ޖަޕާނުން 10 އެމްބިއުލާންސްއާއި 9 ސީ އެމްބިއުލާންސް ދެނީ

މޭ 12، 2020: މަސްވެރިންގެ ޕާކް ސަރަހައްދުގައި އެމްބިއުލައިންސް ޕާކް ކޮއްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖަޕާނު ސަރުކާރުން 10 އެމްބިއުލާންސް އާއި، ނުވަ ސީ އެމްބިއުލާންސް ހިލޭ ދޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މި މަހުގެ ކުރީކޮޅު ސަރުކާރުން ވަނީ އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ އެ 96 އެމްބިއުލާންސް އަކީ ސަރުކާރުގެ ހަރަދުގައި ގަންނަ އެމްބިއުލާންސް ތަކެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ 15 ސީ އެމްބިއުލާންސް ހޯދުމުގެ މަސައްކަތްވެސް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ޖަޕާނު ސަރުކާރުން ރާއްޖެއަށް އެމްބިއުލާންސް ދިނުމަށް އެއްބަސްވެފައިވާ ކަމަށާއި، އެގޮތުން 10 އެމްބިއުލާންސް އާއި ނުވަ ސީ އެމްބިއުލާންސް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ޖަޕާނު ސަރުކާރުން އަޅުގަނޑުމެންނަށް އެމްބިއުލާންސް އެބަ ދޭ. ދެނީ 10 އެމްބިއުލާންސް، އަދި އޭގެ އިތުރުން ސީ އެމްބިއުލާންސް 15 ސީ އެމްބިއުލާންސް އަޅުގަނޑުމެން އެބަ ހޯދަން. ޖަޕާނު އެހީގައި ސީ އެމްބިއުލާންސްގެ ނުވަ އެމްބިއުލާންސް އެބަ ލިބޭ," މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

ޖަޕާނުން ވަނީ މީގެ ކުރިން 2019 ވަނަ އަހަރުވެސް ރާއްޖެއަށް 21 އެމްބިއުލާންސް ހަދިޔާކޮށްފައެވެ.

އެމްބިއުލާންސްގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތަށް ހާއްސަ ސަމާލުކަމެއް ދީގެން މިނިސްޓްރީން މަސައްކަތް ކުރަން ފަށާފައި މިވަނީ، އެމްބިއުލާންސް އައުން ލަސްވުމުގެ ސަބަބުން މި މަހުގެ ކުރީކޮޅު 10 އަހަރުގެ ކުއްޖަކު ނިޔާވި ހާދިސާއަށް ފަހުއެވެ.

އެ ހާދިސާއަށްފަހު މިނިސްޓްރީން ވަނީ ރާއްޖޭގައި އެމްބިއުލާންސްގެ ހިދުމަތް ދިނުމަށްޓަކައި އެމަޖެންސީ މެޑިކަލް ސާވިސް (އީއެމްއެސް)ގެ ނަމުގައި ހާއްސަ ހިދުމަތެއްވެސް ގާއިމުކޮށްފައެވެ.

comment ކޮމެންޓް