ކެނެރީގޭ ގެ ސެކިއުރިޓީ ދަށްކުރި ކަމަަށް އާއިލާއިން ބުނެފި

މަޖިލިސް ރައީސް ނަޝީދު: ހަމަލާއިން ލިބުނު ޒަހަމުތަކަށް ފަރުވާ ހޯދުމަށް ޖަރުމަނުގައި ----

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގޭގެ ސެކިއުރިޓީ ދަށްކޮށްފި ކަމަށް އެމަނިކުފާނުގެ އާއިލާއިން ބުނެފިއެވެ.

ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު އަހްމަދު ނާޒިމް އަބްދުއްސައްތާރު "ސަން" އަށް މިއަދު ވިދާޅުވީ މޭ ހައެއްގައި ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ކެނެރީގޭ ސެކިއުރިޓީ ބެލެހެއްޓުމަށް ހަތިޔާރާއެކު ހަ އެމްއެންޑީއެފް ބޭފުޅުންނައި، ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕްގެ ބޭފުޅަކު ބަހައްޓާފައި ހުންނަ ކަމަށެވެ.

ނަމަވެސް އިއްޔެއާއި މިއަދު، ހަތިޔާރު އެޅި ހަ ބޭފުޅުން ގޭގެ ސެކިއުރިޓީ ބަލަން ވަޑައިނުގަންނަވާ ކަމަށާއި، ހަމައެކަނި ހުންނަނީ ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕްގެ އެއް ބޭފުޅަކު ކަމަށް ނާޒިމް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ނާޒިމް ކުރެއްވި ޓުވީޓެއްގައި ވަނީ "ކެނެރީގޭގެ ސެކިއުރިޓީ ދަށްކުރެއްވީ އޭނާ އއ. މާޅޮހަށް ފުރުއްވީމަތޯ" ޑިފެންސް މިނިސްޓްރު މާރިޔާ އަހުމަދު ދީދީއާ ސުވާލު ކުރައްވާފައެވެ.

މިދިޔަ މަހުގެ ހަ ވަނަ ދުވަހު ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުން ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރާ ވަޑައިގަންނަވަނިކޮށް އެ ސަރަހައްދުގަައި ހުރި ސައިކަލެއްގައި އައިއީޑީއެއް ގޮއްވާލައިގެންނެވެ.

އެ ހަމަލާގެ ސަބަބުން ރައީސް ނަޝީދަށް ގިނަ އަނިޔާތަކެއް ލިބުނު އިރު، އެކަމަކާ ގުޅިގެން އޭރު އެމްއެންޑީއެފުން ވަނީ އެމަނިކުފާނުގެ ސެކިއުރިޓީ ވަރުގަދަކޮށްފައެވެ.

comment ކޮމެންޓް