އިސްރާއީލުގެ މިނިސްޓަރަކު ފުރަތަމަ ފަހަރަށް ޔޫއޭއީއަށް

އިސްރާއީލްގެ ފޮރިން މިނިސްޓަރު ޔައިރު ލަޕިދު ވަނީ މިއަދު ޔޫއޭއީއަށް ދަތުރު ކުރައްވާފަ -- ފޮޓޯ: ރޮއިޓާސް

އަބޫ ދާބީ (ޖޫން 29): އިސްރާއީލްގެ ފޮރިން މިނިސްޓަރު ޔައިރު ލަޕިދު މިއަދު ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)އަށް ވަޑައިގެންފި އެވެ.

ލަޕިދުއަކީ ޔޫއޭއީއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ އިސްރާއީލްގެ ފުރަތަމަ މިނިސްޓަރެވެ. އަދި އެ ދަތުރުފުޅުގައި އޭނާ އެގައުމުގެ ފޮރިން މިނިސްޓަރު ޝޭހު އަބްދުﷲ ބިން ޒައިދު އަލް ނަހްޔާނާ ބައްދަލު ކުރައްވާ، އިސްރާއީލްގެ އެމްބަސީއަކާއި ކޮންސިއުލޭޓް އޮފީހެއް ހުޅުވާ ދެއްވާނެ އެވެ.

މިދިޔަ އަހަރު އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން މެދުވެރިވެގެން ހެދި އެއްބަސްވުމެއްގެ ދަށުން ޔޫއޭއީން ވަނީ އިސްރާއީލާއެކު ޑިޕްލޮމެޓިކް ގުޅުންތައް ގާއިމުކޮށްފަ އެވެ. އަދި އޭގެ ފަހުން ޔޫއޭއީން ވަނީ އިސްރާއީލާއެކު މުހިއްމު ވިޔަފާރީގެ އެއްބަސްވުންތަކެއްގައިވެސް ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ދެ ގައުމުގެ ރައްޔިތުންނަށް ވިސާއާ ނުލައި ދަތުރު ކުރެވޭނެ ގޮތް ހެދުމަށާއި އިންވެސްޓްމެންޓާއި ފަތުރުވެރިކަމާއި ސަލާމަތާއި މުވާސަލާތާ ގުޅުން ހުރި އެއްބަސްވުންތައް ހިމެނެ އެވެ.

މީގެ އިތުރުން، ޔޫއޭއީން އިސްރާއީލާ ގުޅުން ގާއިމުކުރި ފަހުން ޓްރަމްޕްގެ ސަރުކާރުން އެގައުމަށް 50 އެފް-35 ފައިޓާ ޖެޓު ވިއްކަން އެއްބަސްވި އެވެ. އޭގެ ކުރިން އެމެރިކާއިން އެފަދަ ފައިޓާ ޖެޓު ވިއްކި މެދުއިރުމަތީގެ ހަމައެކަނި ގައުމަކީ އިސްރާއީލެވެ.

ޔޫއޭއީން ބުނާ ގޮތުގައި އެގައުމުން އިސްރާއީލާ އެކު ހެދި އެއްބަސްވުމުގެ ދަށުން، އިސްރާއިލުން ވަނީ ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރި ކޮށްފައިވާ ސަރަހައްދުތައް އެގައުމުގެ ބަޔަކަށް ހެދުމުގެ ރޭވުންތައް މަޑުޖައްސާލަން އެއްބަސްވެފަ އެވެ. އަދި ޔޫއޭއީގެ އިތުރުން ބަހުރައިން އާއި މޮރޮކޯއާއި ސޫދާނުންވެސް މިހާރު ވަނީ އިސްރާއީލާއެކު ގުޅުން ގާއިމުކޮށްފަ އެވެ.

އަރަބި ގިނަ ގައުމުތަކުން ބުނާ ގޮތުގައި އެ ގައުމުތަކުން އިސްރާއީލާ އެކު ގުޅުން ގާއިމު ކުރާނީ ފަލަސްތީނާއި އިސްރާއީލުގެ މައްސަލަ ހައްލުވުމުންނެވެ. އަދި ބައެއް އަރަބި ގައުމުތަކުން އިސްރާއީލާ އެކު ގުޅުން ބަދަހި ކުރަން ނިންމުމުން، ފަލަސްތީން ވަކި ދައުލަތަކަށް ހެދުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އެޅޭ ކަމަށް ފަލަސްތީނުގެ ރައްޔިތުން ބުންޏެވެ.

comment ކޮމެންޓް