްމު ސިޓީއެއް ނުވަތަ (open letter) އެކެވެ. ދެންނެވުނު އިޢުލާނުގައި ވިދާޅުވެފައި ވަނީ، ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް އިޞްލާޙެއް ގެނައުމުގެ ގޮތުން ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށައަޅައިފައި ވާ ނަންބަރު 2021/19/ބ-19 ބިލު، މަޖިލިހުގެ ޖުޑީޝަރީ ކޮމިޓީން ދިރާސާ ކުރައްވަމުން ގެންދަވާ ވާހަކައެވެ. އެދިވަޑައިގެންފައި ވަނީ އެ ބިލާ މެދު ޢާއްމުންގެ ޚިޔާލު ކޮމިޓީއަށް ހުށައެޅުމަށެވެ. އަޅުގަނޑު މި ޢާއްމު ސިޓީ ލިޔުނީ އެ އެދިވަޑައިގަތުމަށް ދޭ އިޖާބައެއްގެ ގޮތުގައެވެ.

ފަށަމުން ވެސް ދަންނަވާން އޮތް ވާހަކަ އަކީ، ނަންބަރު 2021/19/ބ-19 ބިލާ މެދު ދިވެހި ރައްޔިތުންގެ ހިތްތަކުގައި ވަރުގަދަ ނުރުހުމަކާއި ޝަކުވާތަކެއް އޮތް ކަން ފާހަގަ ކުރެވޭ ވާހަކައެވެ. ރައްޔިތުންގެ ނުރުހުން ހުރި މިންވަރުގެ ފުރިހަމަ ޙަޤީޤަތް، ކުރެވިފައި ވާ ޝާމިލު ދިރާސާއެއްގެ އަލީގައި ނަންބަރުތަކަކުން ބަޔާން ކުރެވޭން މި ވަގުތު ނެތަސް، ގިނަ ރައްޔިތުން ބިލު ބަލައިނުގަންނަ ކަން އަންގައިދޭ ގިނަ އިޝާރާތަކެއް އެބަ ހުއްޓެވެ. އެއް ކަމަކީ ފަރުދުންނާއި، މަދަނީ ޖަމްޢިއްޔާޖަމާޢަތްތަކާއި، ރަށްރަށުގެ ކައުންސިލުތައް ފަދަ ރަސްމީ އިދާރާތަކުން ވެސް ބިލާ ދެކޮޅަށް ހަރު އަޑުން ދައްކަމުން ގެންދާ ވާހަކަތަކާއި ނެރެމުން ގެންދާ ބަޔާންތަކެވެ. އަނެއް ކަމަކީ، 19 ޖޫން 2021 ގައި ޗޭންޖް.އޯރގް ވެބްސައިޓުގައި ބިލަށް ތާއީދު ކުރުމުގެ ގޮތުން އިފްތިތާޙު ކުރެވުނު އޮންލޭނު ޕެޓިޝަނުގައި ޖޫން 29 ޖޫންގެ ނިޔަލަށް ބިދޭސީން ވެސް ހިމެނޭ ގޮތުން 4200 ވަރަކަށް މީހުން ސޮއި ކުރި އިރު، ބިލާ ދެކޮޅަށް ހަމަ އެ ވެބްސައިޓުގައި އޭގެ އެއް ދުވަސް ފަހުން ޖޫން 20 ގައި އިފްތިތާޙު ކުރެވުނު ޕެޓިޝަނުގައި 29 ޖޫންގެ ނިޔަލަށް ސޮއި ކުރި މީހުންގެ އަދަދު 8440 އަށް ވުރެ ގިނަ ކަމެވެ. މި ނަތީޖާ ނުކުމެފައި ވަނީ، ބިލަށް ތާއީދު ކުރުމުގެ ޕެޓިޝަނުގައި ވީހައި ގިނަ ބަޔަކު ސޮއި ކުރުމަށް ރާއްޖޭގެ ބޮޑު ސިޔާސީ ޕާޓީއެއްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމުގައި ޑީ ފެކްޓޯކޮށް ހުންނެވި އަލްފާޟިލް މުޙައްމަދު ނަޝީދު ކުރެއްވި ޓުވީޓެއްގެ ވަސީލަތުން އެދިވަޑައިގެންފައި ވަނިކޮށް ކަމާއި، އެ ބިލަށް ތާއީދު ކޮށް 21 ޖޫން ގައި ނަޝީދުގެ ޕާޓީގެ ފަރާތުން ބަޔާނެއް ނެރެފައި ވަނިކޮށް ކަން ވެސް ފާހަގަ ކުރަމެވެ.

މި ދެންނެވި ޕެޓިޝަންތަކަށް ރައްޔިތުން އިޖާބަ ދިން ގޮތުގެ ޙަޤީޤަތްތަކާ އެކު ސާފު ވެގެންދާ މުހިއްމު އެއް ކަމަކީ، ނަންބަރު 2021/19/ބ-19 ބިލުގެ ދީމިޤްރާޠީ ޝަރްޢިއްޔަތާ (Democratic Legitimacy) މެދު ސީރިއަސް ސުވާލުތަކެއް އުފައްދާން ޖެހޭ ކަމެވެ. ރައްޔިތުންގެ އަޣްލަބިއްޔަތުގެ އިރާދާ (will of the majority of the people) އާ ޚިލާފަށް ހެދޭ ޤާނޫނުތަކަށް ޝަރްޢިއްޔަތު އޮތުމަކީ ދީމިޤްރާޠީ އުޞޫލުތަކުގައި އޮންނަ ކަމެއް ނޫނެވެ. ޖުމްހޫރީ (Republican) ފަލްސަފާގެ ދަށުން އަދި ދީމިޤްރާޠީ ހަމަތަކުގެ ދަށުން ހިންގާ ނިޒާމުތަކުގައި ރައްޔިތުން އިންތިޚާބު ކުރާ މަޤާމުތަކަށް އިންތިޚާބު ކުރެވޭ ފަރާތްތަކަށް، ދުސްތޫރީ ގޮތުން ކަނޑައެޅިފައި އޮންނަ މުއްދަތަކަކަށް ރައްޔިތުންގެ ވޯޓުން ބާރާއި މަސްއޫލިއްޔަތު ޙަވާލު ކުރެވެނީ އަމާނާތެއްގެ ގޮތުގައެވެ. މަޤާމުގެ މުއްދަތުގެ ތެރޭގައި އެ ބަޔަކަށް ފެންނަހައި ކަމެއް ފެންނަހައި ގޮތަކަށް ކުރުމުގެ އިޖާޒާއެއްގެ ގޮތުގައެއް ނޫނެވެ. ބޭނުން ޢަދަދެއް ޖަހައިގެން ފައިސާ ނެގޭ ކަހަލަ "ބްލޭންކް ޗެކެއްގެ" ގޮތުގައެއް ނޫނެވެ. ފަސް އަހަރުގެ މުއްދަތަކަށް ރައީސުލްޖުމްހޫރިއްޔާގެ މަޤާމު، ނުވަތަ ރައްޔިތުންގެ މަޖިލިހުގެ މެންބަރުކަން، ނުވަތަ ކައުންސިލަރުކަން ދެވުމުން، އެއިގެ މާނަ އަކީ ފަސް އަހަރުގެ މުއްދަތަށް ޤައުމާއި ޤައުމުގެ ޤައުމިއްޔަތާއި ޤައުމުގެ މުސްތަޤުބަލާއި ރައްޔިތުންގެ މަޞްލަޙަތުތައް ހިތަކަށް ދިނީއޭއެއް ނޫނެވެ.

