ޔޫރޯ 2020: ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ކޯކުފުޅި

މިފަހަރުގެ ޔޫރޯގައި ގިނަބައެއްގެ ސަމާލުކަން ލިބެމުންދާ ކޯކުފުޅި ---

މިފަހަރުގެ ޔޫރޯ އެހެން ފަހަރުތަކާ މުޅިން ތަފާތެވެ. މުބާރާތް ބާއްވަން ޝެޑިއުލު ކުރިތާ އަހަރެއް ފަހުން މުބާރާތް ބޭއްވި އިރު، ކުރިއާ ތަފާތު ގިނަ ކަންތައްތަކެއް މުބާރާތުގެ ތެރެެއިން ވަނީ ފާހަގަ ވެފަ އެވެ. އެގޮތުން ކޯކު ފުޅީގެ ވާހަކަތަކަކީ މިފަހަރުގެ ޔޫރޯގައި އެކި ސަބަބުތަކާ ހުރެ މަޝްހޫރު ވެގެން ދިޔަ ވާހަކަ ތަކެކެވެ.

ޔޫއެފާ އާއި ފީފާގެ ވެސް ބޮޑު ސްޕޮންސަރެއް ކަމަށްވާ ކޮކަ ކޯލާ ނުވަތަ ކޯކު ފުޅީގެ ވާހަކަ ފެށިގެން އައީ ޕްރެސް ކޮންފަރެންސަށް ގޮސް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ދެ ކޯކު ފުޅި އެއްފަރާތް ކޮށްލި ވާހަކަ މީޑިއާތަކުގެ ފަލަ ސުރުހީތަކަށް އެރި ހިސާބުންނެވެ. ދެ ކޯކު ފުޅި އެއްފަރާތް ކޮށްލައި ރޮނާލްޑޯ ކެމެރާއަށް ފެން ފުޅި ދައްކާލައި ފެން ބޯން ޖެހޭނެ ކަމަށް ބުނެފައިވެއެވެ. ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ފުޓުބޯޅަ ކުޅުންތެރިޔާގެ މިފަދަ ކުޑަ ކަމަކީ ވެސް އެންމެންގެ ލޯތައް އެކަމަކަށް ހުއްޓޭނެ ކަމެއް ކަން ޔަގީނެވެ.

ރޮނާލްޑޯ ކޮކާ ކޯލާއާ ދެކޮޅު ނަމަވެސް އެ ފުޅި ޓީވީއަށް އަރާނެހެން ޔޫއެފާއިން ޕްރެސްގައި ބަހައްޓާފައި ހުރީ ސްޕޮންސާޝިޕްގެ ބޮޑު އެއްބަސްވުމެއްގެ ދަށުންނެވެ. އެއާ އެކު ރޮނާލްޑޯގެ މި ކުޑަ ކުޑަ އަމަލަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ. އަދި އެހެންމެ ރޮނާލްޑޯ އެ ފުޅިތައް ދުރުކުރުމުން އެ ކުންފުނީގެ މާކެޓު ވެލިއުއަށް ވަނީ ވަރަށް ބޮޑު އަސަރެއް ކޮށްފަ އެވެ.

އެ ޕްރެސް ކޮންފަރެންސުގެ ކުރިން ކޮކާކޯލާގެ މާކެޓު ވެލިއު ހުރީ 242 ބިލިއަން ޑޮލަރުގަ އެވެ. ނަމަވެސް ޖެހިގެން އައި ދުވަހު އެ ކުންފުނީގެ މާކެޓު ވެލިއު ވަނީ 238 ބިލިއަން ޑޮލަރަށް ވެއްޓިފަ އެވެ.

ރޮނާލްޑޯގެ "ސްޓަންޓް" އަށް ފަހު ސޯޝަލް މީޑިއާގައި ކޯކު ފުޅީގެ ޖޯކު ގިނަބަޔަކަށް މަޖާވި އިރު، ފިންލެންޑް އަތުން 1-0ގެ ނަތީޖާއަކުން މޮޅުވި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރަޝިއާގެ ކޯޗު ސްޓަނިސްލާވް ޗެރްޗެޝޮފް ދައްކުވައި ދިނީ އެހެން މެސެޖެކެވެ. މޭޒުމަތީ ބަހައްޓާފައި ހުރި ކޯކު ފުޅިއަކުން، ފުޅިއެއް ނަގައި ކަނޑައިލުމަށްފަހު، ޗެރްޗެޝޮފް ބައްދަލުވުން ފެށީ ކޯކު ފުޅިން ބައެއް ބޯލުމަށްފަހުއެވެ.

މީގެ އިތުރުން މުބާރާތުގެ ގަދަ 16 ގައި ފްރާންސާއި ސްވިޒަލޭންޑް ބައްދަލު ކުރި މެޗުގެ އިތުރު ވަގުތުގައި ސްވިޒަލޭންޑްގެ ކެޕްޓަން ގްރެނިޓް ޒަކާ ކޯކު ފުޅިއެއް ބޯ ފޮޓޯތަކެއް ވަނީ ސޯޝަލް މީޑިއާގައި ވައިރަލް ވެފަ އެވެ. އެއްބަޔަކު ބުނަމުން އަންނަނީ ސްވިޒަލޭންޑް މޮޅުވުމުގެ އަސްލަކީ ޒަކާ ކޯކު ފުޅި ބޮއެގެން ކަމަށެވެ.

comment ކޮމެންޓް