ހަމަލާގެ ތަހުގީގުގެ ފާރަވެރިޔާއާ 241 ކޮމިޓީން ސުވާލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގަށް ފާރަވެރިވާން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަންކުރެއްވި މަންދޫބާ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ސުވާލުކޮށްފި އެވެ.

ހަމަލާއާ ގުޅިގެން ސަލާމަތީ ބާރުތަކުން ހިންގާ ތަހުގީގު ގާތުން ބެލުމަށް ހާއްސަ މަންދޫބެއްގެ ގޮތުގައި ރައީސް ހަމަޖެއްސެވީ އިނގިރޭސި ވިލާތުގެ ރައްޔިތެއް ކަމަށްވާ އައްބާސް ފާއިޒް އެވެ.

ބޮމުގެ ހަމަލާއާ ގުޅިގެން 241 ކޮމިޓީން ކުރިއަށް ގެންދާ އިންކުއަރީއަށް އޭނާއާ ސުވާލުކުރީ އިއްޔެ އެވެ.

ހަމަލާގެ ތަހުގީގުގެ އިތުރުން، މައްސަލައިގެ ކޯޓު މަރުހަލާ ވެސް ރައީސްގެ މަންދޫބު ވަރަށް ގާތުން ބައްލަވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

އެގޮތުން މައްސަލައިގައި އިންސާފު ގާއިމްކުރެވެންދެން ބޭނުންވާ ހާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި، ތައްޔާރުކުރަން ޖެހޭ އެންމެހާ ރިޕޯޓުތައް ވެސް އޭނާ ތައްޔާރު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އޭނާ މަސައްކަތް ކުރައްވަނީ ރައީސް އޮފީހުގައެވެ.

އައްބާސް ފާއިޒަކީ ވަރަށް ގިނަ ދުވަސްތަކެއްވަންދެން އެމްނެސްޓީ އިންޓަރނޭޝަނަލްގެ ދެކުނު އޭޝިޔާ ބައްރުގެ އިޖްތިމާއީ، ސަގާފީ އަދި ސިޔާސީ މައްސަލަތައް ދިރާސާކުރެއްވި ކަމާ ގުޅޭ ހާއްސަ މާހިރެކެވެ.

އޭނާއަކީ ދެކުނު އޭޝިޔާ ބައްރުގެ ގައުމުތަކުގައި އިންސާނީ ހައްގުތައް ކުރިއެރުވުމުގެ މަސައްކަތުގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރައްވައި، ކަމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އައްބާސް ފާއިޒަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އެސެކްސްގައި 2017 ވަނަ އަހަރުން ފެށިގެން ގާނޫނީ އިލްމުގެ ލެކްޗަރަރއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

comment ކޮމެންޓް