ފަރުވާގެ ނިޒާމު ދޯހަޅިވެ ޒުވާނުން ބިކަތެޅެނީ، އެންޑީއޭ އަދިވެސް އޮތީ ގުގުރި ނިދީގައި!

ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއަކީ އިންޑިއާ ކަނޑު ތެރޭގައި އަތުރައިލެވިފައިވާ ސާފު މުތްތަކެއް ފަދަ ކުޑަކުޑަ ޖަޒީރާ ޤައުމެކެވެ. ވަރަށް މަތިވެރި ސަގާފަތަކާއި ރީތި ތާރީހެއް ހޯދާ މިލްކު ކޮށްފައިވާ އެހާމެ، ޗާލު ގައުމެކެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ސައްޔާޙުންގެ މެދުގައި ވެސް މަގުބޫލު، އަމާން، އަދި އެހާމެ އެކުވެރި ރައްޔިތެއް ދިރިއުޅޭ ސައްތައިންސައްތަ މުސްލިމް ގައުމެކެވެ. މުޅި ދުނިޔޭގެ ކުރިމަތީގައި ވެސް ސުލްހަވެރިކަމަށް މަޝްހޫރު ވަރަށް ސާފުތާހިރު ރައްޔިތެއް ދިރިއުޅޭ އެހާމެ ވައި ސާފު ގައުމުކެވެ.

ނަމަވެސް ރާއްޖޭގައި ޒަމާނުއްސުރެ އޮތް މި ދެންނެވި އަމަން އަމާންކަމާއި ސުލްހަވެރިކަން މިއަދު ނެތިގެން ހިނގައްޖެއެވެ.

އަހަރެމެން އުޅެމުން އައި ހަމަޖެހޭ، ބިރުވެރިކަމެއްނެތް، ރައްކާތެރި ދިރިއުޅުން މިއަދު މިވަނީ އެފުށްމިފުށަށްޖެހިފައެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައި މިވާ ފަނާކުރަނިވި މަސްތުވާތަކެތީގެ ނުރައްކަލުގައި ދެ ޖިންސުގެ ޒުވާނުން ޖެހި، މަގުއޮޅިގެން ގޮސް އެކުދިންގެ މުޅި ހަޔާތް ވެއްޔާ މޮޑެވި ނިމިއްޖެއެވެ. މީގެ ސަބަބުން ގައުމުގެ އިޖްތިމާއީ ފޭރާން ވީދި, ހަލާކުވެ، ހަސްފަސް ނެތިގެން ހިނގައްޖެއެވެ.

ޓެކުމާއި ފޭރުމާއި ވައްކަމާއި ގޭންގް މާރާމާރީ ފަދަ ބޮޑެތި ކުށްތަކަށް އަރައިގަންނަ ޒުވާނުން ގިނަވެ، ރަށުތެރެ މުޅިން ބިރުވެރި ވެއްޖެއެވެ. ބޮޑު އަދަބު ދީގެން ވެސް ހައްލު ނުވާ އެތައް ކުށެއް މުޖްތަމައުގެ ތެރޭގައި އާންމުވެއްޖެއެވެ.

މަސްތުވުމަށް, ބޭނުންވާ ފައިސާކޮޅު ނުލިބިއްޖެނަމަ، ކޮށްފައި ނުކުރާނެ ކަމެއް މިއަދަކު ނެތެވެ. ގޭތެރޭގައި ހުންނަ އެއްޗެހިތައް ތަޅާ، ސުންނާފަތިކޮށް، އާއިލާތައް ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލައިފިއެވެ. އެތައް ޅަ ދަރިންނެއް ނިކަމެތިކޮށް އެކަނިވެރި ކޮށްލައިފިއެވެ.

ބުއްދިފިލައި ގޮސް، އަންހެނާގެ އިއްފަތްތެރިކަމަކީ ޝަހުވަތުގެ ބާޒާރުތަކުގައި ވިއްކޭ މުދަލެއްގޮތުގައި މިއަދު ނީލަން ކިޔަން ފަށައިފިއެވެ.

