"ބުރައްމަސްތުރާ"ގެ ފަހު މަންޒަރުތައް ނަގާނީ ހަންގޭރީގައި

ފިލްމުގެ ލީޑު ދެތަރިންނާ ފިލްމުގެ ޑައިރެކްޓަރު---

އަޔާން މުކަރްޖީގެ ވަރުގަދަ ފިލްމު "ބުރައްމަސްތުރާ"ގެ ފަހު ޝެޑިއުލްގެ ޝޫޓިން ހަންގޭރީގައި ނެގުމަށް ހަމަޖެހިއްޖެ އެވެ.

ދެހާސް އަށާރަ ވަނަ އަހަރު މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމިއިރު މި ފިލްމު ވަނީ އެކި ފަހަރުގެ މަތިން ޝޫޓިން ނުނިމުގެ ސަބަބުން ފަސްކޮށްފަ އެވެ. ބަތަލާ އާލިއާ ބަޓް އާ ރަންބީރު ކަޕޫރު ލީޑު ރޯލުން ކުޅޭ މި ފިލްމުގެ ފަހު ޝެޑިއުލްގެ ޝޫޓިންނަށް އަންނަ އޮގަސްޓް މަހު ތަރިން ހަންގޭރީއަށް ފުރުމަށް ވަނީ ހަމަޖެހިފަ އެވެ. ހަންގޭރީގެ ބުޑަޕެސްޓްގެ ހިތްގައިމު މާހައުލުގައި ޝޫޓިން ނަގާއިރު ފިލްމުގެ މަންޒަރުތައް ވަނީ މުމްބާއީގެ އިތުރުން އެމެރިކާ އަދި އިނގިރޭސިވިލާތުގައި ނަގާފައެވެ.

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދޭން އުޅޭ ފުރަތަމަ ޓްރިލޮޖީގެ ފުރަތަމަ ބައި "ބުރައްމަސްތުރާ" އެންމެ ފުރަތަމަ ސިނަމާތަކަށް ގެންނަން ނިންމީ 2018 ވަނަ އަހަރެވެ. ނަމަވެސް ފިލްމު ފަސްކުރަމުން ފަސްކުރަމުން ދަނިކޮށް ކޮވިޑްގެ ޕެންޑެމިކް ކުރިމަތިވުމާއި ގުޅިގެން އިތުރަށް ފިލްމު ފަސްކުރަންޖެހުނީއެވެ.

"ބުރައްމަސްތުރާ" ވާނީ ބޮލީވުޑްގެ ލޯބި ޖޯޑު އާލިއާ އާއި ރަންބީރު ދެތަރިން އެކުގައި ކުޅޭ ފުރަތަމަ ފިލްމަށެވެ. އެ ފިލްމުގެ ގިނަ މަންޒަރުތަކެއ ބަލްގޭރިއާގައި ވެސް ވަނީ ނަގާފައެވެ.

އެ ފިލްމުގައި ފެންނާނެ އިތުރު ކާސްޓުންނަކީ، ޑިމްޕަލް ކަޕާޑިއާ، އަމީތާބު ބައްޗަން އަދި ނާގުރްޖުނާ އަކިނޭނީ އެވެ. މި ފިލްމަކީ ދަރުމާ ޕްރޮޑަކްޝަނުން މިހާތަނަށް ހެދި އެންމެ އަގުބޮޑު ފިލްމު ވެސް މެއެވެ. ފިލްމު އެކި ބައިބަޔަށް ބަހާލައިގެން ގެނެސްދޭއިރު މި ފިލްމުގެ ދެވަނަ ބައިން ފެނިގެންދާނީ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންހް ކަމަށް ހަބަރުތައް ބުނެއެވެ.

comment ކޮމެންޓް