ނަފުރަތުގެ އަމަލުގެ ބިލު އިސްލާހުކުރަން އެޗްއާރްސީއެމް އިން ވެސް އެދިއްޖެ

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރުން -- ފޮޓޯ/ އެޗްއާރްސީއެމް

ނަފްރަތުގެ އަމަލު ބަޔާންކޮށް، ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު، ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްނޭޅޭގޮތަށް އިސްލާހުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވެސް ހިޔާލު ހުށަހަޅައިފި އެވެ.

އެ ބިލު ދިރާސާކުރަމުން އަންނަނީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގަ އެވެ. ކޮމިޓީން ނިންމާފައި ވަނީ އިސްލާމިކް މިނިސްޓްރީ އާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ފަރާތުން އެ ބިލަށް ހިޔާލު ހޯދުމަށެވެ.

ހިޔާލު ހުށަހަޅަން ދިން ފުރުސަތުގައި އިސްލާމިކް މިނިސްޓްރީން ވެސް ވަނީ ބިލަށް އިސްލާހުތަކެއް ގެންނަން ހުށަހަޅައިފަ އެވެ. އަދި އެޗްއާރްސީއެމުން ވެސް ވަނީ އިސްލާހުތަކެއް ހުށަހަޅައިފަ އެވެ.

އެޗްއާރްސީއެމުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ބިލަށް އިސްލާހު ހުށަހެޅުމުގައި، ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ގަވާއިދުތަކުގެ އިތުރުން، ރާއްޖެ ސޮއިކޮށް ތަސްދީގުކޮށްފައިވާ މުއާހަދާތަކާއި އަދި އެ މުއާހަދާތަކަ ގުޅިގެން ހަދާފައިވާ އ.ދ.ގެ މިންގަނޑުތަކާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ މިންގަނޑުތަކަށް ރިއާޔަތްކޮށްފައިވާނެ ކަމަށެވެ.

އެގޮތުން، ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ލިބުމާއި ފެތުރުމުގެ މިނިވަންކަމާއި އަދި އދގެ މަދަނީ އަދި ސިޔާސީ ހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާގައި ބަޔާންކޮށްފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހަވާލާދީފައިވާނެ ކަމަށެވެ.

އެޗްއާރްސީއެމުން ބުނީ މަދަނީ އަދި ސިޔާސީ ހައްގުތަކާ ގުޅޭ މުއާހަދާގައި، ވަކި ގައުމެއްގެ ނުވަތަ ވަކި ނަސްލެއްގެ ނުވަތަ ވަކި ދީނެއްގެ ބަޔަކާ ދެކޮޅަށް ނަފުރަތާއި ފަސާދަ އުފެއްދުމާއި، ނަފުރަތާއި ފަސާދައަށް ބާރުއެޅުމުގެ ސަބަބުން އެ ބަޔަކަށް ކުރިމަތިވާ އަނިޔާވެރިކަމާއި ތަފާތުކުރުންތައް ގާނޫނުން މަނާކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

ހަމައެއާއެކު، އެ މުއާހަދާގެ މައްޗަށް ހެދިފައިވާ ބައިނަލްއަގުވާމީ މިންގަނޑުތަކުގެ ތެރެއިން 'ކެމްޑެން ޕްރިންސިޕްލްސް' އާއި އދގެ 'ސްޓްރެޓެޖީ އެންޑް ޕްލޭން އޮފް އެކްޝަންސް އޮން ހޭޓް ސްޕީޗް' ގައި ބުނާ މިންގަނޑުތަކަށް، ނަފުރަތުގެ ކުށަކަށް ހަދާ އަމަލުގެ އުންސުރުތައް ފުރިހަމަވުމުގެ މުހިންމުކަން ވެސް ފާހަގަކޮށްފައިވާނެ ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ.

ނަފްރަތުގެ އަމަލުތަކުގެ އިންތައް ކަނޑައެޅުމުގައި ނަފުރަތުގެ އަމަލުތައް މަނާކުރުމަ ގުޅޭގޮތުން އދ. އިން އެކުލަވާލާފައިވާ 'ރަބާތް ޕްލޭން އޮފް އެކްޝަން'ގައި ހިމެނޭ '6 ޕާޓް ތްރެޝްހޯލްޑް ޓެސްޓް' އާ އެއްގޮތްވާ ގޮތުގެ މަތިން ވަކި އަމަލަކީ ނަފުރަތުގެ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް، އެ މިންގަނޑުތައް ބޭނުންކުރުމަށް ވެސް އެޗްއާރްސީއެމް އިން ވަނީ ލަފާދީފަ އެވެ.

ގާނޫނުލްއުގޫބާތަށް 124 ވަނަ މާއްދާގެ މާއްދާއެއް އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އެވެ. އެއީ ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހަދަން އިތުރުކުރާ މާއްދާއެއް ކަމަށް ބުނެފައިވެ އެވެ. ނަފްރަތުގެ އަމަލުތަކުގެ ގޮތުގައި ގިނަ ކަންތައްތަކެއް ބިލުގައި ވަނީ ހިމަނާފަ އެވެ.

އެ ބިލާ ގުޅިގެން ވަނީ ހިޔާލުތަފާތުވުން އުފެދިފަ އެވެ. އެ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް ގިނަ ދީނީ އިލްމުވެރިން އަންނަނީ ވާހަކަދައްކަމުންނެވެ. އަދި އިދިކޮޅު މެމްބަރުންނާއި އެހެން ބައެއް މެމްބަރުން ވެސް ބުނަމުން އަންނަނީ ނަފުރަތުގެ އަމަލު ކުށަކަށް ހެދުމަށް ތާއީދުކުރާ ކަމަށާއި، ނަމަވެސް މިހާރު ބިލު އޮތް ގޮތް ކަމުނުދާ ކަމަށެވެ.

އާންމުތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގެ މީހަކާމެދު ނަފްރަތު އުފެއްދުމާއި އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހަދަން ވަނީ ހިމަނާފަ އެވެ. ބިލުގައި ބުނެފައި ވަނީ އެއީ ޖުނަހުގެ އެއް ވަނަ ދަރައިގެ ކުށެއް ކަމަށެވެ.

comment ކޮމެންޓް