ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޒޫމާ 15 މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޖެކަބް ޒޫމާ 15 މަހަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފަ -- ފޮޓޯ: ރޮއިޓާސް

ކޭޕް ޓައުން (ޖޫން 30): ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޖެކަބް ޒޫމާ 15 މަހަށް ޖަލަށް ލާން އެގައުމުގެ އެންމެ މަތީ ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ދެކުނު އެފްރިކާގެ ދުސްތޫރީ ކޯޓުން ޒޫމާ ޖަލަށް ލާން ހުކުމް ކުރީ އޭނާ ވެރިކަމުގައި ހުންނެވި އިރު ހިނގި ކަމަށް ބެލެވޭ ކޮރަޕްޝަނުގެ މައްސަލައެއްގައި ތަހުގީގަށް ހާޒިރުވާން ދެކޮޅު ހެދުމުން، ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ސާބިތުވުމުންނެވެ.

އެ މައްސަލައިގައި ފަސް ދުވަހުގެ ތެރޭގައި ޒޫމާ ފުލުހުންނާ ހަވާލުވާން ކޯޓުން ވަނީ އަންގާފަ އެވެ. އަދި ފުލުހުންނާ ހަވާލުނުވެއްޖެ ނަމަ އޭނާ ހައްޔަރު ކުރަން އަމުރެއް ނެރޭނެ އެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ އޭޕްރިލް މަހު ޒޫމާގެ މައްޗަށް ވަނީ ކޮރަޕްޝަނާ ގުޅުން ހުރި 16 ދައުވާއެއް އުފުލައިފަ އެވެ. އެއީ 1990ގެ އަހަރުތަކުގައި ޒޫމާ ނައިބު ރައީސްގެ ގޮތުގައި ހުންނެވި އިރު ސަރުކާރުން ހަތިޔާރު ގަތުމަށް ހެދި އެއްބަސްވުމެއްގައި ރިޝްވަތު ނެންގެވުމުގެ ތުހުމަތުގައި އެވެ.

މީގެ އިތުރުން، ޒޫމާ 2009އިން 2018އަށް ވެރިކަމުގައި ހުންނެވި އިރު އޭނާއާ ގާތް ވިޔަފާރިވެރިންނަށް ދައުލަތުގެ ފައިސާ ބޭނުން ކުރުމަށާއި ގައުމުގެ ސިޔާސަތުތަކަށް ނުފޫޒު ފޯރުވަން ފުރުސަތު ދިން ކަމުގެ ތުހުމަތުވެސްކޮށްފައިވެ އެވެ.

ޒޫމާ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަނުގެ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ.

comment ކޮމެންޓް