ބޭރުގެ ބޯޓަކުން ދަތުރުކުރި ހާލުބޮޑު ބަލި މީހަކު ފޭދުއަށް ގެންގޮސްފި

އައްޑޫ ސިޓީ --- ފޮޓޯ/ ފޭސްބުކު

ރާއްޖެއިން ބޭރުގެ އާގު ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު އައްޑޫ ސިޓީ ފޭދުއަށް ގެންގޮސްދީފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އެމެރިކާ އިން ފުރައިގެން ޓައިވާނަށް ދަތުރުކުރަމުންދާ ހޮންކޮންގެ "އެމްޓީ - ނިއު މެލޮޑީ" ނަމަކަށްކިޔާ އާގު ބޯޓުގައި އޮތް ހާލުބޮޑު ބަލި މީހަކު ސިއްހީ އަވަސް ފަރުވާއަށް، އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު މިހާރު އައްޑޫ ސިޓީ ފޭދުއަށް ގެންގޮސްދީފައިވާ ކަމަށެވެ.

މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެ 21:58 ހާއިރުއެވެ. އެގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައާއެކު މި ބޯޓު އައްޑޫ ސިޓީ ގަމުގެ އިރުން އަށް ނޯޓިކަލް މޭލާ ހަމައަށް ކައިރިކުރުމުން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ބޯޓު އޮތް ސަރަހައްދަށް ގޮސް އެ ބަލި މީހާ ކޯސްޓްގާޑް ލޯންޗަށް ނަގާފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

ޗައިނާގެ ރައްޔިތެއްކަމަށްވާ އުމުރުން 27 އަހަރުގެ މި ފިރިހެން މީހާ އައްޑޫ ސިޓީ ފޭދުއަށް ގެންގޮސްދީފައި ވަނީ މިއަދު 11:27 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

comment ކޮމެންޓް