އޮންލައިންކޮށް އަލީ ވަހީދުގެ ޝަރީއަތް ކުރިއަށްގެންދާ މައްސަލަ ހައިކޯޓަށް

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ކުށްތަކުގެ ޝަރިއަތަށް ކްރިމިނަލް ކޯޓަށް ހާޒިރު ވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން ބޭރުގައި ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބާއްވާ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ޕަބްލިކް ޕްރޮސިކިއުޓާ އަދި ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު ވަނީ "ސަން" އަށް އެކަން ކަށަވަރުކޮށްދެއްވާފަ އެވެ.

އަލީ ވަހީދު ރާއްޖެއިން ބޭރުގައި ހުންނެވުމުން އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދިޔުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް ޕީޖީ ހުސައިން ޝަމީމް ވަނީ ވިދާޅުވެފަ އެވެ.

ޕީޖީ އޮފީހުން ބުނީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސްކޮށް ޖިނާއީ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށެވެ.

ޕީޖީ އޮފީހުން އިއުތިރާޒުކުރުމުން ވެސް މައްސަލަ ބައްވަލާ ގާޒީ ހަސަން ސައީދު ވަނީ އޮންލައިންކޮށް އެ ޝަރީއަތް ކުރިއަށްގެންދަން ނިންމާފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ގިނަ އަންހެން މުއައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި އޭރު މި ސަރުކާރުގެ އެންމެ އިސް އެއް މިނިސްޓަރުކަމުގައިވާ އަލީ ވަހީދު މަގާމުން ވަކިކުރީ މިިޔަ އަހަރުގެ މެދު ތެރޭގަ އެވެ. އަލީ ވަހީދުގެ ޕާސްޕޯޓް އެންމެ ފުރަތަމަ ހިފަހައްޓާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަސް ތެރޭގަ އެވެ.

އޭގެ ފަހުން އޭނާގެ މައްޗަށް ޖިންސީ ކުށުގެ ދައުވާ އުފުލާފައިވަނިކޮށް އަލީ ވަހީދު ވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް އެދި ހުއްދައަށް އެެދިފަ އެވެ. އަލީ ވަހީދުގެ ޕާސްޕޯޓް މިދިޔަ ފެބްރުއަރީ މަހު ދޫކުރީ ޕީޖީ އޮފީހުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫނުކޮށް ޓްރެވެލް ޑޮކިއުމެންޓްއެއްގެ ދަށުން އަލީ ވަހީދު ފުރަން ހުއްދަ ދިނުމަށް ކޯޓުގައި އެދިފައި ވަނިކޮށެވެ.

އަލީ ވަހީދު ރާއްޖެއިން ފުރާފައި ވަނީ އޭނާގެ ޕާސްޕޯޓް ކޯޓުން ދޫކޮށްލުމުގެ ކުރީގައިކަމަށް ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައިވާއިރު އޭނާ ފުރާފައިވަނީ އޭނާގެ ގާތް އެކުވެރިޔާ އަދި ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ އޭނާއަށް ޖާމިނުވުމަށް އެއްބަސްވުމާ އެކުގަ އެވެ.

އަލީ ވަހީދު މިވަގުތު ހުރީ އިނގިރޭސިވިލާތުގަ އެވެ. ޕީޖީ އޮފީހުން އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން މި އެދުނީ އޭނާ ބޭރަށް ފުރަން ކޯޓުން ދިން މުހުލަތު ހަމަ ވެފައި ވަނިކޮށެވެ.

comment ކޮމެންޓް