ކޯލިޝަން ވަޒީރުންގެ ނާގާބިލު އަމަލުތަކުގެ އަސަރު އެމްޑީޕީއަށް ކުރޭ: މީކާއީލް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ --- ފޮޓޯ / މަޖިލިސް

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ވަޒީރުންގެ ނާގާބިލު އަމަލު ތަކުގެ އަސަރު ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ އަށް ކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ވިދާޅުވެއްޖެ އެވެ.

ސަންގުޓީވީގައި ރޭ ވާހަކަދައްވަމުން މީކާއީލް ވިދާޅުވީ އެމްޑީޕީއަށް ރައްޔިތުން އިތުބާރުކޮށް، މަޖިލީހުގެ ސުޕާ މެޖޯރިޓީ އާއި އެހެނިހެން ބާރުތައްވެސް ދީފައިވާ ކަމަށެވެ.

އެ ހުރިހާ ބާރުތަކެއް އެމްޑީޕީއަށް ލިބިފައިވާއިރު ސަރުކާރުގެ ތެރެއިން ގޯހެއް ހިނގާނަމަ، އެއީ ކޮންމެ ޕާޓީ އަކަށް ނިސްބަތްވާ ވަޒީރެއް ކަމުގައި ވިޔަސް އެކަމުގެ ޒިންމާ ނަގަން ޖެހެނީ އެމްޑީޕީން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީއަށް އިތުބާރުކޮށް ދެބާރެއްގެ ބާރުވެރިކަން ރައްޔިތުން ދީފަ ވަނިކޮށް އެކަހަލަ ކަންކަން ދިމާވީމަ ފާޑުކިއުންތައް އެމްޑީޕީއަށް އެ އަމާޒުވަނީ. ކޯލިޝަން ވަޒީރުންގެ ބައެއް ނާގާބިލު ކަންކަމާ އެބޭފުޅުން ކުރައްވާ ބައެއް ނޭދެވޭ ކަންކަމުގެ އަސަރު އެމްޑީޕީއަށް ކުރޭ،" މީކާއީލް ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވުނީ ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކުގެ ވަރަށް ބޮޑު އެހީތެރިކަމާ އެކުގައި އެވެ.

ނަމަވެސް އެމްޑީޕީން ބުނެފައިވަނީ ރައީސް ސޯލިހުގެ ކެބިނެޓްގައި ހިމެނޭ ވަޒީރުންގެ ތެރެއިން އެންމެ ހިންގުންތެރި، އެންމެ ހަރަކާތްތެރި ވަޒީރުންނަކީ އެ ޕާޓީއަށް ނިސްބަތްވާ ވަޒީރުން ކަމަށެވެ.

ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވެފައިވަނީ ސަރުކާރު ހިންގަން ބޭނުންވަނީ އެމްޑީޕީން އެކަނި ކަމަށެވެ.

ރައީސް ސޯލިހުގެ ކެބިނެޓްގައި ހިމެނިވައިޑައިގަންނަވާ ވަޒީރުންގެ ތެރެއިން އެކަށީގެންވާ ނަތީޖާ ނުނެރެވޭ ވަޒީރުން މަގާމުން ވަކިކުރުމަށް އެމްޑީޕީގެ މަޖިލީސް މެމްބަރުން ގެންދަވަނީ ވަކާލާތު ކުރައްވަމުންނެވެ.

މި ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުންގެ ފަރާތުން ކޯލިޝަން ވަޒީރުންނަށް ބިރުދައްކައި އިންޒާރު ދެމުން ދިއުމަކީ ކުރިއަށް އޮތްތަނުގައި ކޯލިޝަން ބަލިކަށިވެ، ބައިބައިވެގެން ހިނގައިދާނެ ސަބަބެއް ކަމުގައި އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.

comment ކޮމެންޓް