ޕެނަލްޓީގެ މާޔޫސްކަމުގައި ހުރި އެމްބާޕޭއަށް ޕެލޭ ހިތްވަރު ދީފި

ފްރާންސްގެ ތަރި އެމްބާއްޕޭއާއި ބްރެޒިލްގެ ލެޖެންޑް ޕެލޭ ---

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގައި ސްވިޓްޒަލެންޑާ ދެކޮޅަށް ފްރާންސްގެ ކީލިއަން އެމްބާޕޭ ފޮނުވާލި ޕެނަލްޓީ ނާކާމިޔާބުވެ، އެ ޓީމު މުބާރާތުން ކެޓުމާ ގުޅިގެން ބްރެޒިލްގެ ލެޖެންޑް ޕެލޭ އޭނާއަށް ހިތްވަރު ދީފި އެވެ.

މިދިޔަ ހޯމަދުވަހުގެ ރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތާއި އިތުރުވަގުތުގެ ދެ ހާފް ކުޅެ ނިމުނުއިރު 3-3 އިން އެއްވަރުވެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ފްރާންސް 5-4 އިން ބަލިވިއިރު، ދެ ޓީމުން ފޮނުވާލި ޕެނަލްޓީތަކުގެ ތެރެއިން ވެސް ނާކާމިޔާބުވީ ހަމައެކަނި އެމްބާޕޭ ޖެހި ޕެނަލްޓީ އެވެ. ފްރާންސްގެ ފަސް ވަނަ ޕެނަލްޓީގައި އެމްބާޕޭ ފޮނުވާލި ބޯޅަ ސްވިޒަލެންޑްގެ ކީޕަރު ޔެން ސޮމާ ވަނީ މަތަކޮށް އެ ޓީމު މޮޅުކޮށްދީފަ އެވެ.

ދުނިޔޭގައި މިވަގުތު ތިބި އެންމެ ހުނަރުވެރި ކުޅުންތެރިންގެ ގޮތުގައި ގިނަބަޔަކު ގަބޫލުކުރާ އެމްބާޕޭ ޕީއެސްޖީއާ އެކު ރަނގަޅު ސީޒަނެއް ނިންމާލި ނަމަވެސް މިފަހަރުގެ ޔޫރޯގައި އޭނާގެ ފަރާތުން ފެނުނީ ވަރަށް އާދައިގެ ކުޅުމެކެވެ. މުބާރާތް ނިންމާލީ އެއްވެސް ގޯލެއް ނުޖެހި އެވެ.

މެޗަށް ފަހު އުމުރުން 22 އަހަރުގެ އެމްބާޕޭ ވަނީ ޓްވިޓާ މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ޕެނަލްޓީގެ ނާކާމިޔާބީއާ ގުޅިގެން ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިފަ އެވެ. އެމްބާޕޭ ބުނީ އެހެން ކުޅުންތެރިންނެކޭ އެއްގޮތަށް އޭނާ ވެސް ޕެނަލްޓީ ޖަހަން ނިންމީ ޓީމު މޮޅުކޮށްދޭން ކަމަށާއި ނާކާމިޔާބު ވުމުން އޭނާ ފެއިލްވީ ކަމަށެވެ.

މާޔޫސްވެފައި ހުރި އެމްބާޕޭއަށް ހިތްވަރު ދެމުން ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް އެންމެ ގިނަ ބަޔަކު އިއްތިފާގުވާ ޕެލޭ ބުނީ މިއީ ކަރު އެލުވާލަންވީ ވަގުތު ނޫން ކަމަށެވެ.

"ކަރު އެލުވާލައިގެން ނުހުންނާތި. މާދަމާއަކީ މުޅިން އައު ތަޖުރިބާއެއްކަމަށް ބަލައިގެން ކުރިއަށްދޭ," ޓްވިޓާ މެދުވެރިކޮށް އެމްބާޕޭއަށް ދިން މެސެޖެއްްގައި ޕެލޭ ބުނެފައިވެ އެވެ.

އެމްބާޕޭ ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ޕެލޭގެ ރެކޯޑަކާ އެއްވަރު ކޮށްފަ އެވެ. އެއީ އެންމެ ޒުވާން އުމުރުގައި ވޯލްޑް ކަޕެއްގައި ގިނަ ގޯލުތަކެއް ޖެހުމުގެ ރެކޯޑެވެ.

މި ފަހަރުގެ މުބާރާތަށް ފޭވަރިޓެއްގެ ގޮތުގައި ނުކުތް ފްރާންސް 2010 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ބޮޑު މުބާރާތެއްގެ ކުއާޓާ ފައިނަލަށް ނުގޮސް ކެޓިއިރު، ފްރާންސްގެ ކޯޗުގެ މަގާމުގައި ޑެޝޯމްޕްސް އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.

comment ކޮމެންޓް