ޑްރަގް އައްޑާއަކުން ފުލުހުން އަންހެން ކުއްޖަކު ނެރެގެން ގެންދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންހެނާއަށް ދެއްވާފައިވާ އިއްޒަތާއި ކަރާމަތަށް ފަރުވާލެއް ނުބަހައްޓައި، ހަށިގަނޑުގެ ވަނާތައް ހަރާމް ގޮތުގައި ކަޝްފު ކުރަމުން ދާއިރު، އަމިއްލަ ބުއްދީގެ ހުންގާނު އަތުން ދޫވެ، ކުރެވޭ ނުކުރެވޭ ކަމެއް ވެސް އެކުދިންނަށް ހަމަ ނޭނގެނީއެވެ.

މިއީ ދެން ގައުމެއްގެ އިޖުތިމާއީ ފޭރާން ވެއްޓޭނެ އެންމެ ދަށު ދަރަޖަ ނޫން ހެއްޔެވެ؟ އިސްލާމީ މުޖުތަމައުއެއް ވެއްޓޭނެ އެންމެ ބިރުވެރި ހާލަތު ނޫން ހެއްޔެވެ.

މިފަދަ މުންކަރާތްތައް އަބަދުމެ ފެނިފެނި މުޖުތަމައު ތެރޭގައި ވެސް ބަލައިގަނެވޭ އަދި، ހުއްދަ ކަމަކަށް މިއަދު ވެއްޖެ ފަދައެވެ.

މި ދަރަޖައަށް ގައުމު ވެއްޓި އެއްވެސް ގޮތެއްފޮތެއް ނެތި، ދެޖިންސުގެ ޒުވާނުން ރަށުތެރޭގައި ހޫރެން މަޖުބޫރު ކުރުވާ އެންމެ ބޮޑު ސަބަބަކީ، އެކުދިންނަކީ ރަނގަޅު ބައެއްގެ ގޮތުގައި މުޖުތަމައުއަށް އަނބުރާ ނެރުމަށް ޓަކައި ދޭންޖެހޭ ފަރުވާ ނުދެވޭތީއެވެ.

މަސްތުވާތަކެއްޗަށް ދެވި ހިފުމަކީ ހާލަތު ވަޒަން ކުރުމަށްފަހު، އެ ކުއްޖަކާ ގުޅޭ، ފަރުވާ ދެވިއްޖެނަމަ ރަނގަޅުކުރެވޭ، ދިގުދެމިގެންވާ، ސިކުނޑީގެ ބައްޔެއް ކަމަށް، ސައިންސުގެ އަލީގައި މިހާތަނަށް ލިބިފައިވާ ހެކިތަކާ ހޯދުންތައް ފުދެއެވެ.

ރަނގަޅު ފަރުވާއެއް ނުދީ ކުއްޖާ ކުށްވެރި ކުރަނީ ކީއްވެ؟

މަސްތުގެ ކަނޑު ތެރެއަށް ޣަރަގުވެ، މުޅި ހަޔާތް ބަރުބާދު ވެފައިތިބި ފަރާތްތަކަށް އެންމެ ގިނައިން ދިމާވާ އެއް މައްސަލައަކީ ފަރުވާއަށްފަހު، ދެވަނަ ފަހަރު މަސްތުވާތަކެތީގެ ތެރެެއަށް ވަދެވުމެވެ.

ބެލެނިވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ ވެސް ސެންޓަރުން އައުމަށްފަހު އެނބުރި ދަރިފުޅު ދެވަނަ ފަހަރަށް މަސްތުވާތަކެތީގެ ތެރެއަށް ވަންނަކަމުގެ ޝަކުވާއެވެ. މިހެން ދިމާވާންޖެހެނީ މިކަމުގެ ހަގީގީ ސަބަބު މައިންބަފައިންނަށާއި މުޖުމަތުއަށް ރަނގަޅަށް ނޭނގޭތީއެވެ.

ޖާނީ ޖަމުއިއްޔާގެ އިންޓަރނޭޝަނަލީ ސަރޓިފައިޑް އެޑިކްޝަން ޕްރޮފެޝަނަލް އެންޑް ގްލޯބަލް މާސްޓަރ ޓްރެއިނަރ އަލީ އަދީބް "ސަން"އަށް ވިދާޅުވީ މިހާރު ބޭނުންކުރާ ބާވަތްތަކާއި، ދެވެންހުރި ފަރުވާއާ އެއްވެސް ވަރަކަށް ދިމައެއްނުވާ ކަމަށެވެ.

