ޓެކުހުގެ ފައިސާ އިންސްޓޯލްމަންޓުން ދެއްކުމާއި ޖޫރިމަނާއަށް އިތުރު ލުއިތަކެއް

އޮކްޓޯބަރ 1، 2019: މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

އިންސްޓޯލްމަންޓް އުސޫލުން މީރާއަށް ޓެކްސް ފައިސާ ދެއްކުމާއި ޓެކުހާ ގުޅޭ ޖޫރިމަނާތަކަށް މީރާއިން އިތުރު ލުއިތަކެއް ދީފި އެވެ.

މީރާއިން ބުނީ އެ ލުއިތަކަކީ ކޮވިޑް19އާ ގުޅިގެން ޓެކްސް ދައްކާ ފަރާތްތަކަށް ދިމާވެފައިވާ ދަތި ހާލަތަށް ލުޔެއް ދިނުމަށް ކަމަށެވެ.

މީރާއިން ބުނީ އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދައްކަން އެދި ހުށަހަޅާއިރު، ކުރިން އިންސްޓޯލްމަންޓަށް ފައިސާ ދެއްކުމުގެ އެއްބަސްވުމަށް އައުމަށް ދައްކަން ޖެހޭ ކޮމިޓްމަންޓް ޕޭމަންޓަށް ވުރެ ކުޑަ ޕޭމަންޓެއް ދައްކައިގެން މިހާރު އެއްބަސްވުމަށް އާދެވޭނެ ކަމަށެވެ.

އެގޮތުން ކުރިން ކޮމިޓްމަންޓް ޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހެނީ ނުދައްކާ ހުރި ފައިސާގެ 50 ޕަސެންޓެވެ. ނަމަވެސް މިހާރު އެ އަދަދު ވަނީ ފަސް ޕަސެންޓާއި 10 ޕަސެންޓާ ދެމެދަށް ކުޑަކޮށްދީފަ އެވެ.

އާންމު އުސޫލުން އިންސްޓޯލްމަންޓް ހަމަޖައްސައިދޭ މުއްދަތު ކަމަށްވާ ދެ މަހާއި 26 މަހާ ދެމެދުގެ މުއްދަތުވެސް މީރާއިން ވަނީ އިތުރުކޮށްދީފަ އެވެ. އެގޮތުން މިހާރު ދެ މަހާއި 26 މަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި އިންސްޓޯލްމަންޓް ފައިސާ ދެއްކޭނެ އެވެ.

މި ލުއިތައް ހަމަޖައްސައިދެވޭނީ ޓެކްސް ދައްކާ ފަރާތުގެ ވިޔަފާރީގެ ފަންތިއާއި އެފަރާތުގެ އާމްދަނީއަށް ހުސްވި 2020ވަނަ އަހަރު ބަދަލު އައިސްފައިވާ މިންވަރަށް ބެލުމަށްފަހު ކަމަށް މީރާއިން ބުނެ އެވެ.

މި ހާލަތުގައި ދޭ އިތުރު ލުޔެއްގެ ގޮތުން އިންސްޓޯލްމަންޓް އެގްރިމަންޓެއްގައި ސޮއިކޮށް، ހިނގަމުންދާ އިންސްޓޯލްމަންޓް އެގްރިމަންޓެއް އޮތް ނަމަވެސް، އެ އިންސްޓޯލްމަންޓްގެ ތެރޭގައި ނުހިމެނޭ މުއްދަތުތަކާ ގުޅިގެން އިތުރު އިންސްޓޯލްމަންޓް އެގްރިމަންޓަކަށް އެދުމުގެ ފުރުސަތުވެސް ވަނީ ފަހިކޮށްދީފަ އެވެ.

ހަމައެއާއެކު ޓެކްސް ދައްކާ ފަރާތުން ބޭނުންވާނަމަ މިހާރު ހިނގަމުންދާ އިންސްޓޯލްމަންޓް އެގްރިމަންޓް ރީޝެޑިއުލް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް މީރާއިން ބުނެ އެވެ.

comment ކޮމެންޓް