ރައްޔިތުންގެ ގިނަ ބަޔަކު ނަންބަރު 2021/19/ބ-19 ބިލާ މެދު ނުރުހުންތެރި ވާ ސަބަބާ މެދު އަޅުގަނޑުމެން އެންމެން ފުންކޮށް ވިސްނާން ޖެހެއެވެ. އޮޅުމެއް ނެތް ގޮތުގައި، ދިވެހި ޤައުމުގައި ނަފްރަތާއި ރުޅިވެރިކަން އޮންނާކަށް ދިވެހި ރައްޔިތުން ނޭދެއެވެ. ދިވެހި މުވާޠިނުން އެކަކު އަނެކަކަށް ކާފިރު ގޮވައި، އެކަކު އަނެކެއްގެ ކަރާމާތާއި ޙުރުމަތާއި ޝަރަފު ނިގުޅައިގަތުން ހުއްދަ ވެފައި އޮންނާކަށް އެއްވެސް ދިވެއްސަކު ނޭދެއެވެ. މި ވީހައިތައް ޒަމާނަކު، އެއީ ދިވެހި ރައްޔިތުން ކޮށްއުޅުނު ވެސް ކަމެއް ނޫނެވެ. އެހެންކަމާ އެކުގައިމެ، ނަފްރަތު ހުއްޓުވުމުގެ ގޮތުން ކަމަށް ބުނެ ސަރުކާރުން ހުށައެޅި މި ބިލާ ރައްޔިތުންގެ އަޣްލަބިއްޔަތު ދެކޮޅު ހަދާ ސަބަބަކީ ކޮބައިތޯއެވެ؟ ތިޔަ ބެއިފުޅުންނަކީ ޤައުމާއި ރައްޔިތުންގެ ޙައްޤުގައި، އިޚްލާޞްތެރިކަމާ އެކު މަސައްކަތް ކުރައްވާ ބެއިފުޅުން ކަމަށް ވަންޏާ، މި ސުވާލާ މެދު ފުންކޮށް ވިސްނުން ހިންގެވުމަކީ ތިޔަ ބެއިފުޅުންގެ މައްޗަށް މި ވަގުތު އޮތް އެންމެ ބޮޑު އެއް ވާޖިބެވެ.

އަޅުގަނޑަށް ފެންނަ ފެނުމުގައި، ރައްޔިތުން ނަންބަރު 2021/19/ބ-19 ބިލާ ދެކޮޅު ހަދަނީ، މައިގަނޑު ދެ ސަބަބަކާ ހުރެއެވެ.

ފުރަތަމަ ސަބަބު ގުޅިފައި ވަނީ، ބިލު ހުށައެޅުމުގެ ފަހަތުގައި ފޮރުވިފައި ވާ ކަމަށް ބެލެވޭ ނިޔަތާއި މަޤްޞަދާއެވެ. އާދެ، ބިލަކީ ނަފްރަތު ހުއްޓުވުމާއި، ތަކްފީރުގެ ބައްޔަށް ފަރުވާ ކުރުމާއި، މުޖުތަމަޢުގައި އުޚުއްވަތްތެރިކަން އާލާ ކުރުމުގެ ހެޔޮ ނިޔަތުގައި ހުށައެޅިފައި ވާ ބިލެއް ކަމަށް ރައްޔިތުންނަށް ޤަބޫލު ނުކުރެވެނީއެވެ. ފޮރުވިފައި ވާ ނުބައި ނުވަތަ ނާޖާއިޒު މަޤްޞަދުތަކަކާ އެކު ހުށައެޅިފައި ވާ ބިލެއް ކަމަށް ޤަބޫލު ކުރެވެނީއެވެ. މާތް ވެގެންވާ އިސްލާމް ދީނާ ދެކޮޅު ތަޢައްޞުބެއްގެ ތެރެއިން އުފަން ވި ބިލެއް ކަމަށް ރައްޔިތުންނަށް ފެންނަނީއެވެ. ދިވެހި ދައުލަތުގެ ރަސްމީ ދީނެއްގެ ގޮތުގައި އިސްލާމް ދީން އޮތުމާ ދެކޮޅުވެރި ބަޔަކު އަޑީގައި ތިބެގެން، ލާދީނިއްޔަތު ނުވަތަ ޢަލްމާނިއްޔަތު (Secularism) ގެ އުޞޫލުތަކާއި ގޮތްތަކަށް ދިވެހި ދައުލަތާއި އެ ދައުލަތުގެ ޢިލްމީ، ފިކުރީ، އިޖުތިމާޢީ، ދުސްތޫރީ، ޤާނޫނީ، ސިޔާސީ، އަދި އިޤްތިޞާދީ މުޅި ނިޒާމު އަނބުރައިލާން ކުރާ މަސައްކަތުގެ ތެރެއިން ހުށައެޅުނު ބިލެއް ކަމަށް ޝައްކު ކުރެވެނީއެވެ. ދިވެހި އިސްލާމީ ޝަޚްޞިއްޔަތު ރައްކައުތެރި ކޮށް ޙިމާޔަތް ކުރާން އަޑު އުފުލާ މީހުން ދީނުގެ ޙިމާޔަތުގައި ވާހަކަ ދައްކައި، ދީނާ ދެކޮޅަށް މަސައްކަތް ކުރާ މީހުންނާ ދެކޮޅަށް ބަސް ބުނެހެދުމާއި، ދީނާ ދެކޮޅު ޙަރަކާތްތަކާ މެދު އިޙުތިޖާޖާއި ނުރުހުމުގެ ޝުޢޫރުތައް ފައުޅު ކުރުން ޤާނޫނުގެ ބާރުގައި ހުއްޓުވުމުގެ މަޤްޞަދުގައި ހުށައެޅުނު ބިލެއް ކަމަށް ވެސް ރައްޔިތުންނަށް ޝައްކު ކުރެވެނީއެވެ. މި ދެންނެވީ މި ކަމުގައި ޢާއްމުންގެ ދޭހަ ނުވަތަ ޢާއްމުންގެ ތަޞައްވުރު (Public Perception) ހުރި ކަމަށް އަޅުގަނޑަށް ފެންނަ ގޮތެވެ. މި ދަންނަވަނީ ރައްޔިތުންގެ އަޣްލަބިއްޔަތުގެ ވާހަކައެވެ.

ދެވަނަ ސަބަބަކީ، ބިލުގެ މާއްދާތަކުގައި ހުރި އުނިކަމެވެ. ބިލުގެ މާއްދާތަކުގައި ހުރި މައްސަލަތަކެވެ. އެ މާއްދާތައް ލިޔެވި ފުރޭމު ކުރެވިފައި ވާ ގޮތުގެ މައްސަލަތަކެވެ. އެ މާއްދާތަކުގެ ޖައުހަރީ ބަލިކަށިކަމާއި ދެކޮޅު ނުޖެހުމެވެ. ޖުމުލަކޮށް ދަންނަވާ ނަމަ، ބިލުގައި ހުރި ބައެއް ކަންތައްތަކަކީ އިންޞާފުގެ ހަމަތަކާ ވެސް، އަދި ބުއްދީގެ ހަމަތަކާ ވެސް، އަރައިރުން ވާ ކަންތައްތަކެއް ކަމަށް ވުމެވެ.

ދިވެހި ޤައުމުގެ މުޅި މުސްތަޤުބަލާ ގުޅިފައި ވާ މި މުހިއްމު މައްސަލައާ މެދު ރައްޔިތުން ފައުޅު ކުރަމުން ގެންދާ ކަންބޮޑުވުންތަކުގެ ކުރިމަތީގައި ތިޔަ ބެއިފުޅުން ލޯ މަރުއްވައިނުލެއްވުން އެދެމެވެ. ސިޔާސީ މަސައްކަތްތައް ކުރެއްވުމުގައި ތިޔަ ބެއިފުޅުންނަކީ އެކިއެކި ކުލަތަކުގެ ޓައި އަޅުއްވައިގެން އުޅުއްވާ، އެކިއެކި ޕާޓީތަކުގެ މެންބަރުންނެވެ. އެހެން ނަމަވެސް، ތިޔަ ބެއިފުޅުންގެ މުޠުލަޤު އަދި އާޚިރީ ވަފާތެރިކަން އޮންނާން ވާނީ މާތް ވެގެން ވާ އިސްލާމް ދީނަށާއި، ދިވެހި ލޮބުވެތި ރައްޔިތުންނަށާއި، ދިވެހި ރައްޔިތުންގެ ޤައުމިއްޔަތަށެވެ. ތިޔަ ބެއިފުޅުންގެ އަސާސީ އަދި މުޠުލަޤު ވާޖިބަކީ، މި ދެންނެވި ކަންކަން ޙިމާޔަތް ކޮށް ރައްކައުތެރި ކުރުމަށް ޓަކައި ހުރިހައި ހުރަސްތަކަކާ ދެކޮޅަށް ސާބިތުކަމާ އެކު ތެދު ވެވަޑައިގަތުމެވެ. އަޅުގަނޑުގެ އިލްތިމާސަކީ މި ކަމުގައި ތިޔަ ބެއިފުޅުން އަދާ ކުރައްވާން ޖެހޭ ވާޖިބަށް ހުރަސް އަޅާ އަޅުވެތިކަމުގެ ލަގަނަކަށް، ކަރުފުޅުގައި އޮންނަ ޕާޓީ ކުލައިގެ ޓައި ވިޔަނުދެއްވުމެވެ. މި މައްސަލައިގައި ގޯސް މަގު އިޚްތިޔާރު ކުރެއްވުމަކީ، ތިޔަ ބެއިފުޅުންގެ ޝަހާދަތާއި، ދިވެހި ދައުލަތުގެ ދުސްތޫރާއި، ކުރައްވައިގެން ތިޔަ ތިއްބެވި ހުވަޔާއި، ރައްޔިތުން ތިޔަ ބެއިފުޅުންނަށް ވޯޓު ދިނުމުގައި ކުރި އިތުބާރުގެ ސަބަބުން ތިޔަ ބެއިފުޅުންގެ ކޮނޑުފުޅުތަކުގައި އެޅިފައި ވާ އަސާސީ ވާޖިބަކަށް ޚިޔާނާތްތެރި ވެވަޑައިގަތުން ކަމަށް މެނުވީ އެއްވެސް ފޮތެއްގައި ނުވަތަ ފަތެއްގައި ނުލިޔެވޭނެއެވެ. ހަމަ އެހެންމެ، މި ކަމުގައި ތިޔަ ބެއިފުޅުން ރައްޔިތުންގެ އަޣްލަބިއްޔަތުގެ ރައުޔާ ޚިލާފަށް ގޮތެއް ނިންމެވުމަކީ، އެ އުޞޫލުތަކަކަށް ޙުރުމަތްތެރިކޮށް ހިއްތަވާ ކަމަށް ތިޔަ ބެއިފުޅުން އަމިއްލަފުޅަށް ވިދާޅުވާ ޖުމްހޫރިއްޔަތާއި ދީމިޤްރާޠިއްޔަތުގެ އުޞޫލުތަކަށް ވެސް މުޅީން ފުރަގަސް ދިނުމެއް ކަމުގައި މެނުވީ ހަމަ ހިލާ ނުވާނެއެވެ.

ދެން މި ދަންނަވައިލަނީ، ނަންބަރު 2021/19/ބ-19 ބިލާ މެދު އަޅުގަނޑު މި ޢާއްމު ސިޓީގައި ފާހަގަ ކޮށް ދެންނެވުމަށް ގަސްތު ކުޅަ މައިގަނޑު ނުކުތާތަކެވެ. އަޅުގަނޑު ފާހަގަ ކޮށްފައި ވާނީ ބިލުގެ ލިޔެ ފުރޭމު ކުރެވިފައި ހުރި ގޮތުގައި ހުރި ކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވޭ މައްސަލަތަކެވެ. ބިލުގެ މާއްދާތައް ގޯސް ކަމަށް އަޅުގަނޑަށް ފެންނަ ސަބަބުތަކެވެ. އަޅުގަނޑު ޤަބޫލު ކުރަނީ، މި ސިޓީގައި އަޅުގަނޑު އަލި އަޅުވައިލައިފައި ވާ ހުރިހައި ނުކުތާތަކަކާ ބެހޭގޮތުންނާއި، އަޅުގަނޑު ފިޔަވައި އެހެން ބެއިބެއިފުޅުން މި ކަމާ ބެހޭގޮތުން ހުށައަޅުއްވާ އެންމެހައި ވިސްނުންފުޅުތަކާ ބެހޭގޮތުން ވެސް، އިތުރަށް ދިރާސާ ކުރުމުގެ މަސައްކަތް ތިޔަ މަޖިލިހުގެ އިސް ނެންގެވުމާ އެކު ކުރެވޭނޭ ކަމަށެވެ.

ނަންބަރު 2021/19/ބ-19 ބިލަށް ރައްޔިތުންގެ އާއްމު ފުރަވަސާނައިގައި ބޭނުން ކުރެވޭ ޢާއްމު ނަންތައް ކަމަށް ފެންނަނީ "ނަފްރަތުގެ ބިލު" އަދި "ޢަލްމާނީ ބިލު" މިއެވެ. މިއިން އެއްވެސް ނަމަކަށް ފިކުރީ ގޮތުން ތާއީދު ކުރުމުގެ ނިޔަތެއް ނެތި، ފަސޭހައަކަށް ޓަކައި، މި ސިޓީގައި އަޅުގަނޑު ވެސް ދެން ބިލާ ޙަވާލާ ދޭނީ މި ދެ ނަމުން ކުރެ ނަމަކުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް