މެންޗެސްޓާ ސިޓީން ޗެލްސީގެ ޖޭމްސް ހޯދުމުގެ މަސަތްކަތް ފަށައިފި

ޗެލްސީގެ ޑިފެންޑަރު ރީސް ޖޭމްސް

އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީން ޗެލްސީ އަށް ކުޅެމުން އަންނަ ޒުވާން ރައިޓް ބެކް ރީސް ޖޭމްސް ހޯދުމުގެ މަސަތްކަތް ފަށައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ޖޭމްސް އަކީ ސިޓީގެ ކޯޗް ޖޯސެފް ގާޑިއޯލާގެ މިފަހަރުގެ ޓްރާންސްފާ ޓާގެޓް ލިސްޓުގައި ހިމެނޭ ކުޅުންތެރިޔެކެވެ. ސިޓީން ޖޭމްސް އަށް ފާރަލަމުން އަންނަ ނަމަވެސް ޗެލްސީން 21 އަހަރުގެ އިނގިރޭސި ޑިފެންޑަރު ވިއްކާލާނެ ކަމަށް ނުބެލެވެއެވެ. އަނެއްކޮޅުން ޖޭމްސް ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓުގައި އަދި ބާކީ ހަތަރު އަހަރު އެބައޮތެވެ.

ޖޭމްސް އަކީ ފަހަކަށް އައިސް ގަވާއިދުން ޗެލްސީގެ ފުރަތަމަ އެގާރައިން ފެންނަ ކުޅުންތެރިޔެކެވެ. މިދިޔަ ދެ ސީޒަނުގައި މުޅިއެކު 84 މެޗް ޗެލްސީ ޖާޒީގައި ޖޭމްސް ކުޅެފައިވާއިރު އޭނާ ވަނީ މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ އިނގިރޭސި ސްކޮޑުން ވެސް ޖާގަ ހޯދައިފައެވެ.

ސިޓީން އަންނަނީ ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ތިން ކުޅުންތެރިޔަކު ކްލަބަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ. ޖޭމްސްގެ އިތުރުން ސިޓީން ދެން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކުޅުންތެރިންގެ ތެރޭގައި ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅެމުން އަންނަ ފޯވަޑް ހެރީ ކޭން އާއި އެސްޓަން ވިލާގެ މިޑްފީލްޑަރު ޖެކް ގްރީލިޝް ހިމެނެ އެވެ.

ރިޕޯޓްތައް ބުނާގޮތުން މި ދެ ކުޅުންތެރިންގެ ސޮއި ހޯދަން ސިޓީ އޮތީ 250 މިލިއަން ޕައުންޑު ހަރަދު ކުރަން ތައްޔާރަށެވެ.

comment ކޮމެންޓް