ޔޫރޯ 2020: ޖަރުމަނު ކަޓުވާލައި އިންގްލަންޑް ކުއާޓާއަށް

ޖަރުމަނު ކޮޅަށް ގޯލު ޖެހުމަށްފަހު އިނގިރޭސިވިލާތުގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ//ޓެލެގްރާފް

މިހާރު ކުރިއަށްދާ ޔޫރޯ މުބާރާތުގެ ދެވަނަ ބުރުގައި ވާދަވެރި ޖަރުމަނު ބަލިކޮށް އިންގްލަންޑުން ކުއާރޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

އިނގިރޭސި ވިލާތުގެ ވެމްބްލީ ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗުން ޖަރުމަނުގެ މައްޗަށް އިނގިރޭސިވިލާތުން ކުރި ހޯދީ 0-2 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު ކުއާޓާގެ ޖާގައެއް އިންގްލަންޑުން ކަށަވަރު ކުރި އިރު، އެ ޓީމު ގަދަ އަށެއްގައި ވާދަކުރާނީ މިރޭ ސްވިޑަންއާއި ޔޫކްރޭން ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.

ފަހުގެ ތާރީހުގައި ޖަރުމަނު އަތުން ބޮޑު މުބާރާތެއްގައި މަރުގެ މެޗަކުން އިންގްލޭންޑް މޮޅުވެފައެއް ނުވެ އެވެ. އެންމެ ފަހުން ނޮކްއައުޓަށް ކުޅޭ މެޗަކުން ޖަރުމަނު އަތުން އިންގްލެންޑް މޮޅުވީ މީގެ 55 އަހަރު ކުރިން 1966 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފައިނަލުގަ އެވެ. އެ މެޗުގެ ފަހުން ފަހުން ބޮޑު މުބާރާތްތަކުގައި މި ދެ ޓީމު ކުޅުނު ހަތަރު މެޗުން ވެސް މޮޅުވީ ޖަރުމަނެވެ.

ޖަރުމަނުން މިރޭގެ މެޗަށް ނުކުތީ ބަދަކުތަކަކާ އެކު އެވެ. އެ ޓީމުގެ މެދުތެރެއަށް ކުޅެމުން އަންނަ ގުންޑޮވާންއާއި ސާޖް ނެބްރީ ނުލައި ކުޅުނު އެ މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ.

މެޗުގެ ފުރަތަމަ ހާފުގައި އިންގަލަންޑަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ކެޕްޓަން ހެރީ ކޭން އަށެވެ. ގޯލު ކުރިމަތިން ކޭންއަށް ލިބުނު ބޯޅަ ޖަރުމަނުގެ ކީޕަރު މެނުއަލް ނޯޔާ ކައިރިން ނައްތާލަން ޖައްސާލި ބޯޅަ ދިޔައީ ގަޔާ ދުރަށެވެ.

ދެވަނަ ހާފު ފަށައިގެން ދެ ޓީމުގެ ފަރާތުން މާގިނަ ހަމަލާތަކެއް އުފެއްދިފައި ނުވާ އިރު، އިންގަލަންޑް ކޮޅަށް މެޗުގެ އޮއެވަރު ބަދަލުވީ ކުރިއަށް ކުޅެމުން ދިޔަ ބުކަޔޯ ސަކާގެ ބަދަލުގައި ޖެކް ގްރީލިޝް ކުޅެން ނުކުން ހިސާބުންނެވެ. ގްރީލިޝް ކުޅެން ނުކުންތާ މާގިނަ އިރުތަކެއް ނުވަނީސް ސްޓާލިންގްގެ ގޯލަކުން އިންގްލަންޑް ވަނީ ލީޑު ނަގައިފަ އެވެ.

ޖަރުމަނަށް ނަތީޖާ ހަމަހަމަ ކުރަން ރަނުގެ ފުރުސަތެއް ލިބި ވަނީ ބޭކާރުވެފަ އެވެ. ސްޓާލިންގް ފަހަތަށް ދިން ބެކްޕާހެއްގެ ފައިދާ ނަގައި ޖަރުމަނުން އުފެއްދި ކައުންޓާ އެޓޭކްގައި ކައި ހަވާޓްޒް މުޅިން ހުސްކޮށްލާފައި ތޯމަސް މުލާއަށް ދިން އިރު، މުލާ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.

ޖަރުމަނުން ޓީމު ކުރިއަށް ޖެއްސި ވަގުތު އިންގްލަންޑުން ކައުންޓާގެ ބޭނުން ހިފައި އެ ޓީމަށް ލީޑު ފުޅާ ކޮށްދިނީ ކޭން އެވެ.

ޔޫރޯ 2020 ގެ ގަދަ 16 ގެ ފަހު މެޗުގައި މިރޭ ޔޫކްރޭނާއި ސްވިޑަން ބައްދަލު ކުރާ މެޗު އޮންނާނީ މިރޭ 12:00 ޖަހާއިރު އެވެ.

comment ކޮމެންޓް