ހޮންކޮންގްގެ އެޕަލް ޑެއިލީ ނޫސް ހުއްޓާލަނީ

އެޕަލް ޑެއިލީ ނޫސް ހުއްޓާލަން ނިންމާފައިވާކަން ވަނީ އިއުލާންކޮށްފަ --- ފޮޓޯ: ރޮއިޓާސް

ހޮންކޮންގް (ޖޫން 23): ހޮންކޮންގްގެ ޑިމޮކްރަސީއަށް ތާއިދު ކުރާ އެންމެ ބޮޑު ނޫސް ކަމަށްވާ އެޕަލް ޑެއިލީ ބަންދު ކުރަން ނިންމާފައިވާކަން އެ ކުންފުނިން އިއުލާންކޮށްފި އެވެ.

އެޕަލް ޑެއިލީން މިއަދު ބުނި ގޮތުގައި އެ ނޫސް ޗާޕު ކުރުމާއި ވެބްސައިޓު އަޕްޑޭޓު ކުރުން މިރެއިން ފެށިގެން ހުއްޓާލާނެ އެވެ. އަދި މާދަމާ ނެރޭނީ އެ ނޫހުގެ އެންމެ ފަހު ކޮޕީތަކެވެ.

"ސައްބީސް އަހަރުވަންދެން ހުރިހާ ކިޔުންތެރިންނާއި ސަބްސްކްރައިބަރުންނާއި އެޑް ކްލަޔަންޓުންނާއި ހޮންކޮންގްގެ ރައްޔިތުން ދިން ލޯތްބާއި ކުރި ތާއިދަށް ޝުކުރިއްޔާ. މިހާ ހިސާބުން އަޅުގަނޑުމެން ވަކިވެލަނީ،" އެޕަލް ޑެއިލީގެ ވެބްސައިޓުގައިވެ އެވެ.

އެ ލިޔުމުގައިވާ ގޮތުން ނޫސް ހުއްޓާލަން ނިންމީ ނޫހުގެ "މުވައްޒަފުންގެ ރައްކާތެރިކަމަށް" ބަލާފަ އެވެ.

އެޕަލް ޑެއިލީގެ ވެރިޔާ އަދި ޗައިނާގެ މައި ސަރުކާރަށް ފާޑު ކިޔާ ބިލިއަނަރު ޖިމީ ލައި މިދިޔަ އޮގަސްޓު މަހު ހައްޔަރު ކުރި ފަހުން އެ ނޫހަށް ތަފާތު ފިއްތުންތައް ކުރިމަތިވެފައިވެ އެވެ. އެގޮތުން ލައި ހައްޔަރު ކުރި ފަހުން ދެ ފަހަރަކު އެ ނޫހުގެ މައި އޮފީސް ފުލުހުން ރޭޑު ކޮށްފައިވެ އެވެ. އަދި އެ ނޫހުގެ އެގްޒެކެޓިވް މަގާމުތަކުގައި ތިބި ފަސް މީހަކު ހައްޔަރުކޮށް، އެ ނޫހުގެ 18 މިލިއަން ޑޮލަރުގެ މުދާ މިހާރު ވަނީ ހިފަހައްޓާފަ އެވެ.

ލައިގެ މައްޗަށް ވަނީ ޗައިނާގެ އަމަނާ ބެހޭ ގާނޫނުގެ ދަށުން ދައުވާކޮށްފަ އެވެ. އެއީ ބޭރުގެ ފަރާތްތަކާ ގުޅިގެން ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަމެއް ކުރަން އުޅުމުގެ ދައުވާ އެވެ. އެ ގާނޫނުގައި ވަނީ ޗައިނާއިން ހޮންކޮންގް ވަކި ކުރުމާއި މައި ސަރުކާރުގެ ބާރު ކަނޑުވާލަން މަސައްކަތް ކުރުމާއި ބޭރުގެ ބާރުތަކާ އެކު ސިއްރިއްޔާތުގައި މަސައްކަތް ކުރުމާއިި ޓެރަރިޒަމްގެ އަމަލުތައް މަނާކޮށްފަ އެވެ. އަދި އެ ގާނޫނާ ހިލާފުވާ މީހުން އިންތިހާބުތަކުގައި ވާދަކުރުން މަނާކޮށް، އުމުރަށް ޖަލަށް ލެވިދާނެ އެވެ.

އެޕަލް ޑެއިލީ ބަންދު ކުރަން ނިންމުމާ ގުޅިގެން އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މިއަދަކީ "ހޮންކޮންގްގެ ނޫސްވެރިކަމުގެ މިނިވަންކަމަށް ފަހުގެ ތާރީހުގައި އައި އެންމެ އަނދިރި ދުވަހުގެ" ގޮތުގައި ސިފަކޮށްފަ އެވެ. އަދި އެއީ "ސަރުކާރަށް ފާޑު ކިޔާ، ހޮންކޮންގާ ބެހޭ ބައިނަލްއަގުވާމީ މަޝްވަރާތައް ރިޕޯޓު ކުރުމުން" ސަރުކާރުން އެ ނޫސް މަނާ ކުރުން ކަމަށާއި އެއީ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން، އިނގިރޭސިވިލާތުގައި ހިންގާ އެޑްވޮކެސީ ޖަމާއަތެއް ކަމަށްވާ ހޮންކޮންގް ވޮޗްއިން ވަނީ އެ ސިޓީ އާއި ޗައިނާގެ އޮފިޝަލުންނާ ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ގޮވާލާފަ އެވެ.

comment ކޮމެންޓް