ލަންކާގައި ނޫސްވެރިންނަށް ކުރާ ޖިންސީ ފުރައްސާރަ ތަހުގީގު ކުރަން ސަރުކާރުން އަންގައިފި

ލަންކާގެ އަންހެން ނޫސްވެރިން ވަނީ އެމީހުންނަށް ކުރިމަތިލާން ޖެހޭ ޖިންސީ ފުރައްސާރައިގެން ވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރަން ފަށާފަ --- ފޮޓޯ: ރޮއިޓާސް

ކޮލަމްބޯ (ޖޫން 23): ސްރީލަންކާގެ މީޑިއާތަކުގައި އަންހެން ނޫސްވެރިން ތަޖުރިބާ ކުރާ ޖިންސީ ފުރައްސާރައިގެ ވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރާ ހަރަކާތެއް ފެށުމާ ގުޅިގެން، އެފަދަ ތުހުމަތުތައް ތަހުގީގު ކުރަން ސަރުކާރުން އަންގައިފި އެވެ.

ހޮލީވުޑްގެ ޕްރޮޑިއުސަރު ހާވީ ވައިންސްޓީންއާ ދެކޮޅަށް ރޭޕް އާއި ޖިންސީ ފުރައްސާރައިގެ ތުހުމަތުތައް ފެންމަތިވި އިރު ފެށުނު "މީޓޫ" ހަރަކާތާ އެއްގޮތަށް، ލަންކާގެ އަންހެން ނޫސްވެރިން ވަނީ އެމީހުންނަށް ވަޒީފާގައި ކުރިމަތިލާން ޖެހުނު ފުރައްސާރައިގެ ވާހަކަތައް ހިއްސާކޮށްފަ އެވެ. އެގޮތުން އެންމެ ފުރަތަމަ ވާހަކަ ދެއްކި ނޫސްވެރިންގެ ތެރޭގައި 2010 އާއި 2017އާ ދޭތެރޭ ލަންކާގެ ނޫހެއްގައި މަސައްކަތް ކުރި ސާރާ ކެލަޕަތާ ހިމެނެ އެވެ.

ކެލަޕަތާ ބުނި ގޮތުގައި އޭނާއާ އެއްކޮށް މަސައްކަތް ކުރި ފިރިހެން މުވައްޒަފުން އަންހެން މުވައްޒަފުންނާ ފޮށި، ޖިންސީ ވާހަކަތައް ދައްކާ މަންޒަރު އޭނާއަށް ފެނިފައިވެ އެވެ. އަދި އޭނާއާ އެއްކޮށް މަސައްކަތް ކުރި މީހަކު އޭނާ ރޭޕް ކުރަން އިންޒާރު ދިން ކަމަށްވެސް ކެލަޕަތާ ބުންޏެވެ.

"އަހަރެމެން ދައްކަމުން ދިޔަ ވާހަކައެއްގެ ތެރެއިން، އަަހަރެން ރޭޕް ކޮށްފާނެ ކަމުގެ އިންޒާރު ފިރިހެން މުވައްޒަފަކު ދިން. މިހާރު ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރާ އެ މީހާ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ޓުވިޓާއިން ވީޑިއޯއަކުން ފެނުމުން އެ ވާހަކަ އަނެއްކާވެސް ހަނދާނަށް އައި،" ކެލަޕަތާ ބުންޏެވެ.

މީގެ އިތުރުން، އެހެން ނޫސްވެރިޔެއް ކަމަށްވާ ސަހުލާ އިލްހާމް ބުނި ގޮތުގައި މިހާރު ބަންދުކޮށްފައިވާ ލަންކާގެ ނޫހެއްގައި އޭނާ މަސައްކަތް ކުރި އިރު "މަޝްހޫރު އެޑިޓަރަކު" އޭނާއަށް ޖިންސީ އަނިޔާ ކުރި އެވެ. އަދި އެކަމާ ބެހޭ ވާހަކަ ނުދެއްކުމަށް އޭނާގެ އާއިލާއަށް އެ އެޑިޓަރު ޕްރެޝަރު ކުރި އެވެ.

ލަންކާގެ ނޫސްވެރިން ހިއްސާ ކުރި އެފަދަ ވާހަކަތަކާ ގުޅިގެން އެގައުމުގެ ސަރުކާރުގެ ތަރުޖަމާނު އަދި މިނިސްޓާ އޮފް މާސް މީޑިއާ ކެހެލިޔާ ރަމްބުކްވެލަ ވަނީ އެފަދަ މައްސަލަތައް ތަހުގީގުކޮށް، އަންހެން ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް ގާއިމުވެފައިވާކަން ޔަގީން ކުރުމަށް ގަވަމެންޓް އިންފޮމޭޝަން ޑިޕާޓްމެންޓަށް އަންގަވާފަ އެވެ.

"އަޅުގަނޑުމެން އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން. އަދި ފިޔަވަޅު އަޅަން ފަސް ނުޖެހޭނަން،" ރަމްބުކްވެލަ ވިދާޅުވި އެވެ.

ރަމްބުކްވެލަ ވިދާޅުވި ގޮތުގައި އެ ތުހުމަތުތައް ތަހުގީގު ކުރުމަށް ހަވާލުކޮށްފައި ވަނީ އިންފޮމޭޝަން ޑިޕާޓްމެންޓުގެ ޑިރެކްޓާ ޖެނެރަލާ އެވެ.

comment ކޮމެންޓް