އެމެރިކާގައި 12 ބުރީގެ އިމާރާތެއް ވެއްޓި އޭގެ ކޮންކްރީޓްތަކުގެ ދަށުގައި އެތައް ބަޔަކު ތާށިވެއްޖެ

ވެއްޓުނު އިމާރާތް ކުރިންހުރި ގޮތާއި ވެއްޓުމަށްފަހު ހުރި ގޮތް

މަޔާމީ (މޭ 25): އެމެރިކާގެ ފްލޮރިޑާ ސްޓޭޓުގެ މަޔާމީ ސިޓީގައި 12 ބުރީގެ އިމާރާތެއް ވެއްޓި އޭގެ ކޮންކްރީޓްތަކުގެ ދަށުގައި އެތައް ބަޔަކު ތާށިވެއްޖެއެވެ.

ފްލޮރިޑާ ސްޓޭޓުގެ ގަވަރުނަރު ވިދާޅުވީ ކޮންކްރީޓްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށާ ކޮންކްރީޓްތަކުގެ ދަށުން މިހާތަނަށް 35 މީހަކު ސަލާމަތް ކުރެވިފައިވާއިރު މަރުވެފައިވާ މީހެއްގެ ހަށިގަނޑުވެސް ފެނިފައިވާ ކަމުގައެވެ.

ވެއްޓުނު އިމާރާތް ނިސްބަތްވަނީ ރެޒިޑެންޝަލް ކޮންޑޯތަކެއް ހިމެނޭ "ޗެމްޕްލެއިން ޓަވާސް" ކިޔާ ކޮމްޕްލެކްސްއަށެވެ. އެހެން ޓަވަރުތައް ހުއްޓައި އެ އިމާރާތުގެ އެއްބައި ވެއްޓުނު ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެއެވެ. ނަމަވެސް 40 އަހަރު ވެފައިވާ އެ އިމާރާތް ބިނާކުރީ އިމާރާތްކުރުމުގެ މިންގަނޑުތަކާ ހިލާފަށްކަމަށް ޝައްކުކުރެވެއެވެ.

މަޔާމީ ސިޓީގެ އުތުރުގައި އޮންނަ މަޔާމީ ބީޗު ސަރަހައްދުގައި ހުރި އެ އިމާރާތުގެ ކޮންކްރީޓްތަކުގެ ދަށުގައި އަދިވެސް 99 މީހުން ތާށިވެފައި ތިބޭނެކަމަށްވަނީ ބެލެވިފައެވެ. މިއާމީގެ ފުލުހުން ބުނާގޮތުން އެ އިމާރާތް ވެއްޓޭން މެދުވެރިވި ސަބަބު ދެނެގަތުމުގެ ތަހުގީގުތައް ވަނީ ފަށާފައެވެ.

އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި އިމާރާތް ކުރުމުގެ މިންގަނޑުތަކާ ޚިލާފަށް އެތައް އިމާރާތެއް ބިނާކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ހުއްދަނެތް ކުންފުނިތަކުން އެފަދަ އިމާރާތްތައް ބިނާކުރަނީ ލެޓިން އެމެރިކާގެ ގައުމުތަކުން ގާނޫނާ ޚިލާފަށް އެމެރިކާއަށް ހިޖްރަކޮށްގެން އުޅޭ ހިޖުރަވެރީންގެ ބޭނުންކޮށްގެންނެވެ.

ގަވައިދާ ޚިލާފަށް އުޅޭ އެފަދަ ހިޖުރަވެރިންނަކީ އަގުހެޔޮކޮށް މަސައްކަތް ކޮށްދިނުމަށް މަޝްހޫރު ބައެކެވެ. ރިއަލް އެސްޓޭޓްގެ ދާއިރާގައި މަސައްކަތްކުރާ އެމެރިކާގެ އެތައް ހާސް ކުންފުނި ހިމެނޭއިރު އޭގެތެރޭގައި ހިމެނޭ ކުދި ބައެއް ކުންފުނިތަކަކީ ގަވައިދާ ޚިލާފަށް އުޅޭ އަގުހެޔޮ ހިޖުރަވެރި ލޭބަރުން ބޭނުންކޮށްގެން ހުއްދަނެތި އެފަދަ އިމާރާތްތައް ބިނާކޮށް އެޕާޓްމަންޓްތައް އަގު ހެޔޮކޮށް ވިއްކައި ހަދާ ކުންފުނިތަކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް