ކޮޕާ އެމެރިކާ: މެސީގެ ރެކޯޑު މެޗުގައި އާޖެންޓީނާއަށް ބޮޑު މޮޅެއް

އާޖެންޓިނާއާއި ބޮލީވިއާ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ// ބީބީސީ

މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާ މުބާރާތުގެ ގުރޫޕް ސްޓޭޖު ފަހު މެޗުގައި އާޖެންޓީނާއިން ބޮޑު މޮޅަކާ އެކު ނިންމާލި އިރު، އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި އެވެ.

ބްރެޒިލްގެ އެރީނާ ޕަންޓަނަލްގައި މިއަދު ކުޅުނު މެޗުން ބޮލީވިއާގެ މައްޗަށް އާޖެންޓީނާ ކުރި ހޯދީ 1-4 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު އާޖެންޓީނާ ގްރޫޕް ސްޓޭޖު އެއްވަނައިގައި ނިންމާލީ ހަތަރު މެޗުން ހޯދި 10 ޕޮއިންޓާ އެކު އެވެ. އެ ގުރޫޕުން ދެވަނަ އުރުގުއޭ ހޯދި އިރު، ތިންވަނަ ލިބުނީ ޕެރަގުއޭއަށެވެ. ހަތަރުވަނަ ހޯދި ޗިލީން ފަސް ޕޮއިންޓާ އެކު ކުއާޓާގެ ފަހު ޖާގައެއް ވަނީ ހޯދައިފަ އެވެ.

މިދިޔަ ކޮޕާގެ ތިންވަނަ ހޯދި އާޖެންޓީނާއިން މިއަދުގެ މެޗު ވަރުގަދައަށް ފެށި އިރު، މެޗުގެ ކުރީކޮޅު މެސީ ދިން ޕާހަކުން ގޮމޭޒް ވަނީ އާޖެންޓީނާއަށް ލީޑު ނަގައިދީފަ އެވެ. އެއަށްފަހު ގޮމޭޒްއަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ދިން ޕެނަލްޓީ ގޯލަށް ޖަހައި މެސީ ވަނީ ލީޑު ފުޅާ ކޮށްދީފަ އެވެ. އަދި އެހެންމެ ފުރަތަމަ ހާފު ނިމުމުގެ ކުރިން މެސީ ވަނީ އޭނާ ގައުމީ ޓީމަށް 75 ވަނަ ގޯލު ހަމަކޮށްދީފަ އެވެ.

ތިން ގޯލުގެ ލީޑަކާ އެކު ދެވަނަ ހާފަށް އާޖެންޓީނާ ނުކުން އިރު، ބޮލީވިއާއިން ކުޅުން ރަނގަޅުކޮށް ހަމަލާތަކެއް އުފެއްދޭތޯ ވަނީ މަސައްކަތް ކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން 60 ވަނަ މިނަޓުގައި އާވިން ސާވެދްރާގެ ގޯލުން އެ ޓީމުން ވަނީ ފަރަގު ކުޑަ ކޮށްފަ އެވެ. އެކަމަކު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުން ލައުޓަރޯ މާޓީނެޒް ވަނީ އާޖެންޓީނާއަށް އިތުރު ގޯލެއް ޖަހައިދީފަ އެވެ.

މިއަދުގެ މެޗާ އެކު މެސީ ވަނީ އާޖެންޓީނާގެ ގައުމީ ރެކޯޑެއް ހަދައިފަ އެވެ. ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާގެ ޝަރަފު އޭނާ ހޯދީ 148 މެޗު ކުޅެގެންނެވެ. ކުރިން އެ ރެކޯޑު އޮތޯ 147 މެޗާ އެކު ހަވިއާ މަޝަރާނޯ އަތުގަ އެވެ.

comment ކޮމެންޓް