ރާއްޖޭގެ ކޮންމެ ނިޒާމެއް ވެސް ބިނާވެފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް: ނިޔާޒް

ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް: -- ސަން ފައިލް ފޮޓޯ

ރާއްޖޭގައި ކޮންމެ ނިޒާމެއްވެސް ބިނާވެފައި އޮންނަނީ ނާޖާއިޒު ފައިދާ ހޯދުމަށާއި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަމަށް ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ސީއެންއެމް ޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ނިޔާޒް ވިދާޅުވީީ ރާއްޖޭގައި ކޮރަޕްޝަނަށް މަގުފަހިނުވާގޮތަށް ފަރުމާކުރެވިފައިވާ ސިސްޓަމެއް ނެތްކަމަށެވެ.

އޭނާ ވިދާޅުވީ ކޮރަޕްޝަނަކީ ހަމައެކަނި އެ މައްސަލަތަކަށް ބިނާކޮށް އޮޑިޓް ރިޕޯޓްތަކެއް ނެރެގެން ހައްލުވާނެ ކަންކަމެއް ނޫންކަމަށެވެ.

"ޒަމާނުއްސުރެންވެސް ފެށިގެން ދެމިގެން މި އަންނަ ކޮރަޕްޓް ސިސްޓަމްތައް އިނގޭތޯ. ކޮރަޕްޝަނަށް މަގުފަހިވާގޮތަށް މި ގާއިމުކުރެވިފަ ހުރި ކަންތައްތައް ގޮތުގައި ދެމެހެއްޓުމަށް. ވަކި ބަޔަކަށް މީގެ މަންފާތަކެއް އޮވޭ،" ނިޔާޒް ވިދާޅުވި އެވެ.

"ކޮން ސިސްއްޓަމެއްތޯ ކޮރަޕްޝަނަށް މަގުފަހި ނުވާގޮތަށް ރާއްޖޭގައި ހުރީ؟ ކޮންމެ ކަމެއްގެ ތެރެއިންވެސް މި އޮންނަނީ ނާޖާއިޒް ފައިދާ އޭގެން ނެގެން އޮތް ގޮތަކަށް އެކަމެއް ތަރުތީބުކުރުން،"

އޭގެ މިސާލެއްގެ ގޮތުގައި ނިޔާޒް ވަނީ ސަރުކާރުން ޓެންޑާ ޕްރޮސެސްއަކަށް ހުޅުވާލުން ފަދަ އާދައިގެ މަސައްކަތްތަކުގައިވެސް ރައްޔިތުންނަށް އެ ޕްރޮސެސް ކުރިޔަށް ދަނީ އެންމެ އިންސާފުވެރިކޮށްކަމަށް އިތުބާރާއެކު އިހުސާސްކުރަން ދަތިވެފައިވާކަމަށް ވިދާޅުވެފަ އެވެ.

"ފެއާ ޕްރޮސެސްއެއްގެ ތެރެއިންތޯ ދައުލަތުން މި ހަވާލުކުރާ ބޮޑެތި މަސައްކަތްތައް މި ހަވާލުކުރެވޭ ފަރާތްތައް ސެލެކްޓް ކުރެވެނީ. ނޫނީ އެ އޮންނަ ޕޮލިޓިކަލް އެފިލިއޭޝަނަކަށް ބަލައިގެން، ނުވަތަ އެ ކޮމްޕެނީއަކާ ސަރުކާރުގެ އިސް ވުޒާރާއެއްގައި ހުންނަވާ ބޭފުޅަކާ އޮންނަ ގާތް ގުޅުމެއްގެ ސަބަބުންތޯ އެ ކޮންޓްރެކްޓްތައް އެ ފަރާތްތަކަށް ލިބިގެން މިދަނީ. އެ ޔަގީންކަމެއް އަޅުގަނޑުމެންނަށްކަށް ނެތް އިނގޭތޯ. ދައުލަތުގެ ނިޒާމުތަކާ ދޭތެރޭ. މި ދެންނެވީ ހަމަ ކުޑަ ކުޑަ މިސާލެއް. ވަރަށް ގިނަ ކަންތައްތަކެއް އެބަ ހުރި ދައުލަތުގެ ނިޒާމުތަކުގެ ތެރޭގައި މިގޮތަށް މަގުފަހިކުރާ ބައިވަރު ކަންތައްތައް،" ނިޔާޒް ވިދާޅުވި އެވެ.

ނިޔާޒް ވިދާޅުވި ގޮތުގައި މިގޮތަށް މިކަން ކުރިމަތިވަނީ އެންމެ މަތީ ފަންތީގައިވެސް ތިބޭ ފަރާތްތަކުން މިފަދަ މައްސަލަތަކާ ދޭތެރޭ ގެންގުޅުއްވާ ނަޒަރިއްޔާތުގެ ސަބަބުންނެވެ. އެއްވެސް ނިޒާމަކީ އޭގެ އަމިއްލަ ޒާތުގައި ހިނގައިގަންނަ އެއްޗެއް ނޫންކަން ފާހަގަކުރައްވައި ނިޔާޒް ވިދާޅުވީ އެންމެ މަތީ ފަންތީގައި ތިއްބަވާ ބޭފުޅުންގެ ކިބައިން ކަންކަން ރަނގަޅުކޮށް އިސްލާހުކުރުމުގެ ރޫހު ފެންނަން ނެތްނަމަ އެއަށްވުރެ ދަށް ފަންތިތަކުން ވެސް އެކަންކަން ރަނގަޅު ނުކުރެވޭނެކަމަށް ކަމަށެވެ.

ރާއްޖެ މިހާރު ސިފަވަނީ ގާނޫނުތައް އޮވެ ގާނޫނުތަކަށް ތަބާނުވާ ދައުލަތެއްގެ ގޮތުގައިކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި މިހާރުގެ ސަރުކާރަށްވެސް އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ބެލިދާނެކަމަށް ގަބޫލުނުކުރައްވާކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ.

comment ކޮމެންޓް