ރައީސް ނަޝީދު، ޖަރުމަނު ޕާލަމެންޓުގެ ރައީސާ ބައްދަލުކުރައްވައިފި

މާލޭގައި ދިން ޓެރަރިސްޓް ހަމަލާއެއްގައި ޒަހަމްވެވަޑައިގެން ސިއްހީ ފަރުވާއަށް ޖަރުމަނަށއ ވަޑައިގެން ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު, ޖަރުމަނުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ "ބުންޑަސްޓަގް"ގެ ރައީސްއާ ބައްދަލުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން ބުނި ގޮތުގައި ރައީސް ނަޝީދު ބުންޑަސްޓަގްގެ ރައީސް ވުއަލްފްގަންގް ޝުއައިބުލައާ އިއްޔެ ބައްދަލުކުރައްވައި, ރާއްޖެއާއި ޖަރުމަނާ ދެމެދު އޮތް ގުޅުމާ މެދު މަޝްވަރާކުރެއްވި ކަމަށެވެ.

އަދި ޖަރުމަނުގެ މެކްސް ޕްލޭންކް ފައުންޑޭޝަން ފޯރ އިންޓަނޭޝަނަލް ޕީސް އެންޑް ދަ ރޫލް އޮފް ލޯއިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އިދާރާގެ މުވައްޒަފުންނަށް ފޯރުކޮށްދޭ ތަމްރީނު ޕްރޮގްރާމްތައް ފާހަގަކުރައްވައި, ރައީސް ނަޝީދު އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.

މިދިޔަ މޭ މަހުގެ ކުރީކޮޅު މާލޭގައި އެއްޗެއް ގޮއްވައިލީ ރައީސް ނަޝީދު ގ. ކެނެރީގެއިން ނުކުމެވަޑައިގެން މަޖީދީމަގުގައި އޮތް އެމަނިކިފާނުގެ ކާރުކޮޅަށް އަރާވަޑައިގަތުމަށް ހިންގަވާފައި ވަޑައިގަންނަވަނިކޮށެވެ. އެ ގޮވުމުގެ ސަބަބުން އެމަނިކުފާނުގެ ހަށިކޮޅުގެ އެކި ތަންތަނަށް ރޭޒާފުށްތަކެއް ވަދެ އެމަނިކުފާނު ވަރަށް ބޮޑަށް ޒަހަމްވިއެވެ. އެހެން ނަމަވެސް އޭޑީކޭ ހޮސްޕިޓަލުގައި އެމަޖެންސީގައި ގިނަ ސާޖަރީތަކެއް ހަދައި އެމަނިކުފާނު ވަނީ ސަލާމަތްކޮށްފައެވެ.

ރައީސް ނަޝީދު އިތުރު ފަރުވާއަށް ޖަރުމަނަށް ވަޑައިގަތީ 13 މެއި 2021 ގައެވެ.

އެމަނިކުފާނަށް ދިން ހަމަލާއާ ގުޅިގެން ފުލުހުންވަނީ ހަތަރު މީހަކު ހައްޔަރުކޮށްފައެވެ. އެއީ މއ. ފޭރުގެ، މުޖާޒު އަހުމަދު، 21، ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު، 32، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު، 26 އަދި ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު، 23 އެވެ. އޭގެ ތެރެއިން ހަމަލާ ދިނުމަށް ރިމޯޓަށް ފިއްތައި ބޮން ގޮއްވާލީ އަދުހަމް އަހްމަދު ރަޝީދެވެ.

ހައްޔަރުކުރި ހަތަރު މީހުންނަކީވެސް ހަރުކަށި ފިކުރުގެ ބައެއް ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

comment ކޮމެންޓް