"މީގެ ތެރެއިން ގިނަ ކުދިންނަކީ ރަނގަޅު ފަރުވާއެއް ބޭނުންވާ ކުދިން. ރަނގަޅު ފަރުވާއެއް ނުދީ ޑިޓޮސް ކޮށްފަ މުޖުތަމައު ތެރެއަށް ނެރުނީމަ މިވާގޮތަކީ އަންޑަރލައިން މައްސަލަ ތަކަށް އެޑްރެސް ނުކުރެވޭހާ ހިނދަކު އަނެއްކާ ވެސް ނުކުންނަ ގޮތަށް ބޯން ފަށާނީ،" އަދީބް ވިދާޅުވިއެވެ.

އަދީބް ވިދާޅުވީ ރާއްޖޭގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ދެމުން އަންނަނީ ކުއްޖާއަށް ރަނގަޅު ފަރުވާ ނޫންކަން، އާއްމު ރައްޔިތުންނަށާއި އެ ކުދިންގެ ބެލެނިވެރިންނަށް ވެސް މިއަދު އެނގެން އެބަޖެހޭ ކަމަށެވެ.

"ފަރުވާއޭ ކިޔަސް މިތަނުގަ އަސްލު ފަރުވާއެއް ނުދެވޭ. މިތަނުގަ މި ދެނީ އެންމެ ކުރީގެ ބޯދާ ފަރުވާ. ހަގީގަތުގަ މުޖުތަމައުއަށް އެބަ އެނގެން ޖެހޭ ރަނގަޅު ފަރުވާއެއް ރާއްޖޭގަ އަދިވެސް ނުދެވޭކަން. ބެލެނިވެރިންނަށް ވެސް މިކަން އެބަ އެނގެންޖެހޭ. އެހެންނޫނީ މި ވާގޮތަކީ އަނެއްކާ ވެސް ދެވަނަ ފަހަރު ބޮނިއްޔޭ ކިޔައިގެން ކުއްޖާއާ ދިމާލަށް މި އިނގިލި ދިއްކުރެވެނީ. އެކަމަކު ނުބަލާ އެ މީހުންނަށް އެ ދެވެނީ ރަނގަޅު ފަރުވާއެއްތޯ، ނުވަތަ ނޫންތޯ،" އަދީބް ވިދާޅުވިއެވެ.

އަދީބް ސިފަ ކުރެއްވީ މަސްތުގެ ވަބާގައި ޖެހިފައިތިބި ޒުވާނުންނަށް ރަނގަޅު ފަރުވާއެއް ނުދީ މުޖުތަމައު ތެރެއަށް ދޫކޮށްލުމަކީ އެފަދަ ކުދިންގެ މުސްތަގްބަލް ކަފުންކޮށް ވަޅުލުން ފަދަ ކަމެއްގެ ގޮތުގައެވެ.

"އެންމެ ވައްތަރެއްގެ ފަރުވާ ހުރިހާ އެންމެންނަކަށް މަސައްކަތެއް ނުކުރާނެ. ރަނގަޅު ފަރުވާ ނުދީ މުޖުތައުއަށް ނެރުނީމަ އަނެއްކާ ވެސް ބޯން ފަށާނީ. އެއީ އަސްލުގަ މުޅިއަކުން އެ ކުދިންގެ ކުށެއް ނޫން،" އަދީބް ވިދާޅުވިއެވެ.

އަދީބު އެ ވިދާޅުވީ ހަގީގަތުން ފުރިގެންވާ ވަރަށް ފުރިހަމަ ވާހަކައެކެވެ. ރާއްޖޭގައި މިހާރު ދެމުން އަންނަ ގޮތަށް އެންމެނަށް ވެސް އެއް ފަރުވާއެއް ދޭހާ ހިނދަކު، މި ވަބާއިން އެ ކުދިން ސަލާމަތެއް ނުކުރެވޭނެއެވެ.

ކަމުގެ އެ ކޮޅާއި މި ކޮޅު ރަނގަޅަށް ނުބަލާ، މަސްތުވާތަކެތި ބޭނުންކުރާ ކުދިންގެ ބުރަކަށީގައި ލޭބަލް ތަތްކުރުމަކީ ސަލާމަތް ބުއްދިއެއް ހުރި މީހަކު ކުރާ ވަރުގެ ކަމެއް ހެއްޔެވެ.

ޑްރަގް އައްޑާތައް ބަންދު ކުރުމަށް، ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މުސްކުޅިން ހިމެނޭ، ބޯދާ އޮނިގަނޑު ބަދަލުކުރަން މަޖުބޫރު!

އެންޑީއޭގެ މަސައްކަތްތައް އިތުރަށް ދޯދިޔާވެ، އެތައް އަހަރުތަކެއް ފަހަތަށް ކައްސާލައިގެން ދާންޖެހުނީ އެ ތަނުގައި އޮތް މުސްކުޅި، ނާގާބިލު އަދި އެއްވެސް ތަޖުރިބާއެއް ނެތް އޮނިގަނޑުގެ ސަބަބުން ކަމަށްވެއެވެ.

ނަން ނުލިޔުމަށް ޝަރުތުކޮށް އެންޑީއޭގެ އިސް އޮފިޝަލަކު، "ސަން"އަށް މައުލޫމާތު ދެއްވި ގޮތުގައި ދިމާވެގެން އުޅޭ ހުރިހާ ވެސް މައްސަލައަކީ ނުކިޔަވާ ތިބި، މުސްކުޅި ބަޔަކު ވަދެ، މުޅި އެންޑީއޭ ހައިޖެކް ކުރުމުން ދިމާވާ މައްސަލަތަކެކެވެ.

"އެންޑީއޭގަ އަސްލު ވާގޮތަކީ ނުކިޔަވާ ތިބި އެކަމަށް ގާބިލު ނޫން ބަޔަކު ވަދެ މި ތަނުގެ މުޅި ހަރުކުލައިގެ އެގްޒެކެޓިވް ލޭން އެކީ ހައިޖެކް ކޮށްފަ މި އޮންނަނީ. އެ މީހުންގެ ނުފޫޒާހެދި ތަނުގަ އެއްވެސް ކަމެއް ރަނގަޅަކަށް ނުކުރެވޭނެ. މުޅިތަން ސިޔާސީ ކޮށްފަ މި އޮންނަނީ،" އޮފިޝަލް ވިދާޅުވިއެވެ.

ގައުމުގެ މުސްތަގްބަލާ ގުޅި ލާމެހިފައި އޮތް މިފަދަ ބޮޑު މައްސަލައެއްގެ ތެރެއަށް އުނދުޅިބާނައިގެން މުޅި ސިސްޓަމް ގަޑުބަޑު ކުރުމުގެ ޖާގަ، ކަމުގެ އެއްވެސް ތަޖުރިބާއެއް، އިލްމެއް ނެތް މުސްކުޅިންތަކެއްގެ އަތްމައްޗަށް ދޫކޮށްލުމަކީ ދިވެހި ޒުވާނުންނަށް ދެވޭ ކިހާބޮޑު އަނިޔާއެއް ހެއްޔެވެ.

އެފަދަ ކުދިންގެ އާއިލާތަކަށް ދެވޭ ކޮންފަދަ ބޮޑު ހިތާމައެއް ހެއްޔެވެ. ގައުމުގެ އިގްތިސޯދަށް ވެސް ދެވޭ ކޮންފަދަ ބޮޑު ގެއްލުމެއް ހެއްޔެވެ.

ކައުންސެލަރުން ގެންގުޅެނީ އަޅުންތަކެއްހެން!

އެންޑީއޭގައި ވަޒީފާ އަދާކުރާ ކޮންމެ ކައުންސެލަރަކީ ވެސް ދާއިރާއިން މާސްޓާސް ޑިގްރީއާ ހަމައަށް ކިޔަވައިގެން ތިބި ވަރަށް ގާބިލް ނޫކަށިފުރައިގެ ޒުވާނުންނެވެ.

ނަމަވެސް އެ ކުދިންގެ ފަންނީ މަސައްކަތްތައް ކުރިއަށް ގެންގޮސް ހަރަކާތްތެރިވާނެ ޖާގަ ނުދޭކަމަށް ބުނެ، ޝަކުވާތައް އޮއްސާލިއެވެ.

"އަހަރެމެން ގެންގުޅެނީ ވަރަށް ބޮޑަށް ކުޑަކޮށްލައިގެން އަސްލު. ދެން ތަނެއްގަ ތިބި އަޅުންތަކެއް ހެން ގެންގުޅެނީ. އަހަރެމެންގެ ހިޔާލެއް ވެސް އޮންބޯޑެއް ނުކުރާނެ. ހަދަންވީ ކިހިނެއްތޯ ނުވެސް އަހާނެ. އަހަރެމެން ބުނާ ގޮތެއް ވެސް ނުހަދާނެ،" ވަރަށް އަސަރާއެކު ކައުންސެލަރުންގެ އިހްސާސްތައް، ބަންޑުންކޮށްލިއެވެ.

އެންޑީއޭ އުފައްދައި ފުރަތަމަ އެކުލަވާލި ބޯޑުގެ ޗެއާޕާސަން ލުބްނާ ޒާހިރު ހުސެއިން "ސަން"އަށް ވިދާޅުވި ގޮތުގައި އޭނާގެ ޗެއާޕާސަން ކަމުގައި ވެސް، ވެރިންގެ އުނދަގުލާހެދި، ކައުންސެލަރުންނަށް ނޭވާ ނުލެވިގެން އުޅޭ ކަމުގެ ޝަކުވާތައް ހުށަހަޅާފައި އެބަހުއްޓެވެ.

"އެކުދިން ބުނަނީ މިތަނުގަ ތިބި އަލީ ޝަރީފާ ސަމަދާ އެމީހުންގެ މައްސަލަ ތަކޭ ހުންނަނީ. އަސްލު އެމީހުންގެ ޑީޖީކަން ބޮޑުކަމުން ގޮސް ދެން ތިބި ކައުންސެލަރުންނަށް ޝައިން ވާން ފުރުސަތު ނުދެނީ،" ލުބްނާ ވިދާޅުވިއެވެ.

ލުބްނާ ވިދާޅުވަނީ ކައުންސެލަރުންގެ އިލްމާއި ތަޖުރިބާއަށް ބީރު ކަންފަތެއް ދިނުމަށްފަހު، ހުރިހާ ކަމެއް ހަމައެކަނި ވަކި ބަޔަކު ކުރަން ހަދައިގެން މުޅި އެންޑީއޭ މިހާރު ވެސް އޮތީ އޯވަރލޯޑް ވެފައި ކަމަށެވެ.

"ޓެކްނިކަލީ ގާބިލް އަދި ތަޖުރިބާ ހުރި ކައުންސިލަރުން ތަކެއް އެންޑީއޭގަ އެބަ ތިބި. އެ ކައުންސެލަރުން މަސައްކަތް ކުރަން ބޭނުންވާ ގޮތަށް މަސައްކަތެއް ނުކުރެވެ. ވަރަށް އުނދަގޫ ތަނެއް އަސްލުގަ އެންޑީއޭ އަކީ. އެތަނުގަ ތިބި ކުރީ ޒަމާނުގެ މީހުން އެއްކޮށް ރިމޫވް ކޮށްފަ މުޅިން އާ ބަޔަކު ލައިގެން ނޫނީ ދެން ނޭނގެ އެތަން ހިންގޭނެ ކަމެއް،" ލުބްނާ ވިދާޅުވިއެވެ.

ނޭޝަނަލް ޑްރަގް އެޖެންސީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްއެމްޓީ، (މެތަޑޯން) ފަރުވާ ދިނުމުގައި ވެސް ތަފާތުކުރުން!؟

މަސްތުވާތަކެތީގެ ނުރައްކަލުގައި ޖެހިފައި ތިބި މީހުންނަށް ފަރުވާ ދިނުމުގައި ބޭނުންކުރާ މެތަޑޯން މެއިންޓެނަންސް ތެރަޕީ އަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ކާމިޔާބު ކަމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެހެންކަމުން މިފަދަ ކާމިޔާބު ފަރުވާއަކުން އެއްވެސް މީހަކު މަހްރޫމް ކޮށްގެން ނުވާނެއެވެ.

"ޕްރޮގްރާމްގައި ބައިވެރިވެވުނީ ބްރަދަރ ފިރާގު ކައިރިއަށް ގޮސް އެތައް އާދޭހެއް ކޮށްގެން. އަޅުގަނޑު ހުށަހެޅި ފޯމް ތިން ފަހަރަށް ގެއްލުވައިލި. ދުވަސްކޮޅަކަށް މެތަޑޯން ދީފަ ދެން ބުނީ ޕޮޒިޓިވް ވެގެން ދެން ނުލިބޭނެޔޯ. މިހާރު މިވާގޮތަކީ ފިރާގް ރުހޭ މީހަކަށް ބޭސް މި ލިބެނީ،. އޭނާ ބޭނުންވީމަ ކަޓުވާލާނެ،" ކޮމިއުނިޓީ ފަރުވާގައި ހުރި ކުއްޖަކު ކިޔައިދިނެވެ.

"ޑްރަގް ބުއިން ހުއްޓާލަން ވެގެން ގޮސް ބްރަދަރ ފިރާގް ކައިރީ ބުނެގެން ވަރަށް ހާލުން ބުޕްރެނޯފިން ލިބުނީ. ހަފްތާއަކު ބޭސް ދީފަ ބުނީ އެބިއުސް ކުރާތީ ބޭސް ދިނުން ހުއްޓާލީ ކަމަށް. މިއީ ކޮން އިންސާފެއްތޯ. އަޅުގަނޑު ބޭސް ބޭނުންކުރަން ފެށީ ބޮއެބޮއެ ހުރެފަ،" ކޮމިއުނިޓީ ފަރުވާގައި ހުރި ކުއްޖަކު ކިޔައިދިނެވެ.

ކޮމިއުނިޓީ ކުދިންގެ ފަރާތުން މިފަދަ ޝަކުވާ ތަކެއް ލިބިއްޖެ ކަމަށާއި މިކަމާއި ބެހޭގޮތުން ފިރާގްގެ ބަހަކީ ކޮބައިތޯ ދެންނެވުމުން ވިދާޅުވަނީ މީޓިންތައް ގިނަކަމުން ވަގުތު ދެވެން އަދި ނެތް ކަމަށެވެ. އެހެންކަމުން ރިޕޯޓްގައި ކައުސެލަރު ފިރާގްގެ ބަހެއް ހިމެނޭ ގޮތެއް ނުވިއެވެ.

ބުޕްރެނޯފިން ފަދަ މުހިއްމު ބައެއް ބޭސްތައް ދިނުން އެންޑީއޭއިން މި ވަގުތު ހުއްޓާލާފައިވާ ކަމުގެ މައުލޫމާތު ލިބެއެވެ.

ލުބްނާ ވިދާޅުވީ އެފަދަ މުހިއްމު ބޭސްތަކަކީ އެއްވެސް ހާލެއްގައި ހުއްޓާލައިގެން ފަރުޖެއްސެން އޮންނާނެ ބޭސްތަކެއް ނޫން ކަމަށެވެ.

"ބުޕްރެނޯފިން ކަހަލަ މުހިއްމު ބޭސްތައް އެވޭލަބަލް ކުރަން އެބަޖެހޭ. އަޅުގަނޑަށް މައުލޫމާތު ލިބުނީ އެ ބޭސް އެބިއުޒް ކުރަނީ ކަމަށް ބުނެ ރިމޫވް ކުރި ވާހަކަ. އެކަމަކު އިންޓަރނޭޝަނަލީ ގަބޫލުކުރާ ވަކި ބޭސް ތަކަކީ އެއްވެސް ހާލެއްގަ އަޅުގަނޑުމެންގެ ޓްރީޓްމެންޓް ޕްރޮޓޮކޯލް ތަކުން ރިމޫވް ކުރެވޭނެ ބޭހެއް ނޫން. އެ ބޭހަކީ ޔޫއެންއޯޑީސީ ފަދަ ބޮޑެތި އިންސްޓިޓިއުޓް ތަކުން ގަބޫލުކުރާ ބޭހެއް. އެހެންވީމަ އެ ބޭސް އަބަދު ވެސް އެވެއިލަބަލް ވާންވާނެ،" ލުބްނާ ވިދާޅުވިއެވެ.

ޑްރަގް އައްޑާތައް ބަންދު ކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އިތުރު ގަޑީގެ ފައިސާ ނެގުމުގައި ވެސް ސުމާރެއް ނެތް!؟

އެންޑީއޭ ތެރޭގައި ކޮރަޕްޝަންގެ ޖަރީމާތައް ހިންގާ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. އިވިއިވި ބާވެފައި އޮތް ވާހަކަ އެކެވެ. މީގެ ތެރެއިން އަނެއްކާ ވެސް އެހެން ޖަރީމާއެއް ފެންމަތި ވެއްޖެއެވެ. އިތުރު ކުރިއެއް ފަޅައިފިއެވެ. ޑިޕާޓްމެންޓްތަކުގެ އިސް ވެރިން އިތުރު ގަޑީގެ ފައިސާ ނެގުމުގައި ވެސް މަކަރާއި ހީލަތް ހަދާ، އޮޅުވާލާ ވާހަކައެވެ.

އެންޑީއޭގެ އިދާރީ މުވައްޒަފަކު "ސަން"އަށް މައުލޫމާތު ދިން ގޮތުގައި ބަޖެޓް ސެކްޝަނާއި އެޗްއާރުގެ އިތުރުން އެޑްމިން ޑިޕާޓްމެންޓުގެ މުވައްޒަފުން ރޭގަނޑު އޮފީހަށް ނުކުމެ ތިބެގެން ކުރާނެ މަސައްކަތްތަކެއް އޮންނާނެ ކަމެއް އޭނާއަކަށް ވެސް ނުވިސްނެއެވެ.

"ބަޖެޓާ އެޗްއާރާ އެޑްމިން ސައިޑް މީހުން އޮފީހުގަ މަސައްކަތް ކުރަން ތިބޭނެ ރޭގަނޑު ވެސް. ދުވާލު އެމީހުން މަސައްކަތް ނުކުރަނީ ބާއޭ ހިތަށް އަރާ. އެމީހުންގެ މަސައްކަތް ދުވަހަކު ވެސް ނިމޭ ކަމަކަށްނުވެ. ވެރިން ވެސް އެހެން އުޅެނީ. އެޑްމިން ހެޑް ވެސް ކޮވިޑް ތެރޭގަ އޯޓީއަށް މަހަކު ފަންސަވީސްހާސް ތިރީސްހާސް ނަގާފަ އެބަހުރި. އަސްލު ހުރިހާ ވެރިން ގުޅިގެން މިކަން މި ކުރަނީ،" އިދާރީ މުވައްޒަފު ކިޔައިދިނެވެ.

މުވައްޒަފު ކިޔައިދިން ގޮތުގައި ހުރިހާ ގުރުބާނީއެއް ވަމުން އަންނަނީ އެތަނުގައި މަސައްކަތްކުރާ ހީވާގި ކައުންސެލަރުންނެވެ. ނަމަވެސް އެމީހުން ކުރާ ބުރަ މަސައްކަތުގެ ފޮނިކޮޅު ބޯލަނީ އޮފީހުގައި ތިބޭ ބައެއް ވެރިންނެވެ.

"އެންމެ ބޮޑު ގުރުބާނީ އެއް ވަމުންދާ އެއްބަޔަކީ މިތަނުގެ ކައުންސެލަރުން. އެ ކުދިން ހުރިހާ މަސައްކަތެއްކޮށް މި ނިންމަނީ. އެޑްމިން މީހުން އެވަރަށް ކުރަން ޖެހޭ މަސައްކަތެއް ނޯންނާނެ. ކުރާ ކަމެއް ފެންނާކަށް ނޯވެ. އެންޑީއޭ ދަނީ ދުވަހެއް ދުވަހަކަށް އަޑިއަށް،" އިދާރީ މުވައްޒަފު ކިޔައިދިނެވެ.

މުވައްޒަފު އެ ކިޔައިދިން ވާހަކަތަކަކީ ވަރަށް ސީރިޔަސް މައްސަލަ ތަކެއްގެ ވާހަކައެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ މިނިވަން މުއްސަސާތަކުން ކަނުލާ އަޑުއަހާ، އަދި މިހާރުން މިހާރަށް ފިޔަވަޅު އަޅަން ޖެހޭނެ ފަދަ ބޮޑެތި މައްސަލަ ތަކެއްގެ ވާހަކައެވެ.

މަސްތުވާތަކެތީގެ ސަބަބުން މުޅި ރާއްޖޭގައި ކުށުގެ ވެއްޓެއް ޤާއިމްވެ، އެކަމުން އަރައިނުގަނެވިގެން މި އުޅެނީ ހަމައެކަނި އެންޑީއޭ ފެއިލްވެގެނެއް ނޫނެވެ. އެހެނެއް ނުވެސް ބުނާނަމެވެ.

ގައުމުގެ މައިބަދަ ކަމުގައިވާ، ދިވެހި ޒުވާނުންގެ އަހްލާގީ މިންގަނޑު ހެޔޮމަގުން ކައްސާލާ، އެއްވެސް ހަމައެއް ލަމައެއް ނެތި އުޅެން މަޖުބޫރު ކުރުވަނީ މަސްތުވާތަކެތީގެ މުސީބާތުން އެ މީހުން ސަލާމަތް ކުރުމުގައި ދައުލަތްތައް، ފެއިލް ވުމުންނެވެ.

