އޭނާ އެފަދަ ޚިޔާލުތަކެއްގައި ހުއްޓާ ރިއުމާން އޭނާގެ ފިރިހެންވަންތަ ހިނގުމުގައި އައިސް އަޒްހާއާ ދާދި ގާތުގައި މަޑުކޮށްލުމާއެކު، އަޒްހާއަށް ބުމަ އަރުވައިލަމުން ދެލޯވެސް ބޮޑުކޮށްލެވުނެވެ. މީހާ އެކީ ފިނިވުމާއެކު، އޭނާއަށް އެއް އަތުން އަނެއް އަތްތިލައިގައި ހިފައްޓާ ބާރުކޮށްލެވުނެވެ. އެވަގުތު ރިއުމާން ބުނާނެ އެއްޗެއް ނޭނގި އޭނާއަށް ހުރިގޮތަށް ހުރެވުނީއެވެ.

"ކިހިނެއްވީ؟ ބިރުވެރި އެއްޗެއް ފެނުނީތަ؟" އަޒްހާ ހުރިގޮތުން ރިއުމާންއަށް ސުވާލުކޮށްލެވުނެވެ.

"ނު... ނޫން... މީ އެހެންނެއް ނޫން! " އަޒްހާ ލައިލައި ހުރި ނޭވާވެސް ހީވީ އޭނާގެ އަރުތެރޭގައި ތާށިވީހެންނެވެ. އޭނާއަށް ވާހަކަ ދެއްކުނީވެސް އަޅަައަޅައިގަންނަމުންނެވެ.. ރިއުމާން ފެނުމުން އޭނާގެ ހުރިހާ ހިއްސުތަކެއްވެސް ހީވީ މަސައްކަތްކުރުން ހުއްޓުނު ހެންނެވެ.

"އަމް... އައި އެމް ރިއުމާން... ތޭންކްސް އަހަރެންގެ ވޮލެޓް ހިފައިގެން އައިސް ދިނީމަ އެރޭ... އެންޑް ސޮރީ އަހަންނަށް އެހާ ރޫޑްކޮށް ކަންތައް ކުރެވުނީމަ!" ރިއުމާން އޭނާގެ އެއް އަތް ޖީންސްގެ ޖީބަށް ޖަހައިލަމުން ވާހަކަ ދެއްކިއެވެ.

"އިޓްސް އޯކޭ... އައި އެމް އަޒޫ... އޯހް ސޮރީ އަޒްހާ..." އަޒްހާ ވާހަކަ ދެއްކުމާއެކު، ރިއުމާންގެ ތުންފަތް މައްޗަށް ލުއިހިނިތުންވުމެއް ވެރިވިއެވެ.

"ވަންސް އެގެއިން ތޭންކްސް. ޝުކުރު އަދާކުރަން މިއައީ!" ރިއުމާން ބުނެލިއެވެ. އަޒްހާވެސް އެ ޒުވާނާއަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އެވަގުތު އޭނާގެ ފޯނު އަނެއްކާވެސް ރިންގް ވިއެވެ. ރިއުމާންއަށް ބަލައިލާ ފޯނު ކަންފަތުގައި ޖައްސައިލަމުން އޭނާ ވާހަކަ ދެއްކިއެވެ.

"އާނ. މިދަނީ..." އަޒްހާ ބުނެލިއެވެ. ފޯނު ބާއްވަމުން އޭނާ ދަނީކަމަށް ބުނެ ހިނގައިގަތުމުން ރިއުމާންވެސް ކާރާ ދިމާލަށް ހިނގައިގަތެވެ. ކާރަށް އަރާ ދުއްވައިލި ރިއުމާންގެ އޭނާގެ ކާރުގެ މިސްރާބު ބަދަލުކޮށްލަމުން ސަޖަލްމެން ގެއާ ދިމާލަށް މިސްރާބުޖެހިއެވެ. ކީއްވެކަމެއް ނޭނގުނެވެ. އޭނާއަށް ސަޖަލް މަތިން މާ ބޮޑަށް ހަނދާންވަނީއެވެ. އެކަން އެ ގޮތަށް ނުކުރުމަށް އޭނާގެ ޒަމީރު އޭނާއަށް ގޮވަމުން ދިޔައީ ސަޖަލް ދެން އިތުރަށް އޭނާގެ ޙަޔާތަށް ނާންނާނެ ކަމަށް ބުނެއެވެ. އެހެންނަމަވެސް ނޭނގި ނަމަވެސް އަދިވެސް ރިއުމާންއަށް ސަޖަލްއަށް އިންތިޒާރުކުރެވެނީއެވެ. އެ ލޯބި އޭނާ ބޭނުންވަނީއެވެ. ސަޖަލްއާ އެކު އުޅުނު އުފާވެރި ދުވަސްތައް އޭނާގެ ހިތުގައިވަނީ ބިންވަޅު ނެގިފައެވެ. އެއްވެސް ފަނޑުވުމެއް ނެތް ގޮތުގައެެވެ. އެ ހިތުން ސަޖަލްނޫން އަންހެން ކުއްޖަކަށް ދުވަހަކުވެސް ޖާގަ ނުދެވޭނެޔޭ ރިއުމާންގެ ހިތް ބުނަނީ އެހެންވެއެވެ. އޭނާގެ ލޮލުގެ ތެރެއަށް ކޮންމެވެސް ވަރަކަށް ކަރުނަ ޖަމާވިއެވެ. އަތުގެ ނުފުށުން ކަރުނަތައް ފުހެލަމުން އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. ވަކި ހިސާބަކަށް ގޮސްފައިވެސް އެ ޚިޔާލު ދޫކޮށްލާފައި، ރިއުމާން ގެއަށް ގޮސް ކާރު ޕާކުކޮށްލާފައި ގޮސް އޭނާގެ އެޕާރޓްމެންޓަށް ވަތްއިރުވެސް އޭނާގެ ހިތުގައި ނުތަނަވަސްކަން ވިއެވެ. ސަޖަލް އެ ޒުވާނާ އާއެކު ހުރި މަންޒަރު އޭނާގެ ލޮލަށް ސިފަވުމާއެކު، އޭނާއަށް ދެބުމަ ގޮށްޖަހައިލެވުނީ ބޭއިޚްތިޔާރުގައެވެ. ކޮޓަރިއަށް ވަނުމާއެކު އޭނާ ބޮލުގައި ހިފައްޓައިލިއެވެ. ރުޅިގަނޑު ކޮންޓްރޯލްކުރަން އޭނާ އިންތިހާ ބޭނުންވިނަމަވެސް ހީވަނީ އެކަމަކީ އޭނާގެ އިޚްތިޔާރުން ބޭރުގައިވީ ކަމެއްހެންނެވެ. އެކަންކުރަން އުނދަގޫވުމާއެކު، އޭނާއަށް ރުޅިބޭލުނީ ކޮޓަރީގައި ހުރި އެއްޗިއްސަށެވެ. އެ ހިނދު އޭނާގެ މަންމަގެ ހަނދާންތައްވެސް އޭނާއަށް ގޯނާ ކުރަން ފެށީ އެ ސިކުނޑީގެ ހަމަނުޖެހުން ނަގާލަމުންނެވެ. އަންހެނުންނަށް ކުރާ އިތުބާރު އެންމެ ފުރަތަމަ ގެއްލުނު ސަބަބަކީވެސް އޭނާގެ މަންމައެވެ. ސަޖަލްއާ އެކު އުޅުނު އިރުވެސް އޭނާއަށް ސަޖަލްއަށް އިތުބާރުކުރަން ދަތިވި ސަބަބަކީވެސް ކުޑައިރު އޭނާއަށް ފެނުނު މަންޒަރެވެ. ކުރި އަސަރުތަކެވެ.

"އަހަރެން މޮޔަވެދާނެ..." ރިއުމާންއަށް ބޮލުގެ އިސްތަށިގަނޑަށް ވާން ކޮށްލެވުނެވެ. އޭނާގެ ބޯ ހީވަނީ ފަޅައިގެން ގޮސްދާނެހެންނެވެ. މީހާގެ ނޭވާ ކުރުވަމުން ދިޔައެވެ. ބައްޕަގެ ފަރާތުން ލިބުނު އަނިޔާތަކާ ފެނުނު މަންޒަރު ލޮލުގެ ކުރިމަތީގައި ފިލްމެއްގެ ސިފައިގައިި ނިއުޅެމުން ދިޔައެވެ. ރިއުމާން ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ. އެއަށްފަހު އޭނާ ބާލީހަކުން މޫނު ފޮރުވައިލިއެވެ. ހީވީ އޭނާއަށް އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވިގެން އުޅޭހެންނެވެ. އެ ނަފްސުގައި ވި ރުޅިވެރިކަމާއި، ގިލަންވެރިކަމަށް ނިމުމެއް ގެންނަން އޭނާ ހުރީ ބޭނުންވެފައެވެ.

މާ ބޮޑަށް ސަޖަލް މަތިން ހަނދާންވާން ފެށުމުން ރިއުމާން އޭނާގެ އެޕާރޓްމެންޓުން ނުކުންނަން ހިނގައިގަތެވެ. ޕާކުކޮށްފައިވާ ކާރާ ދިމާލަށް ގޮސް އޭނާ ކާރަށް އަރައިގެން ދުއްވައިލީ ސަޖަލްމެން ގެއާ ދިމާލަށެވެ. އެކަން އެގޮތަށް ނުކުރުމަށާއި އެކަމުން އޭނާގެ ހިތަށް ލިބޭނީ އިތުރު އަނިޔާއެއްކަމަށް އޭރުވެސް އޭނާގެ ޒަމީރު ބުނަމުން ދިޔައެވެ.

ޓެރެފިކްގައި ޖެހުނު ރިއުމާން ބޮލުގެ އިސްތަށިގަނޑުގައި އަތް ހިންގައިލަމުން ފުންނޭވާއެއް ލާ ބޭރު ބަލައިލިއެވެ. އެވަގުތު ޕޭމަންޓް މަތީގައި ހުރެގެން އަޒްހާ ޓެކްސީއަކަށް އަތްނަގަމުންދިޔަ މަންޒަރު އޭނާއަށް ފެނުނެވެ. އިރުކޮޅަކު އަޒްހާއަށް ބަލަން އިނުމަށްފަހު، ރިއުމާން ލޯގަނޑު ތިރިކޮށްލީ އަޒްހާ އިރުއިރުކޮޅަކާ ގަޑިއަށް ބަލައިލާ ގޮތުން ތާކަށް ދާން ލަސްވެގެން އުޅެނީ އޭ ހިތާއެވެ.

"އަޒްހާ..." ރިއުމާން އަޒްހާއަށް ގޮވައިލިއެވެ. އެއާއެކު އަޒްހާ ދިޔައީ ސިއްސައިގެންނެވެ. އޭނާ ކުރިމައްޗަށް ބަލައިލިއިރު ރިއުމާން ފެނިގެން ހިނިތުންވެވުނެވެ. އޭނާ އަތުން ރިއުމާންއަށް ހަނާ އަޅައިލިއެވެ.

"ކަމޯން އަޒްހާ... ދިސް އިޒް ޔޯ ޗާންސް. ގޮސް ބުނެބަލަ ރައިޑެއް ދޭށޭ!" އަޒްހާގެ ސިކުނޑި މަސައްކަތް ކުރަންފެށިއެވެ. އެހެންނަވެސް އެކަން އެގޮތަށް ކުރާކަށް އޭނާއަކަށް ނުކެރުނެވެ.

"މޮޔަނުވެބަލަ! އޭނަ އެ އުޅެނީ އެހެން މީހުންނަށް ލިފްޓް ދޭ ހިތުންތަ؟" އަޒްހާ ހިތާހިތުން ވާހަކަ ދެއްކިއެވެ.

"ލިފްޓެއް ބޭނުންތަ؟" ރިއުމާން ސުވާލުކޮށްލިއެވެ. އެވަގުތު އަޒްހާ ފެނިގެން އޭނާ މަޑުކުރަން ބޭނުންވީ ކީއްވެކަމެއް ނޭނގުނެވެ. ރިއުމާން އެހެން ބުނުމުން އަޒްހާ ގަޑިއަށް ބަލައިލުމަށްފަހު، ރިއުމާންގެ ކާރުގެ އަނެއްފަރާތުން ގޮނޑީގައި އިށީނެވެ. އެއަށްފަހު އޭނާ ދާންވީތަން ބުނެލިއެވެ.

"ދި ހެލްޕް ކްލިނިކަށް" އަޒްހާ ބުނެލިއެވެ.

"މީހަކު ބަލިވެތަ އުޅެނީ..."

"ނޫނޭ އެއީ ދޮންތަ ތެރަޕީ ސެޝަންއަށް އައިޑީ ކާޑު ނުލާ ގޮސްގެން ގުޅީމަ އެ ހިފައިގެން ދާންވެގެން މިދަނީ..." އަޒްހާ ބުނެލިއެވެ.

"އެހެންތަ؟ ދޮންތައަށް ކިހިނެއްވީ؟" ރިއުމާން އަށް އެހެން އަހައިލެވުނީ ވިސްނާ ނުލާ އިނދެފައެވެ.

"ދޮންތަ ދޯ! ދޮންތަ ވަރަށް ފަހުން ޑިވޯސް ވީ. އެކަމާހުރެ ދޮންތަ ވަރަށް ސަކަރާތްވީ... ދޮންތަ ބޭއާ އެކީ އުޅުނުއިރުވެސް ދޮންތައަށް ފެންނަން ނުޖެހޭ މަންޒަރުތައް ފެނިފަ ހުރީ... އެހެންވެ ވަރިކުރީމަ އާއެކީ މެންޓަލީ ދޮންތަ ވަރަށް ވީކްވީ. އެކަމަށް ދޮންތަ ތެރަޕީ ނަގަނީ... ހުރެހުރެފަވެސް ކުއްލިއަކަށް ރުޅިއައުމާ އެކަހަލަ ކަންތައް ކުރިމަތިވާން ފެށީ ދޮންތައަށް އެކަންތަކާ ކޯޕް ކުރަން ނޭނގުނީމަ. ބަޓް ތެރަޕީ ނަގަން ފެށީމަ ވަރަށް ރަނގަޅު މިހާރު...ކުރީ ކޮޅު އުޅުނު މީހުން ދޮންތަ ޖަޖް ކޮށްފާނެތީ ނުދާންވެސް، އެކަމަކު... ފަހުން ވަރަށް ކިޔައިގެން އެއްބަސްވީ..." އަޒްހާ ކުރުގޮތަކަށް ކިޔައިދިނެވެ. އޭނާ ރިއުމާންއަށް ވަކައިލުމަށްފަހު ހިނިތުންވެލިއެވެ.

"ތެރަޕީ..." އޭނާއަށް މަޑުމަޑުން އެހެން ކިޔައިލެވުނެވެ.

"އެއްޗެކޭ ބުނިންތަ؟" އަޒްހާ ބުނެލިއެެވެ.

" ނޫން ނުބުނަން!" ވާހަކަ އެހާ ހިސާބަށް ދިޔަތަނާ ކްލިނިކާ ހިސާބަށް އާދެވުނެވެ. އަޒްހާ ރިއުމާންއަށް ޝުކުރު އަދާކޮށްފައި ކާރުން ފައިބަން އަވަސްވެގަތެވެ .

"ގެއަށް ގެންގޮސްދޭންވީތަ؟ އަހަރެން މަޑުކޮށްފާނަން..." ރިއުމާން ސުވާލުކޮށްލިއެވެ.

"ނޫނޭ އޯކޭ ވާނެ. އަހަރެން ދެން ދޮންތަ ނިމެންދެން މަޑުކޮށްލާނީ!" އަޒްހާ ބުނެލިއެވެ. އެއަށްފަހު އޭނާ ހިނިތުންވެލަމުން ކާރުން ފޭބިއެވެ. އަޒްހާ ގޮސް ކްލިނިކްގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. އެއަށްފަހު އޭނާ މޭގައި އަތް އަޅައިލިއެވެ. އޭރު އޭނާގެ ހިތްހީވީ ބޭރަށް ފުންމާލަފާނެހެންނެވެ. ރިއުމާންއާއެކު ހޭދަކުރެވުނު ވަގުތު ކޮޅު ކިތަންމެ ކުޑަނަމަވެސް އޭނާގެ ހިތަށް އެކަމުން ބަޔާން ކުރަންދަތި އުފާވެރިކަމެއް ލިބިފައިވެއެވެ.

"އަދި ތިވަރު ވާކަށް ނުވެއެއްނު އަޒްހާ... އޭނަ ހިތުގައި އޮތް އެއްޗެސް ވެސް އެނގެނީއެއް ނޫނޭ..."

"އަޒޫ!" އެފަދަ ޚިޔާލުތަކެއްގައި ހުރި އަޒްހާއަށް ސިހުން ލިބުނީ އޭނާގެ ދޮންތަ އޭނާއަށް ގޮވައިލި އަޑާއެކުގައެވެ. އޭނާ ހިނިތުންވަމުން ދަބަސް ތެރެއިން ދޮންތަގެ އައިޑީ ކާޑު ނަގާ ދިއްކޮށްލިއެވެ.

ބިއްލޫރިގަނޑުން އެ މަންޒަރު ބަލަން އިނުމަށްފަހު، ރިއުމާން ކާރު ދުައްވައިލީ އޭނާގެ ގެއާ ދިމާލަށެވެ. އިތުރަށް ސަޖަލްމެން ގެއާ ދިމާލަށް ދާކަށް އޭނާ ބޭނުމެއް ނުވިއެވެ. އޭރު އޭނާ އިނީވެސް ކޮންމެވެސް ވަރަކަށް ހަމަޖެހިފައެވެ. އެކަމުގެ ސަބަބުން އެ ހިތަށްވެސް ކޮންމެވެސް ކަހަލަ ތަސައްލީއެއް ލިބިފައިވެއެވެ. ރިއުމާން ގެއަށް ގޮސް ފެންވަރާލައިގެން އެނދުގައި ޖައްސައިލިތާ މާގިނަ އިރެއްނުވެ އޭނާއަށް ނިދުނެވެ.

****

ސަޖަލް ޒާމިންއަށް މެސެޖްކުރަން އޮވެފައި ތެދުވެލީ ބައްޕަގެ ހަބަރެއް ބަލައިލުމުގެ ބޭނުމުގައެވެ. ބައްޕަ ޓީވީ އަޅުވައިލައިގެން އިންއިރު ހުރިހާ ސަމާލުކަމެއް ހުރީ އެއިން ދައްކަމުން ދިޔަ ޕްރޮގްރާމަށެވެ.

"ބައްޕާ... ސައި ބޯން އެއްޗަކަށް އޯޑަރު ދެންތަ؟" ސަޖަލް ސުވާލުކޮށްލިއެވެ.

"އާނ އެންމެ ރަނގަޅު..." ރަޝާދު ބޯ ޖަހައިލިއެވެ. އަދި އޭނާ އަނެއްކާވެސް ޓީވީއަށް ނަޒަރު ހުއްޓައިލިއެވެ.

ސަޖަލް ފޯނުން ގެ ކައިރީގައި ހުންނަ ރެސްޓޯރެންޓަށް ގުޅައިލާ ހެދިކާއަކަށް އޯޑަރު ދިނެވެ. އެއަށްފަހު އޭނާ ވެސް ސޯފާގައި އިށީނދެލިއެވެ. މާގިނައިރުމަޑު ކުރާކަށް ނުޖެހުނެވެ. އޯޑަރު ދިން އެއްޗެހި ހިފައިގެން ޑެލިވަރީ ކުރާ ކުއްޖާއައެވެ. އެއާއެކު އޭނާ ވޮލެޓު ނަގަމުން ގޭ ދޮރު ހުޅުވައިލިއެވެ. އޭނާ މަޑުކޮށްލައިގެން ހުއްޓާ ލިފްޓުން އެ ކުއްޖާ ފޭބިއެވެ. ސަޖަލް ހެދިކާއަށް ލާރި ދައްކާ ހަދާފައި ގޮސް ބައްޕައަށް ސައިތަށި ތައްޔާރުކޮށްލިއެވެ. އެއަށްފަހު އޭނާ މޭޒުމަތީގައި ތަށޑިތައް ބަހައްޓަމުން ހެދިކާތައް އަޅައިލިއެވެ.

"ބައްޕާ...އާދޭ ސައިބޯން..." ސަޖަލް ބުނެލިއެވެ.

ރަޝާދު ތެދުވެލިވަގުތު ކުޑަކޮށް ކޮށިއަރާގޮތްވިއެވެ. ކޮށި އެރިގޮތުން ކަންނޭގެއެވެ. އޭނާގެ މެއާ ދިމާލަށްވެސް ތަދެއް އެރިއެވެ.

"ބައްޕާ! ކިހިނެއްވީ؟" ސަޖަލް ހާސްވެފައި ހުރެ އޭނާގެ ބައްޕައާ ގާތަށް ޖެހިލިއެވެ.

"ކޮށި އެރީ... " ރަޝާދު ކެއްސަމުން ކެއްސަމުން ބުނެލިއިރު އެ އަޑުގައިވެސް ވަނީ އުނދަގޫގޮތެކެވެ. ސަޖަލް ކުޑަކޮށް ރަޝާދުގެ ބުރަކަށީގައި އަތުން ޖަހައިލިއެވެ. ރަނގަޅުވުމާއެކު ރަޝާދު ފުންނޭވާއެއް ލިޔެވެ. އޭރު އޭނާގެ މެއާ ދިމާލަށް އެރި ތަދުވެސް ވަނީ އެކީ ފިލާފައެވެ. އެހެންކަމުން އެ ވާހަކަ ސަޖަލް ކައިރީގައި ބުނާކަށް އޭނާ ގަސްތެއްނުކުރެއެވެ. އިތުރަށް ސަޖަލް ހާސްކުރުވަން އޭނާ ބޭނުން ނުވީއެވެ. ގޮނޑީގައި އިށީނދެލުމަށްފަހު ރަޝާދު ވާހަކަ ދެއްކިއެވެ.

"މާދަން ކީމޯ ނަގަން ދާންޖެހޭ ދުވަސް. ދަރިފުޅަށް ދެވޭނެތަ ބައްޕައާ އެކީ؟" ރަޝާދު ކުއްލިއަކަށް ސުވާލުކޮށްލިއެވެ.

"އާން... މާދަން އޮފް ދުވަހެކޭ އެހެންވީމަ ދެވޭނެ... ކިހާއިރަކަށް ދާން ޖެހޭނީ؟" ސަޖަލް ސުވާލުކޮށްލިއެވެ.

"އެކެއް ޖަހާއިރު." ރަޝާދު ބުނެލިއެވެ. ދެމީހުން ސައި ބުއީ އެފަދަ ވާހަކަތަކެއްގައި ތިބެއެވެ. ނިމިގެން ތަށިތައް ދޮންނަން ހުރި ސަޖަލްއަށް އިރުއިރުކޮޅަކާ ރަޝާދު ބަލައިލައެވެ. ހީވަނީ ކޮންމެވެސް ވާހަކައެއް ބުނަން ބޭނުންވެގެން އުޅޭހެންނެެވެ. އެކަން ސަޖަލްއަށް ފާހަގަވުމާއެކު އޭނާ ހަރަކާތްތައް މަޑުޖައްސައިލަމުން ރަޝާދަށް ބަލައިލާ ސުވާލުކޮށްލިއެވެ.

"ބައްޕާ... ކަމެއް ބޭނުންވީތަ؟" ސަޖަލް އަހައިލިއެވެ. ރަޝާދު ފުންނޭވާއެއް ލަމުން ބޯ ޖަހައިލިއެވެ.

(ނުނިމޭ)

comment ކޮމެންޓް