ޖެންޑާއަށް ނޫސްތަކަށް ފިޔަވަޅު ނޭޅޭނެ: މީޑިއާ ކައުންސިލް

މީޑިއާތަކަށް ހުރި ގޮންޖެހުންތަކާއި ހޯދިދާނެ ހައްލުތަކާ މެދު މަސްވަރާކުރުމަށް މީޑިއާ ކައުންސިލުން އިންތިޒާމުކޮއްގެން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާ މީޑިއާތަކުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަކީ ޖެންޑާ މިނިސްޓްރީއަށް ކުރެވޭނެ ކަމެއް ނޫން ކަމަށް، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބުނެފި އެވެ

އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލައިގެ ހަބަރުތައް ގެނެސްދިން ގޮތުން ޖެންޑާ މިނިސްޓްރީން ވަނީ ނޫހެއް ޖޫރިމަނާކޮށް، ތިން ނޫހަކަށް ނޯޓިސް ދީފަ އެވެ.

ޖެންޑާ އިން މީޑިއާތަކަށް ފިޔަވަޅު އެޅީ އެ މައްސަލައިގެ ހަބަރުތައް ގެނެސްދިނުމުގައި ކުޑަކުދިންގެ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް މައުލޫމާތުތައް އާންމުކޮށްފައިވާ ކަމަށް ބުނެ އެވެ. އެގޮތުން "އަވަސް އޮންލައިން" 2،000 ރުފިޔާއިން ޖޫރިމަނާކޮށް، މައާފަށް އެދެން އެންގި އިރު، "ވަގުތު"، "ވަން އޮންލައިން" އަދި "އަދަދު" ނޫހަށް އިންޒާރުކޮށް މިނިސްޓްރީން ވަނީ ނޯޓިސް ފޮނުވައިފަ އެވެ.

އެ މައްސަލައިގައި މީޑިއާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ މީޑިއާގައި ޝާއިއުކުރާ ޝާއިއުކުރުންތަކުގެ މައްސަލަ ބެލުމުގެ ގާނޫނީ އިހްތިސާސް ލިބިގެންވަނީ މޯލްޑިވްސް މީޑިއާ ކައުންސިލަށް ކަމަށާއި، އެ ކައުންސިލާ އެއްވެސް މަޝްވަރާކުރުމެއް ނެތި ދައުލަތުގެ ވުޒާރާއަކުން ނޫސްތައް ޖޫރިމަނާކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. މީޑިއާ ކައުންސިލުން ވަނީ ޖެންޑާ މިނިސްޓްރީގެ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބުނެފައިވާ ފަދައިން، ގާނޫނާ ހިލާފުވާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ހަބަރާއި މައުލޫމާތު ޝާއިއު ކުރުމުގައި، މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ ހަމަތަކާއި މިންގަނޑުތައް ބަޔާންކުރާ އުސޫލާއި، އެފަދަ ޝާއިއުކުރުންތަކާ ގުޅިގެން މީޑިއާތަކުގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެގޮތް ބަޔާންކުރާ އުސޫލު އެކުލަވާލުމުގެ ބާރު ލިބިދީފައިވަނީ މީޑިއާ ކައުންސިލަށެވެ.

އެހެންކަމުން އެ އުސޫލުގެ ތެރެއިން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާ ހިލާފުވާ މީޑިއާތަކުގެ މައްސަލަ
ބަލައި ފިޔަވަޅު އެޅުމަކީ، މީޑިއާ ކައުންސިލުން ކުރަންޖެހޭކަމެއް ކަަށް ބަޔާނުގައި ބުނެފައިވެ އެވެ.

"އަދި އެއީ ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމެއްނެތި އިޖުރާއަތުން ބޭރުން، އެހެން ވުޒާރާއަކުން ނުވަތަ މުއައްސަސާތަކުން ކުރެވިދާނެ ކަމެއް ކަމުގައި މި ކައުންސިލުން ގަބޫލެއް ނުކުރަމެވެ." ބަޔާނުގައި ވެއެވެ.

ހަމަ އެހެންމެ، އެފަދަ މައްސަލަތަކުގެ ހައްލަކީ ޖޫރިމަނާކޮށް އަދަބު ދިނުންކަމަށް ނުދެކޭ ކަމަށާއި، މީޑިއާތައް ޖޫރިމަނާކޮށް އަދަބު ދިނުމަކީ، ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެއިން ފަހަކަށް އައިސް ކުރިއެރުންތަކެއް ހާސިލުކުރަމުންދަނިކޮށް، ނޫސްވެރިކަމުގެ މިނިވަންކަމުގައި އެތައް ދަރަޖައެއް ފަހަތަށް ހިނގައިދާނެ ކަމެއް ކަމަށް ވެސް މީޑިއާ ކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ.

މީޑިއާ ކައުންސިލުން ބުނީ ކުޑަ ކުއްޖާގެ މަރުގެ ހަބަރު ރިޕޯޓުކުރުމުގައި ކުޑަކުދިންގެ އަދުލުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާއި "ގާނޫނާ ހިލާފުވާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ހަބަރާއި މައުލޫމާތު ޝާއިއު ކުރުމުގައި، މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ ހަމަތަކާއި މިންގަނޑުތައް ބަޔާންކުރާ އުސޫލު" އަދި ކުޑަކުދިންނާއި ގުޅޭ ހަބަރާއި މައުލޫމާތު ހާމަކުރުމުގެ ގައިޑްލައިނާއި ހިލާފަށް އެ ހަބަރު ނޫސްތަކުގައި ޝާއިއުކޮށްފައިވާކަން ފާހަގަ ކުރެވުނު ކަމަށެވެ.

އެކަން ފާހަގަކުރެވުމާއެކު އެކަން މީޑިއާތަކުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް އެމްއެމްސީން ބުންޏެވެ. އަދި އެކަމާ ގުޅިގެން ބޭއްވި އެމްއެމްސީގެ ޖަލްސާގައި މަޝްވަރާކުރުމަށްފަހު، ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް ހުރި ކަންކަން ދެނެގަތުމަށް އެސެސްމަންޓެއް ހެދުމަށް ނިންމައި އެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ބުންޏެވެ.

އެ އެސެސްމަންޓް ހަދަން ނިންމާފައިވާކަމުގެ މައުލޫމާތު، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާއި، ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއާއި، ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހާވެސް ހިއްސާކޮށްފައިވާނެ ކަމަށް އެމްއެމްސީން ބުންޏެވެ.

"އެހެންކަމުން، މި ކައުންސިލުން މި މައްސަލައިގައި އެސެސްމަންޓް ހަދައި، ވަކި ގޮތްތަކެއް ނުނިންމަނީސް އެކި ފަރާތްތަކުން މީޑިއާތަކާމެދު ފިޔަވަޅުއަޅައި އިންޒާރުގެ ލިޔުން ފޮނުވައި މީޑިއާތަކަށް ބިރުދެއްކުމުގެ އަމަލުތައް ނުހިންގުމަށް ގޮވާލަމެވެ."

ހަމައެއާއެކު މީޑިއާތަކުގައި ޝާއިއުކުރާ އެއްވެސް ކޮންޓެންޓަކާ ގުޅިގެން މައްސަލައެއް ފާހަގަވާނަމަ، މީޑިއާ ކައުންސިލަށް ޝަކުވާ ހުށަހެޅުމުގެ އިޖުރާއަތްތަކުގެ ތެރެއިން އެކަން ކުރުމަށް އެންމެހާ ފަރާތްތަކަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

https://sun.mv/153560

comment ކޮމެންޓް