އެންޓިވައިރަސް ސޮފްޓްވެޔާ އުފެއްދި މެކަފީ މަރުވެއްޖެ

ޖޯން މެކަފީ މަރުވީ އުމުރުން 75 އަހަރުގައި -- ފޮޓޯ: އޭޕީ

ބާސެލޯނާ (ޖޫން 24): އެންމެ ފުރަތަމަ ކޮމާޝަލް އެންޓި-ވައިރަސް ސޮފްޓްވެޔާ އުފެއްދި ކުންފުނީގެ ބާނީ، ޖޯން މެކަފީ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތުގެ ރަށްވެހިކަން އޮންނަ މެކަފީ މަރުވީ ސްޕެއިންގެ ޖަލެއްގަ އެވެ. އޭނާގެ ވަކީލުން ވިދާޅުވި ގޮތުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތުން ދޭހަވަނީ އޭނާ އަމިއްލައަށް މަރުވީ ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބާސެލޯނާ އިންޓަނޭޝަނަލް އެއާޕޯޓުން މެކަފީ ހައްޔަރު ކުރީ އޭނާ ތުރުކީއަށް ދާން އުޅެނިކޮށެވެ. އެއީ އޭނާއަށް ކޮންސަލްޓެންސީ މަސައްކަތްތަކުންނާއި ކްރިޕްޓޯކަރަންސީންނާއި އޭނާއާ ބެހޭ ގޮތުން ހަދާ ޑޮކިއުމެންޓަރީއަކުން ލިބުނު އާމްދަނީ ރިޕޯޓު ކުރަން ދެކޮޅު ހަދާ، ޓެކްސް ދެއްކުމުން ބަރީއަވި ކަމަށް އެމެރިކާއިން އޭނާގެ މައްޗަށް ދައުވާ ކުރި ފަހުންނެވެ.

އެ މައްސަލައިގައި މެކަފީ އެމެރިކާއާ ހަވާލު ކުރަން ސްޕެއިންގެ އެންމެ މަތީ ކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފަ އެވެ. އަދި ކޯޓު އަޑުއެހުމެއްގައި އޭނާ ވަނީ އޭނާއާ ދެކޮޅަށް ދައުވާ ކުރީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރަން އުޅުމުން ކަމަށާއި އެއީ ސިޔާސީ ދައުވާތަކެއް ކަމަށް ބުނެފަ އެވެ. އޭގެ ކުރިން 2016 ވަނަ އަހަރުވެސް މެކަފީ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރަން މަސައްކަތް ކުރި އެވެ.

"2018 ވަނަ އަހަރުގެ ފަހުކޮޅު އަހަރެން އިއުލާން ކުރިން އަނެއްކާވެސް [ރިޔާސީ އިންތިހާބުގައި] ވާދަ ކުރާނެ ކަމަށް އަދި އައިއާރުއެސް [އެމެރިކާގެ ޓެކްސް އިދާރާ] އާއި އެ ތަނުގެ ކޮރަޕްޝަން ބަލާނެ ކަމަށް. އަދި އޭގެ ދެ މަސް ފަހުން އައިއާރުއެސްއިން އަހަންނަށް ދައުވާ ކުރަން ހުށަހެޅީ،" މެކްއަފީ ބުންޏެވެ.

މީގެ ކުރިން 2019އިގައި މެކަފީ ވަނީ ޓެކްސް ނެގުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި އޭނާ ޓެކްސް ދައްކަން ޖެހޭ މިންވަރާ ބެހޭ މައުލޫމާތު ހުށަނާޅާތާ އަށް އަހަރު ވެދާނެ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް