މީޑިއާތައް ރެގިއުލޭޓްކުރުމުގައި ސަރުކާރުން ނުފޫޒުފޯރުވުން ހުއްޓާލަން ގޮވާލައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ ބައެއް ނޫސްވެރިންނާ އެކު --- ފޮޓޯ/ރައީސް އޮފީސް

މީޑިއާތައް ރެގިއުލޭޓްކުރުމުގެ މަސައްކަތުގެ ތެރެއަށް ސަރުކާރުން ސީދާކޮށް އަދި ނުސީދާކޮށް ނަމަވެސް، ނުފޫޒު ފޯރުވުން ހުއްޓާލުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލައިފި އެވެ.

އެމްޖޭއޭ އިން އެފަދައިން ގޮވާލާފައި ވަނީ، 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލައިގެ ހަބަރުތައް ގެނެސްދިން ގޮތުން ޖެންޑާ މިނިސްޓްރީން ނޫހެއް ޖޫރިމަނާކޮށް، ތިން ނޫހަކަށް ނޯޓިސް ދިން މައްސަލައިގައި ނެރުނު ބަޔާނެއްގަ އެވެ.

ޖެންޑާ އިން މީޑިއާތަކަށް ފިޔަވަޅު އެޅީ އެ މައްސަލައިގެ ހަބަރުތައް ގެނެސްދިނުމުގައި ކުޑަކުދިންގެ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް މައުލޫމާތުތައް އާންމުކޮށްފައިވާ ކަމަށް ބުނެ އެވެ. އެގޮތުން "އަވަސް އޮންލައިން" 2،000 ރުފިޔާއިން ޖޫރިމަނާކޮށް، މައާފަށް އެދެން އެންގި އިރު، "ވަގުތު"، "ވަން އޮންލައިން" އަދި "އަދަދު" ނޫހަށް އިންޒާރުކޮށް މިނިސްޓްރީން ވަނީ ނޯޓިސް ފޮނުވައިފަ އެވެ.

އެމްޖޭއޭ އިން ބުނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުން ބާރު ލިބިގެން ކަމަށް ބުނެ ސީދާ ސަރުކާރުގެ ވުޒާރާއަކުން މީޑިއާތަކުން ރިޕޯޓްކުރާ ކޮންޓެންޓް ރެގިއުލޭޓްކޮށް، މީޑިއާތަކަށް ފިޔަވަޅު އަޅާ އިންޒާރުކޮށް ހެދުމަކީ އެ ޖަމިއްޔާއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ހަމައެއާއެކު ރާއްޖޭގައި މީޑިއާ ރެގިއުލޭޓްކުރާނެ ގޮތާއި، އެކަން ކުރާ މުއައްސަސާތައް ސާފުކޮށް ގާނޫނުގައި ބަޔާންކޮށްފައިވަނިކޮށް، އެފަދަ އެއްވެސް މުއައްއަސަސާއެއްގެ ބައިވެރިވުމެއް އަދި މަޝްވަރާ އެއް ވެސް ނެތި، ސަރުކާރުގެ ފަރާތުން މީޑިއާތަކަށް އިންޒާރު ދީ، ޖޫރިމަނާކުރުމަކީ މިނިވަން ނޫސްވެރިކަމަށް އެޅޭ ހުރަހެއް ކަމުގައި ދެކޭ ކަމަށް ވެސް އެމްޖޭއޭ އިން ބުންޏެވެ.

އެމްޖޭއޭ އިން ނެރުނު ބަޔާނުގައި ބުނީ، އެމައްސަލައިގައި ފިޔަވަޅު އެޅި މީޑިއާތަކުން މައުލޫމާތު ހޯދާފައިވާ ކަމަށާއި ޖެންޑާ މިނިސްޓްރީން ފިޔަވަޅު އެޅުމުގެ ކުރިން ޖަވާބުދާރީވުމުގެ އެއްވެސް ފުރުސަތެއް އަދި އެއްވެސް ޒާތެއްގެ މުއާމަލާތެއް ވެސް މިނިސްޓްރީން އެ މީޑިއާތަކާ އެކު ކޮށްފައި ނުވާކަމަށް ބުނި ކަމަށެވެ.

"ގާނޫނުގައި ބަޔާންކުރާ އިޖުރާއަތްތައް ފުރިހަމަނުކޮށް އަދި ތަހުގީގެއް ކުރުމަކާ ނުލާ، ޖަވާބުދާރީވުމުގެ ފުރުސަތެއްވެސް ދިނުމެއް ނެތި މީޑިއާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ މި ޖަމިއްޔާއިން ބަލައިގަންނަ މިނިވަން ނޫސްވެރިކަމުގެ އަސާސްތަކާ ކަނޑައެޅިގެން ފުށުއަރާ، އަދި ދުނިޔޭގައި މިފަދަ މައްސަލަތަކުގައި އަމަލުކުރެވޭ 'ބެސްޓް ޕްރެކްޓިސް'ގެ އުސޫލުތަކާވެސް ހިލާފުވާ ކަމެއް ކަމުން، މިކަމަކީ މިޖަމިއްޔާއިން ކަނޑައެޅިގެން ދެކޮޅު ހަދާ އަމަލުތަކެއް ކަން ފާހަގަކުރަމެވެ."

ނޫސްތަކުގައި ޝާއިއުކުރާ ހަބަރާއި، ފޮޓޯ އަދި އެހެނިހެން މައުލޫމާތާ ގުޅޭ އެތިކަލް މައްސަލަތައް ބަލައި ފިޔަވަޅު އަޅަން ޖެހޭނީ ގާނޫނުން ސާފު ސީދާކޮށް އެކަން މަތިކޮށްފައިވާ ނޫސްވެރިކަން ރެގިއުލޭޓްކުރާ އިދާރާތަކުން ކަމަށް އެމްޖޭއޭ އިން ބުންޏެވެ. އަދި ސަރުކާރާއި ދައުލަތުގެ އެ ނޫން ފަރާތްތަކުން މީޑިއާތަކާ މެދު ފިޔަވަޅު އަޅައި އިންޒާރުދީ ހެދުމަކީ އެއްވެސް ހާލެއްގައި ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.

ސަރުކާރުގެ ސިޔާސީ ނުފޫޒާއެކު އަދި ސަރުކާރުގެ ފަރާތުން މީޑިއާތައް ރެގިއުލޭޓްކުރަން އުޅުމުގެ ހިތި ތަޖުރިބާ މީގެ ކުރިން ރާއްޖޭގެ ނޫސްވެރިން ކޮށްފައިވާކަމަށާއި، އެކަމުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމަށް ނޭދެވޭ އަސަރުކުރާ މިންވަރު ނުހަނު ސާފުކޮށް ފެނިގެން ގޮސްފައިވާކަން އެމްޖޭއޭ އިން ފާހަގަކުރި އެވެ.

"މިދަނޑިވަޅުގައި ސަރުކާރުގެ ފަރާތުން މިމައްސަލާގައި އަޅާފައިވާ ފިޔަވަޅުތައް އަނބުރާ ގެންގޮސް، މީޑިއާތައް ރެގިއުލޭޓްކުރުމުގެ މަސައްކަތުގެ ތެރެއަށް ސަރުކާރުން ސީދާކޮށް އަދި ނުސީދާކޮށް ނަމަވެސް، ނުފޫޒު ފޯރުވުން ހުއްޓާލުމަށް މިޖަމިއްޔާއިން ގޮވާލަމެވެ."

comment ކޮމެންޓް