ނައިފަރުގައި ޒުވާނަކަށް އަނިޔާކުރި ފުލުހުން ވަޒީފާއިން ވަކިކޮށްފި

ޅ. ނައިފަރު -- ސަން ފޮޓޯ: އަހުމަދު ހަސަން

ޅ. ނައިފަރުގައި ޒުވާނަކަށް އަނިޔާކުރިކަމަށް ބުނާ ތިން ފުލުހުން މަގާމުން ވަކިކޮށް، ދެ ފުލުހުންގެ މަގާމު ދަށްކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ނައިފަރުގެ ޒުވާނަކަށް އަނިޔާކުރި މައްސަލައެއް ފެންމަތިވީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. އަދި ފުލުހުން ވަނީ އެ މައްސަލަ އޭރު ބަލަން ފަށާފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ ނަައިފަރުގައި ފުލުހުން މީހަކަށް އަނިޔާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުގެ ދަށުން ބެލުމަށްފަހު ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން، އެ މައްސަލައިގައި ހިމެނޭ ތިން ފުލުހަކު ވަޒީފާއިން ވަކިކުރުމަށް އަދި ދެ ފުލުހަކު މިހާރު ހުރި ރޭންކު ދަށްކުރުމަށް މި މަހުގެ 22 ވަނަ ދުވަހު ނިންމާފައިވާ ކަމަށެެވެ.

ނަމަވެސް މައްސަލައިގައި ފިޔަވަޅު އަޅާފައިވާ ފުލުުންނަށް، އެ ފިޔަވަޅު އިސްތިއުނާފުކުރުމަށް، ބަންދު ދުވަސްތައް ނުހިމަނައި ހަތް ދުވަސް ލިބޭނެކަމަށް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފުލުހުން ނައިފަރުގެ ޒުވާނާއަށް އަނިޔާކޮށްފައިވަނީ އެތަނުން ފުލުހެއްގެ އަންހެނުންނަށް އޭނާ މަގުމަތިން ފޮށުނުކަމަށް ބުނެއެވެ. އެހެންނަމަވެސް އޭނާ ވަނީ އެކަން ދޮގުކޮށްފައެވެ.

ފުލުހުން އެ ޒުވާނާ ގޭގައި ހުއްޓައި ނައިފަރު ކުނިކޮށި ސަރަހައްދަށް ގެންގޮސް ފުލުހުންގެ ޔުނީފޯމުގައި ހުރެގެން ބޫޓުންނާއި ފައިން ތެޅި ކަމަށާއި، ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

comment ކޮމެންޓް