މަރާލި ކުއްޖާއަށް އާއިލާއާ ގުޅިގެން އިޖުތިމާއީ އެހީ ފޯރުކޮށްދޭން މަސައްކަތްކުރި: ޖެންޑާ

ޖެންޑާ މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު ފާތިމަތު ޔުމްނާ--

މާލޭގައި ރަހީނު ކުރުމަށްފަހު މަރާލާފައިވަނިކޮށް ފެނުނު 13 އަހަރުގެ ކުއްޖާއަކީ އާއިލާއާއި ޖެންޑާ މިނިސްޓްރީ ގުޅިގެން އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދެމުންދިޔަ ކުއްޖެއް ކަމަށް އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ޔުމްނާ ވިދާޅުވެއްޖެ އެވެ.

މިއަދު ފުލުހުންނާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔުމްނާ ވިދާޅުވީ އެކުއްޖާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އާއިލާއިން މިނިސްޓްރީއާއެކު ވަރަށް ގާތުން މަސައްކަތްކުރި ކަމަށެވެ.

"ވޭދަނައިގެ މަސައްކަތް ކޮށްފައިވަނީ މި ކުއްޖާގެ މަންމައާ ގުޅިގެން، އިޖުތިމާއީ ގޮތުން ކުއްޖާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް." ޔުމްނާ ވިދާޅުވި އެވެ.

އެ ކުއްޖާއަކީ ތައުލީމީ ގޮތުން ވެސް ގާބިލުކަން ހުރި ކުއްޖެއްކަން އެ މަސައްކަތުގެ ދަށުން ފާހަގަކުރެވުނު ކަމަށްވެސް ޔުމްނާ ވިދާޅުވި އެވެ.

"ކުއްޖާއާއެކު ކުރެވުނު ވޭދަަނައިގެ މަސައްކަތުން ފާހަގަކުރެވުނު ގޮތުގައި ކުއްޖާއަކީ ތައުލީމު އުނގެނެމުންދާ އަދި ކުއްޖާގެ މުދައްރިސުންގެ ފަރާތުން ވެސް އެއީ ގާބިލުކަން ހުރި ކުއްޖެއްކަން ފާހަގަކޮށްފައިވޭ." ޔުމްނާ ވިދާޅުވި އެވެ.

އެ މަރާ ގުޅިގެން 17 އަހަރުގެ ފިރިހެން ކުއްޖަކާއި 27 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާއިރު، އެ ބައްދަލުވުމުގައި ފުލުހުންގެ ހެޑް އޮފް ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓް، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ ތަހުގީގަށް ބޮޑެތި ކުރިއެެރުންތަކެއް ލިބިފައިވާ ކަމަށެވެ.

"މިހާރު ފުލުހުން ކުރާ މަސައްކަތަކީ މައްސަލައިގައި އިތުރަށް ހޯދަން ޖެހޭ މައުލޫމާތު ހޯދައި، މައްސަލަ ޝަރީއަތަށް ފޮނުވުމަށްޓަކައި އެއްކުރަން ޖެހޭ ހެއްކާއި ގަރީނާ އެއްކުރުމުގެ މަސައްކަތް." އޭނާ ވިދާޅުވި އެވެ.

އެ މަރާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، އެ މައުލޫމާތު ފުލުހުންނަށް ހިއްސާ ކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. މައުލޫމާތު ހިއްސާކުރުމަށް ގުޅާނީ 9911099، 3000600 ނުވަތަ 1412 އަށެވެ.

comment ކޮމެންޓް