ތާލިބާނުން ބަދަލުހިފާނެތީ އެމެރިކާއަށް އެހީތެރިވެދިން އަފްޣާން މީހުން ގައުމު ދޫކޮށް ދަނީ

މަރާލާފައިވާ އަފްޣާން ތަރުޖަމާނެއްގެ ފޮޓޯ ހިފައިގެން

ވޮޝިންޓަން (މޭ 26): ތާލިބާނުން އަސްކަރީ ގޮތުން ބަލިކުރުމުގައި ނާކާމިޔާބުވެގެން އެމެރިކާ އަފްގާނިސްތާނުން ފައިބަން ފަށާފައިވާއިރު ތާލިބާނުންގެ އަތްދަށަށް އަނެއްކާވެސް އަފްގާނިސްތާން ހިނގައިދާނެކަމުގެ ބިރު ހީވެފައިވާތީ އެމެރިކާއަށް އެކި ގޮތްގޮތުން އެހީތެރިވެދިން އަފްގާން މީހުންނާއި އެމީހުންގެ އާއިލާތައް ރައްކާތެރިކަމާއެކު އެގައުމު ދޫކޮށް ދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެމެރިކާ ނިންމައިފިއެވެ.

އަފްގާނުގެ 60,000 މީހުން އެމެރިކާއަށް އެހީވި

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުީ އަމިއްލަ ފުރާނަ ނުރައްކަލަށް ހުށަހެޅުމަށްފަހު އެކި ގޮތްގޮތުން އެމެރިކާގެ ސިފައިންނަށް ހިދުމަތްކޮށްދިނުމުގައި މުވައްޒަފުންގެ ގޮތުގައި އުޅުނު އަފްގާނިސްތާނުގެ އާންމުންގެ އެތައް ހާސް މީހުންގެ ކިބައިން ތާލިބާނުން ބަދަލުވާނެކަމަށް ބެލެވޭ ކަމަށެވެ.

އެހެންކަމުން އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުމުގެ ކުރިން ރައްކާތެރިކަމާއެކު އެމީހުންވެސް އަފްގާނިސްތާނުން ފޭބުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް ބައިޑަން ވިދާޅުވިއެވެ. އަދި އެމީހުންނާއި އެމީހުންގެ އާއިލާ ހިމެނޭހެން 60,000 އާ ގާތްކުރާ އަދަދަށް އަރާކަމަށް މައުލޫމާތު ލިބޭކަމަށާއި އެމީހުންނަށް އެމެރިކާއަށް ނުވަތަ އެހެން ގައުމަކަށް ހިޖުރަ ކުރެވިދާނެކަމަށާއި ހިޖުރަކުރުމަށް ބޭނުންވާ ލޮޖިސްޓިކް ސަޕޯޓާއި މާލީ އެހީތެރިކަން އެމެރިކާ ސަރުކާރުން އެމީހުންނަށް ފޯރުކޮށްދޭނެކަމަށް ބައިޑަން ވިދާޅުވިއެވެ.

ތާލިބާނުން ދެކެނީ އެއީ ގައްދާރުންގެ ގޮތުގައި

އެމެރިކާ ސިފައިންނަކީ 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ގެ ހަމަލާތަކަށްފަހު ގަދަބާރުން އަފްގާނިސްތާނަށް އަރައި އަފްގާނިސްތާނުގެ ބޮޑުބައެއް ހިފައި އޭރު އެގައުމުގެ ވެރިކަމުގައި އޮތް ތާލިބާން ޖަމާއަތުގެ ސަރުކާރު ވައްޓާލި ގައުމަކަށް ވާތީ ތަރުޖަމާނުންގެ ގޮތުގައާއި އެނޫންވެސް ކަންކަމުގައި އެމެރިކާ ސިފައިންނަށް ޚިދުމަތްކޮށްދިން އަފްގާނިސްތާނުގެ މަދަނީ މުވައްޒަފުންނާމެދު ތާލިބާނުން ދެކެނީ ގައުމަށް ގައްދާރުވި ޚާއިނުންގެ ގޮތުގައެވެ.

ތަރުޖަމާނުން އެހީތެރި ކަމަށް އެދި ގޮވާލަނީ

އެމެރިކާ ސިފައިން އަފްގާނިސްތާނުގައި ތިބޭއިރުވެސް ތާލިބާނުން އެފަދަ މީހުންނަށް ހަމަލާދީ އޭގެ އެތަށްބަޔަކު މަރާލަފައިވެއެވެ.

އެމެރިކާ ސިފައިން ފައިބަނީ އެހެން ގޮތެއް ނެތިގެން

20 އަހަރު ވަންދެން ހަނގުރާމަކޮށްގެންވެސް ތާލިބާނުން އަސްކަރީ ގޮތުން ބަލިކުރުމުގައި ނާކާމިޔާބުވެ ހަދާނެ އެހެން ގޮތެއް ނެތިގެން އެމެރިކާ ދާދި ފަހުން ވަނީ ތާލިބާނުންނާއެކު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށް އަންނަ ސެޕްޓެމްބަރު 11 ގެ ކުރިން އަފްގާނިސްތާނުން އެއްކޮށް ފޭބުމަށް ނިންމައި އެކަން އިއުލާން ކޮށްފައެވެ. މިއާއެކު ފާއިތުވި ދެމަސްތެރޭގައި އެމެރިކާ ސިފައިންވަނީ އަފްގާނިސްތާނުގައި އެމީހުން ބޭނުންކުރި ހަތިޔާރުތައް އަނބުރައި އެމެރިކާއަށް ގެންގޮސްފައެވެ. އެނޫން ތަކެތީގެ ތެރެއިން ބައެއް ތަކެތި އަފްގާނު ސަރުކާރަށް ދިނުމަށްފަހު ބައު ތަކެތި ވަނީ ނައްތާލަފައެވެ.

އަފްގާނިސްތާނު އަނެއްކާ ތާލިބާނުންގެ ކޮންޓްރޯލު ދަށަށް ވެއްޓެނީ

އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންއިން އިއްޔެ ބުނެފައިވަނީ ކުރިޔަށްއޮތް ދެ ހަފްތާތެރޭގައި އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުމުގެ ކަންތައް އަމަލީގޮތުން އެއްކޮށް ނިންމާލާނެކަމުގައެވެ. މިއާއެކު ތާލިބާނުން ގެންދަނީ އަފްގާން ސިފައިންނާ ހަނގުރާމަކޮށް އަފްގާނިސްތާނުގެ ގިނަ ސަރަހައްދުތައް އެޖަމާއަތުގެ ބަރުގެ ދަށަށް ގެންނަމުންނެވެ. މިގޮތުން ބައެއް ހައިވޭތަކާއި ސްޓްރެޓީޖިކް ސަރަހައްދުތައް ފާއިތުވި މަހެއްހަ ދުވަހުގެ ތެރޭގައި ތާލިބާނުންވަނީ އަލުން އަނބުރައި އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނަސްފައެވެ.

އަފްގާނު ސިފައިންނަށް ހިފަހައްޓައިލެވޭނީ ހަ މަސް ދުވަހު

އެމެރިކާ ސިފައިންނާ ނުލައި އަފްގާން ސިފައިންނަށް ތާލިބާނުންގެ ކުރިމަތީގައި ހިފަހައްޓާލެވޭނީ އެންމެ ހަތަރު މަސް ނޫނީ ގިނަވެގެން ހަ މަސްދުވަހަށް ކަމަށާ އެ މުއްދަތުގެ ތެރޭގައި އަފްގާން ސަރުކާރު ވައްޓާލައި އަފްގާނިސްތާނުގެ ވެރިކަމަށް ތާލިބާނުން އަލުން އަނބުރައި އަންނާނެކަމީ ގާތްގަނޑަކަށް ކަށަވަރު ކަމެއްކަމަށް އަސްކަރީ ތަޖްރިބާކާރުން ވިދާޅުވެއެވެ. އެމެރިކާވެސް މިކަން ދޮގެއް ނުކުރެއެވެ.

ހަނގުރާމައިގައި އަފްގާނުން ފަސްލައްކަ މަރު

އެމެރިކާ އަފްގާނިސްތާނަށް އަރައި 20 އަހަރު ހަނގުރާމަކޮށް އޭގެ ޚަރަދުގެ ގޮތުގައި 700 ވަރަކަށް ބިލިޔަން ޑޮލަރު ހޭދަކުރިއިރު ކުރެވުނު ކަމަކީ އަފްގާނިސްތާނުން އަލްގާއިދާގެ ބާރު ކުޑަކޮށް އެޖަމާއަތުގެ ލީޑަރު އުސާމާ ބިން ލާދިން މަރާލުމެވެ. އެމެރިކާ އަފްގާނިސްތާނުގައި ކުރި 20 އަހަރުގެ ދިގުލީ ހަނގުރާމައިގެ ތެރޭގައި އެމެރިކާގެ ޙަމަލާތަކުގައާއި ތާލިބާނުންގެ ޙަމަލާތަކުގައި އަފްގާން އާންމުންގެ 500,000 އަށްވުރެ ގިނަ އާންމުން މަރުވެ 2 މިލިޔަނަށް ވުރެ ގިނަ އާންމުން ޒަޚަމްވެފައި ވެއެވެ. އަދި އެމެރިކާގެ 3,000 އަށްވުރެ ގިނަ ސިފައިންނާއި ތާލިބާނުންގެ ވިއްސަކަށްހާސް ހަނގުރާމަވެރިންވެސް އެމެރިކާކުރި ހަނގުރާމައިގާ މަރުވެފައިވެއެވެ.

ނަމަވެސް އަފްގާނިސްތާނުގައި ތާލިބާނުން ބަލިކުރުމުގައާއި އެމެރިކާ ބޭނުންވާ ސްޓައިލަށް އަފްގާނިސްތާން ބަދަލުކުރުމުގައާއި އެމެރިކާގެ މަސްލަހަތަށް މަސައްކަތްކުރާ ގޮނޑިކޮއްކޮ އަކަށް އަފްގާނިސްތާން ހަދައި އެމެރިކާގެ ނުފޫޒުގެ ދަށުގައި ދާއިމީގޮތަކަށް އެގައުމު ބޭއްވުމުގައި އެމެރިކާވަނީ މުޅިން ނާކާމިޔާބުވެފައެވެ.

comment ކޮމެންޓް