ސައުދީން ހައްޔަރު ކުރި ދެ އަންހެން އެކްޓިވިސްޓަކު ދޫކޮށްލައިފި

ނަސީމާ އައްސަދާހު (ވ) އާއި ސަމަރު ބަދަވީ ހައްޔަރު ކުރިތާ ތިން އަހަރު ފަހުން އެމީހުން ވަނީ ދޫކޮށްލާފަ -- ފޮޓޯ: އޭއެފްޕީ، އީޕީއޭ

ރިޔާޒް (ޖޫން 28): ސައުދީ އަރަބިއާއިން މީގެ ތިން އަހަރު ކުރިން ހައްޔަރު ކުރި މަޝްހޫރު ދެ އަންހެން އެކްޓިވިސްޓުން ކަމަށްވާ ސަމަރު ބަދަވީ އާއި ނަސީމާ އައްސަދާހު ދޫކޮށްލައިފި ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އަލްގަސްތު ޖަމިއްޔާއިން ބުނެފި އެވެ.

އަލްގަސްތުން ބުނި ގޮތުގައި ބަދަވީ އާއި އައްސަދާހު މިނިވަންކޮށްފައި ވަނީ އެމީހުން ހައްޔަރުކޮށްފައި ބައިތިއްބަން ކަނޑައަޅާފައިވާ މުއްދަތު ނިމުމުންނެވެ.

ބަދަވީ އާއި އައްސަދާހު ހައްޔަރު ކުރީ ސައުދީ ސަރުކާރާ ދެކޮޅަށް ފާޑު ކިޔާ ގިނަ އަދަދެއްގެ މީހުން 2018އިގައި ހައްޔަރު ކުރި ދުވަސްތަކުގެ އެވެ. އެމީހުން ގޮވާލަމުން ދިޔަ ކަންތައްތަކުގެ ތެރޭގައި އަންހެނުންނަށް ކާރު ދުއްވަން ހުއްދަ ދިނުމާއި އަންހެނުން އަމިއްލައަށް ދަތުރު ކުރުން ފަދަ ކަންތައްތައް ކުރުމަށް ހުރަސް އަޅާ "މޭލް ގާޑިއަންޝިޕް ނިޒާމު" އުވާލުން ހިމެނެ އެވެ.

ބަދަވީ ސައުދީގެ ގާޑިއަންޝިޕް ނިޒާމާ ދެކޮޅަށް ތެދުވުމުން، އެމެރިކާއިން ހިތްވަރުގަދަ އަންހެނުން ފާހަގަކޮށް ދޭ 'އިންޓަނޭޝަނަލް ވިމެން އޮފް ކަރެޖް އެވޯޑު' 2012ގައި އޭނާއަށް ދީފައިވެ އެވެ. އަދި ސައުދީ އަންހެނުންނަށް ކާރު ދުއްވުމަށާއި ވޯޓު ލުމަށާއި އިންތިހާބުތަކުގައި ވާދަ ކުރުމަށް ހުއްދަ ދިނުމަށް ސަރުކާރަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއި ކުރި އެންމެ ފުރަތަމަ އަންހެނުންގެ ތެރޭގައި އޭނާ ހިމެނެ އެވެ.

މީގެ އިތުރުން، ބަދަވީ އަކީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެހެން މަޝްހޫރު އެކްޓިވިސްޓެއް ކަމަށްވާ ރާއިފް ބަދަވީގެ ކޮއްކޮ އެވެ. ރާއިފް ބަދަވީގެ މައްޗަށް "އިސްލާމް ދީނަށް ބަދު ބަސް" ބުނުމުގެ ދައުވާ ސާބިތުވެ، އޭނާ ވަނީ 2014 ވަނަ އަހަރު 10 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ.

އައްސަދާހު ވެސް ވަނީ އަންހެނުންނަށް ކާރު ދުއްވަން ހުއްދަ ދިނުމަށާއި ގާޑިއަންޝިޕް ނިޒާމު އުވާލުމަށް ގޮވާލާ ކެމްޕޭންކޮށްފަ އެވެ. އަދި ސައުދީގެ އަންހެނުންނަށް އިންތިހާބެއްގައި ވާދަ ކުރަން ފުރުސަތު ދިން ފުރަތަމަ އަހަރު ކަމަށްވާ 2015އިގައި އައްސަދާހު މުނިސިޕަލް ކައުންސިލްގެ ގޮނޑިއަކަށް ކުރިމަތިލި އެވެ. ނަމަވެސް އޭނާއަށް އިންތިހާބުގައި ވާދަ ކުރަން ހުއްދައެއް ނުލިބުނެވެ.

ސައުދީން އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ 2018އިގައި ދީފައިވީ ނަމަވެސް އެކަމަށް ކެމްޕޭން ކުރި ގިނަ އަދަދެއްގެ އެކްޓިވިސްޓުން އެގައުމުން ހައްޔަރުކޮށްފައިވެ އެވެ.

comment ކޮމެންޓް