ސާންޗޯ ގެންނަން ފަންޑް ހޯދުމަށް ޔުނައިޓެޑުން ގިނަ ކުޅުންތެރިންތަކެއް ބޭރުކުރަނީ

ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ (ކ) އަދި މިޑްފީލްޑަރު ޑޮނީ ވެން ޑަ ބީކް

ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމަންޑަށް ކުޅެމުން އަންނަ އިނގިރޭސި ތަރި ޖޭޑަން ސާންޗޯ ގަތުމަށް ބޭނުންވާ ފަންޑް ހޯދުމުގެ ގޮތުން ކްލަބުގެ ހަތަރު ކުޅުންތެރިޔަކު ވިއްކާލުމުގެ މަސަތްކަތް މެންޗެސްޓާ ޔުނައިޓެޑުން ފަށައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުން ޔުނައިޓެޑުން ބޭރުކޮށްލަން ބޭނުންވާ ކުޅުންތެރިންގެ ތެރޭގައި ފްރާންސްގެ ފޯވަޑް އެންތަނީ މާޝަލް އާއި ހޮލަންޑުގެ މިޑްފީލްޑަރު ޑޮނީ ވެން ޑަ ބީކް ހިމެނެއެވެ. މި ދެ ކުޅުންތެރިންގެ ފަރާތުން ވެސް ނިމިގެންދިޔަ ސީޒަނުގައި މާ އެދެވޭ ކުޅުމެއް ފެނިގެންގޮސްފައި ނުވެ އެވެ.

މާޝަލް އަދި ވެން ޑަ ބީކްގެ އިތުރުން ދެން ޔުނައިޓެޑް ދޫކޮށް ދާނެ ކަމަށް ބެލެވޭ ކުޅުންތެރިންގެ ތެރޭގައި އަންދްރެއާސް ޕެރޭރާ އާއި ޑިއޯގޯ ޑަލޯ ހިމެނެއެވެ. މި ދެ ކުޅުންތެރިންނަކީ ވެސް ނިމިގެންދިޔަ ސީޒަނުގައި ލޯނު އުސޫލުން ޔުނައިޓެޑުން ދޫކޮށްފައިވާ ދެ ކުޅުންތެރިންނެވެ.

އިނގިރޭސިވިލާތުގެ ނޫސްތަކުގައިވާ ގޮތުން މި އަންނަ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ސާންޗޯ އިންގްލަންޑަށް ގެނެވޭނެ ކަމުގެ ޔަގީންކަން ޔުނައިޓެޑަށް އެބައޮތެވެ.

އަންނަ ސީޒަނަށް ޓީމު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ހޯދަން ބޭނުންވާ ކުޅުންތެރިންގެ ލިސްޓުގެ އެންމެ މަތީގައި އޮތީ ސާންޗޯއެވެ. ސާންޗޯ ހޯދުމުގެ މަސަތްކަތް ޔުނައިޓެޑުގެ އިތުރުން ލިވަޕޫލުން ވެސް އަންނަނީ ކުރަމުންނެވެ.

ސާންޗޯ އަކީ މިވަގުތު ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ އަގު ބޮޑު ކުޅުންތެރިންގެ ތެރޭ ހިމެނޭ ކުޅުންތެރިއެކެވެ. ރިޕޯޓުތައް ބުނާ ގޮތުން އޭނާގެ އަގު މާކެޓުގައި އުޅެނީ 130 މިލިއަން ޕައުންޑުގައެވެ.

comment ކޮމެންޓް