މި ދެންނެވި ހުރިހާ ކަމެއްވެސް މިހެން އޮތްއިރު، ހަމައެކަނި އެންޑީއޭއާ ދިމާލަށް އިނގިލި ދިއްކުރެވޭ ސަބަބާކީ މަސްތުވާތަކެތީގެ ގާނޫނުގައިވާ ކަންކަން ތަމްފީޒު ކުރުމުގެ އެންމެހާ ޒިންމާއެއް އަދާކުރަން ޖެހޭ ފަރާތަކީ އެންޑީއޭކަމަށް ވާތީއެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 21 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ކައުންސިލެއް އުފައްދަވާފައި އެބައޮތެވެ.

މި ކައުންސިލަކީ، ރާއްޖޭގައި މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމާއި، މަސްތުވާތަކެތީގެ ބޭނުންކުރުން ހުއްޓުވުމާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދިނުމާ ގުޅޭ ސިޔާސަތުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ފަރާތެވެ.

ޖުމުލަ 12 މެމްބަރުން ހިމެނޭ އެ ކައުންސިލްގެ ނިންމުންތައް ތަންފީޒު ކުރުމަށް ޓަކައި ނެޝަނަލް ޑްރަގް އެޖޭންސީ (އެންޑީއޭ) އުފެއްދިތާ، 10 އަހަރު ވެގެންދިޔައިރު، މަސްތުވާތަކެތީގެ ވަބާގައި ޖެހޭ މީހުން މިދަނީ ދުވަހެއް ދުވަހަކަށް ގިނަ ވަމުންނެވެ.

ދިވެހި ޒުވާނުންގެ އާބާދީގެ ބޮޑު ބައެއް މަސްތުވާތަކެއްޗާއި ކުށުގެ ވެށީގެ ޝިކާއަރަކަށް ވެގެން ގޮސް ދެ ދުނިޔެއިން ބޭކާރު ވެއްޖެއެވެ.

މުސްކުޅި އެންޑީއޭގެ ހާލަތު ބަޔާން ކުރުމުގެ ގޮތުން އިތުރު ވާހަކަތަކެއް ލިޔުމަކީ މުހިއްމު ކަމެއް ނޫނެވެ. ނޫސްތަކާއި ޚަބަރުތަކުން އަބަދުމެހެން އެ ހުންނަނީ އެ ވާހަކަތައް ފެންނާށެވެ. ބޭނުންވާ މީހަކަށް ކިޔާލެވޭ ގޮތަށެވެ.

މިއީ ބަޔަކު އަޑީގައި ތިބެގެން ވަރަށް ބޮޑަށް ރޭވިގެން ހިންގާ ޖަރީމާއެކެވެ. ފައިސާގެ ދަހިވެތިކަމުގައި ބަޔަކު ނުކުމެ، ޒުވާން ޖީލެއް ގުރުބާން ކުރަނީއެވެ. މާދަމާ ގައުމުގެ މުސްތަގުބަލާ ހަވާލުވާން ތިބި ޒުވާނުން މަސްތުގެ ވަބާގައި ޖައްސައިގެން ހަލާކުކޮށްލަނީއެވެ.

މަސްތުވާތަކެތީގެ ވިޔަފާރިން ހޯދި ފައިސާ ކަމަށް ބެލެވޭ ފައިސާތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިޔާސީ ކަންކަމުގެ ތެރޭގައި ވެރިން މިއަދު އަވަދިނެތި ތިއްބާ، މަސްތުވާތަކެތި އައިސް މުޅި ގައުމު ހިސޯރުކޮށްފިއެވެ.

ގައުމުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަމާ ފައްތަރު ވެފައިވާ މަސްތުވާތަކެއްޗާ ދެކޮޅަށް ހަނގުރާމަ އިއުލާން ކޮށްގެން ނަމަވެސް މި މައްސަލައަށް އަވަސް ހައްލެއް ހޯދަން ވެއްޖެއެވެ.

ނާއުއްމީދުން ފުރިބާރުވެފައިވާ މި ނުތަވަސް ހާލަތުގައި އެއްވެސް ބެލެނިވެރިކަމެއް ނެތް އެންޑީއޭއަށް ސަހަރޯވެރިވަމެވެ. ކުޑަވެސް ހަރަކާތެއް ނެތި، ގުގުރި ނިދީގައި އަދިވެސް އޮތް އެންޑީއޭއަށް ތައުޒިޔާ ކިޔަމެވެ.

comment ކޮމެންޓް