މަހުލޫފްގެ މައްސަލަ: ޕީޖީ އިން އެދުނު ކަންކަން އޭސީސީ އިން ފުރިހަމަކޮށްފި

މިނިސްޓަރު އަހުމަދު މަހުލޫފް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޔޫތު މިނިސްޓަރު އަހުމަދު މަހޮލޫފުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ފޮނުވި މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފުރިހަމަ ކުރަން ބުނި ކަންކަން އެސީސީ އިން ފުރިހަމަ ކޮށްފިއެެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި މަހުލޫފުގެ މައްޗަށް ދައުވާކުރުމަށް އޭސީސީއިން ފޮނުވާފައި ވަނިކޮށް އެ މައްސަލަ ނުބަލާ ޕީޖީއިން މައްސަލަ އަނބުރާ ފޮނުވާލިކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކުރިއެވެ. ނަމަވެސް މައްސަލަ އަނބުރާ ފޮނުވާލާފައި ނުވާކަން ކަށަވަރުކޮށްދެއްވައި ޕީޖީ އިން އޭރު ބުނީ މައްސަލަ އަނބުރާ ފޮނުވައި ނުލާ ކަަމަށާއި، ބައެއް ލިޔެކިޔުންތައް ފަދަ ކަންކަން ފުރިހަމަ ކުރުމަށް އޭސީސީއަށް އަންގާފައިވާ ކަމަށެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު މިއަދު "ސަން" އަށް ވިދާޅުވީ މަހްލޫފުގެ މައްސަލައިގެ ފުރިހަމަކުރަންޖެހޭ ޑޮކިއުމެންޓްތައް މިހާރު އޭސީސީއިން އެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެތަކެތި ދިރާސާކުރުމަށްފަހު އެ މައްސަލައިގައި ގޮތެއް ނިންމާނެކަމަށް ވިދާޅުވިއެވެ.

މަހުލޫފުގެ މައްޗަށް ދައުވާކުރަން ފޮނުވިކަން ހާމަކޮށް މީގެ ކުރިން އޭސީސީއިން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހުލޫފު ހުންނެވި އިރު އޭރު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒީ)ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި 33،000 އެމެރިކާ ޑޮލަރު މަހުލޫފަށް ދީފައިވާކަން ތަހުގީގަށް ހާމަވާ ކަމަށެވެ.

އޭސީސީއިން ބުނެފައިވަނީ އެސްއީޒީ ބިލު ފާސްކުރުމަށް ވޯޓު ދިނުމަށް 27 އޮގަސްޓު 2014 ގައި މަހުލޫފު މަޖިލީހަށް ހާޒިރުވެފައިވަނީ މެލޭޝިއާއިން ސީދާ ވޯޓަށް ކަމަށާއި އެސްއޯއެފްގެ ޗެކަކުން މަހުލޫފުގެ އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާކަންވެސް ތަހުގީގަށް ހާމަވެފައިވާ ކަމަށެވެ.

މަހުލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ 33،000 ޑޮލަަރަކީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތެއްކަމަށް ބުނެ އެސްއޯއެެފްގެ ނަމުގައި ތަައްޔާރުކޮށްފައިވާ "ޕޭމެންޓް ރިސީވްޑް" ސްލިޕެއް މަހުލޫފު އޭސީސީއަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް، އެ ފައިސާއަކީ ޑޮލަރު ގަތުމުން ދިން ފައިސާކަން ތަހުގީގުން ބެލި ބެލުމުން އެނގެން ނެތް ކަމަށްވެސް އޭސީސީ އިން ވަނީ ބުނެފައެވެ.

comment ކޮމެންޓް